ޚަބަރު

މިނިސްޓަރ ޝާހިދު، އިންޑިއާގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައިފި


ރައީސީނާ ޑައިލޮގްގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެތެރެއިން، ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު، އިންޑިއާގެ އެކްސްޓަރނަލް އެފެއަރސް މިނިސްޓަރ ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރްއާއި ބައްދަލުކުރައްވައިފިއެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގައި ބޭއްވި މިބައްދަލުވުމުގައި ދެ މިނިސްޓަރުން ވަނީ ދެޤައުމުގެ މެދުގައި އޮތް ގާތް އެކުވެރި ގުޅުންތަކާއި، ދެމުންގެންދާ އެއްބާރުލުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މިބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ އިންޑިއާއިން ރާއްޖެއަށް އަބަދުވެސް ދެމުންގެންދާ އެހީއަށް ޝުކުރުއަދާކުރައްވައި ދެޤައުމުގެ މެދުގައި ޤަވާއިދުން މަޝްވަރާތައް ބޭއްވުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.


މިނިސްޓަރ ޖައިޝަންކަރުގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ދިވެހި ސަރުކާރަށް ޝުކުރު އަދާކުރައްވައި ދެޤައުމުގެ އިޤްތިޞާދީ ގުޅުމުގެ ކާމިޔާބީ ފާހަގަކުރައްވައި، އިންޑިއާގެ ހިލޭ އެހީއާއި، ލައިން އޮފް ކްރެޑިޓްގެ ދަށުން ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫޢުތައް ކުރިއަށްދާ ގޮތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މިބައްދަލުވުމުގައި މިނިސްޓަރ ޝާހިދާއި މިނިސްޓަރ ޖައިޝަންކަރު ވަނީ ދެޤައުމުންވެސް ދެޤައުމުގެ ފެންވަރުގައާއި ބައިނަލްއަޤުވާމީ ފެންވަރުގައި ދެޤައުމަށް މުހިއްމު ކަންކަމުގައި އެއް ޤައުމު އަނެއް ޤައުމަށް ދެމުންގެންދާ އެއްބާރުލުން ދަމަހައްޓާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.

މިނިސްޓަރ ޝާހިދު އިންޑިއާއަށް ކުރައްވަމުންދާ މި ދަތުރުފުޅަކީ އޮބްޒާވާ ރިސާރޗް ފައުންޑޭޝަނުން އިންތިޒާމުކުރާ 8 ވަނަ ރައިސީނާ ޑަޔަލޮގުގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައި އިންޑިއާއަށް ކުރައްވާ 3 ދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ.