އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމަށް އިންޑިއާގެ ރެނާޓަސް ކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫޢުގެ ސޮއިކުރުން މިމަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.. މިމަޝްރޫޢަކީ 28.5 މިލިޔަން ޑޮލަރުގެ މަޝްރޫޢެކެވެ.
ރައްޔިތުންގެ މަޖިލީހަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ހުށަހަޅުއްވާފައިވާ، ސްޓްރެޓީޖިކް ޕާޓްނަރޝިޕް އަދި ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން އައްޑޫ އެއަރޕޯޓާއި، އައްޑޫ ރީޖަނަލް ސީޕޯޓް ޕްރައިވަޓައިޒްކުރުމަށް އެދި ގޮވާލާ ހުށައަޅާފައިވާ ޤަރާރުގެ ބަހުސްގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވަނީ އައްޑޫ އެއާޕޯޓް ތަރައްޤީ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލް ހިއްސާ ކުރައްވާފައެވެ.
އެއަރޕޯޓް ޕްރައިވަޓައިޒް ކުރާ ވާހަކައާއި ޕްރައިވަޓައިޒް ކުރަން ބޭނުންވާ ވާހަކަތަކާއި ގުޅިގެން އަސްލަމް ވިދާޅުވީ މިހާރުވެސް އައްޑޫ އެއާޕޯޓަކީ ޕްރައިވަޓައިޒް ކޮށްގެން ހިންގާ އެއަރޕޯޓެއް ކަމަށެވެ. އެކުންފުންޏަކީ އައްޑޫ އިންޓަރނޭޝަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑެވެ. އެތަނުގައި ސަރުކާރުގެ ހިއްސާއަކީ 70 ޕަސެންޓު ކަމަށާއި، އަދި ކާސާ ހޯލްޑިންގްސްގެ 30 ޕަސެންޓް އޮންނަކަން އަސްލަމް ފާހަގަކުރެއްވިއެވެ. އަދި އައްޑޫ އެއަރޕޯޓް ޕްރައިވަޓައިޒް ކުރެވިގެން ދިޔައީ އެމްޑީޕީގެ އެންމެ ފުރަތަމަ ވެރިކަމުގައިކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢާއި ގުޅޭގޮތުން އަސްލަމް ވިދާޅުވީ މަޝްރޫޢުގައި ސޮއި ކުރުން މިމަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މިމަޝްރޫޢުއަކީ 28.5 މިލިޔަން ޑޮލަރުގެ މަޝްރޫއެއް ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ މަޝްރޫޢުގެ ސޮއި ކުރުމާއި ހަމައަށް އާދެވުނީ ވަރަށް ގިނަ މަސައްކަތްތަކަށް ފަހުކަމަށެވެ. ފައިސާ ހަމަޖެހިގެން އިއުލާން ކުރެވި ބިޑަށް ކުރިމަތިލީ ފަރާތްތަކުގެ ބިޑް އިވެލުއޭޓް ކުރުމަށްފަހު ޓެކްނިކަލް އަދި ފައިނޭންޝަން އިވެލުއޭޝަންގެ މަސައްކަތްވެސް ނިމިފައިވާކަމަށް އަސްލަމް މަޖިލީހުގައި ވިދާޅުވިއެވެ.
"މި ޕްރޮޖެކްޓުގެ ތެރޭގައި މީގެ ކުރީގައި ކޯޑް ފޯއީ ރަންވޭއެއް މިހާރުވަނީ ގާއިމެވެފަ އައްޑޫގަ. އެފަދަ ރަންވޭއަކަށް ބޭނުންވާ ޓާމިނަލް ނިމިގެންދާނެ. 15 މިލިޔަން ޕަސެންޖަރުންނަށް އަހަރަކު އެތަނަށް ދަތުރު ކުރެވޭ މިންވަރަކަށް އެތަން ތަރައްޤީ ކުރެވިގެންދާނެ. އޭގެ އިތުރަށް މިހާރުވެސް ވަރަށް ގިނަ ޚިދުމަތްތަކެއް ގާއިމްވަމުންދަނީ. އޭގެ ތެރޭގައި އިންފްލައިޓް ކޭޓަރިން ސާވިސްގެ ޚިދުމަތް ދެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފަ." އަސްލަމް ވިދާޅުވިއެވެ.
އައްޑޫގައި ތަރައްޤީގެ މަޝްރޫޢުތައް ނުހިނގާކަމަށް ބައެއް މެންބަރުން ވާހަކަ ދެއްކެވުމުން އެކަމަށް ރައްދު ދެއްވަމުން އަސްލަމް ވިދާޅުވީ ގަމުގެ ދޫވެއްސާއާއި، އީކުއޭޓާ ވިލޭޖް މަޝްރޫޢުގެ ތެރެއިން ދޫގަސްގެ 130 ކޮޓަރީގެ ހޮޓަލެއް އެޅުމަށް އަދި 50 ކޮޓަރީގެ ބުޓީކް ހޮޓަލެއް އެޅުމަށް 35 މިލިޔަން ޑޮލަރުގެ ޕްރޮޖެކްޓެއް އެކުލަވާލެވި ބިޑަށް އިއުލާންކުރިކަމަށެވެ. އަދި އެ މަޝްރޫޢުއަށް މީހުން ކުރިމަތިލާ ބިޑް އިވެލިއޭޓްކޮށް މިހާރު ނިމެމުންދާކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. މިމަސައްކަތްވެސް މިމަހުގެ ތެރޭގައި ހަވާލުކުރެވޭނެކަމަށް މައުލޫމާތު ލިބިފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ.
އޭގެ އިތުރަށް ގަމުގައި ކާގޯ ސްޓޯރޭޖް ފެސިލިޓީއަކާއި، ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް އިތުރު ކުރެވިގެންދާކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހުރިހާ ކަމެއް ކުރެވެމުންދަނީ ދޫގަހަށް ދޭންޖެހޭ 50 ބިލިއަން ދައްކާ ޚަލާސް ކުރުމަށްފަހު ކަމަށެވެ. މިކަން ކުރުމަށްޓަކައި މިއަހަރުގެ ބަޖެޓުގައިވެސް 25 ބިލިޔަން ރުފިޔާ ހިމަނާފައިވާނެކަމަށް އަސްލަމް ވިދާޅުވިއެވެ.
"އަޅުގަނޑު ދަންނަވާނީ އައްޑޫގެ ތަރައްޤީއަށް މިއަށްވުރެ ރަނގަޅަށް ތައްޔާރުވެ އޯގަނަޒައިޒް ވެގެން، ޕްލޭން ކުރެވިގެން އަދި މިވީހާ ހިސާބަށް އެއްވެސް ސަރުކާރަކުން މިމަސައްކަތް ކޮށްފައި ނުވެއޭ." އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ އެއާޕޯޓް ހިންގުމަށް ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތަކީ ޓޫރިޒަމް ފުޅާކުރުން ކަމަށެވެ. ޓޫރިޒަމް ފުޅާކުރުމަށް ބޭނުންވާ ބިންތަކާއި އަދި ސަރުކާރުން ފެސިލިޓޭޓް ކޮށްދޭންޖެހޭ އެންމެހާ ކަންތައްތައް ފެސިލިޓޭޓް ކޮށްދެމުންދާކަމަށް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވިއެވެ.
އަސްލަމް މިހެން ވިދާޅުވެފައިވާއިރު އައްޑޫ ސިޓީގެ ބިން ހިއްކުމާއި، މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާއި، ފެނާއި ނަރުދަމާ ފަދަ ގިނަ މިޝަރޫޢުތަކެއް އައްޑޫ ސިޓީގައި ދަނީ ހިނގަމުންނެވެ.
ގަން އިންޓަރނޭޝަން އެއަރޕޯޓްގެ މަޝްރޫޢުގައި ސޮއިކުރުމަށް ސަރުކާރުން ތައްޔާރުވެފައިވާއިރު، ހަނިމާދޫ އިންޓަރނޭޝަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.