ޚަބަރު

ނަހުލާއާއެކު ޖޭޕީއަށް 5 ނާއިބު ލީޑަރުން އިންތިޚާބުކޮށްފި


މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ހިމެނިވަޑައިގަންނަވާހެން، ޖުމްހޫރީ ޕާޓީއަށް 5 ނާއިބު ލީޑަރުން އިންތިޚާބުކޮށްފިއެވެ. މިދިޔަ ހުކުރު ދުވަހު ފެށި ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި އެޕާޓިގެ ނާއިބު ލީޑަރުގެ މަޤާމަށް 12 ބޭފުޅަކު ވާދަކުރެއްވިއެވެ. އޭގެތެރޭގައި ޖުމްހޫރީ ޕާޓިގެ ސްލޮޓްގައި ސަރުކާރުގެ އިސް ބައެއް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ.


ޖޭޕީގެ ކޮންގްރެސްގައި އެންމެ ގިނަ ވޯޓު ހޯއްދަވައިގެން އެއް ނާއިބު ލީޑަރުކަމަށް އިންތިޚާބުވެވަޑައިގަތީ ޓްރާންސްޕޯޓް މިނިސްޓަރ އަދި ޤާސިމް އިބްރާހީމްގެ އަނބިކަނބަލުން އާއިޝަތު ނަހުލާއެވެ.

ޖޭޕީގެ ނާއިބު ލީޑަރުކަމަށް އިންތިޚާބުވެވަޑައިގެންނެވި ބޭފުޅުން

1- އާއިޝަތު ނަހުލާ 558 ވޯޓު
2- އަމީން އިބްރާހީމް 327 ވޯޓު
3- ޢަލީ ޝާޙް 287 ވޯޓު
4- އަޙްމަދު ސަޢުދު 275 ވޯޓު
5- އިޤްބާލު އާދަމް 263 ވޯޓު

ޖޭޕީން ބުނީ އެޕާޓިގެ އެތެރޭގެ އިންތިޚާބުގައި ވޯޓުލުމަށް 741 މެމްބަރުން ރެޖިސްޓްރީކޮށްފައިވެއެވެ. އޭގެތެރެއިން 680 މެމްބަރުން ވޯޓުލާފައިވާކަމަށާއި، އެއީ ރަޖިސްޓްރީކުރި މެމްބަރުންގެ ތެރެއިން %91 ކަމަށް ޖޭޕީން ބުންޏެވެ.

ޖޭޕީގެ ކޮންގްރެސްގައި ވަނީ އިތުރު މަޤާމުތަކަށްވެސް މެންބަރުން ވަނީ ހޮވާފައެވެ. އެހެން ނަމަވެސް އަދި އެ ނަތީޖާތަކެއް އިޢުލާނެއް ނުކުރެއެވެ.

ވޯޓަކާއި ނުލައި ޖުމްހޫރީ ޕާޓީގެ ބައެއް މަޤާމުތަކަށްވެސް ބޭފުޅުން ވަނީ އިންތިޚާބުވެވެވަޑައިގެންފައެވެ. ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދު ބުނާގޮތުން އެޕާޓީގެ އިންތިޚާބީ މަޤާމަކަށް އެންމެ ކެނޑިޑޭޓަކު ކުރިމަތިލައިފިނަމަ ވޯޓުލުމަކާއި ނުލައި އެކެނޑިޑޭޓަކު މަޤާމަށް އިންތިޚާބުވާނެއެވެ.

އެގޮތުން ވޯޓަކައި ނުލައި ޕާޓީގެ ލީޑަރުކަމަށް އިތުރު ދައުރަކަށް ޤާސިމް އިބްރާހީމް ވަނީ އިންތިޚާބުވެވަޑައިގެންފައެވެ. މީގެ އިތުރުން ޒުވާނުންގެ ލީގުގެ ރައީސްގެ މަޤާމަށް ޢަބްދުﷲ ޔާމީންއާއި، ޒުވާނުންގެ ލީގުގެ ނައިބު ރައީސްގެ މަޤާމަށް ޝުޢައިބު ޝިފާޒް ޝަރީފްއާއި، އަންހެނުންގެ ލީގުގެ ސެކްރެޓަރީގެ މަގާމަށް އައިޝަތު ޝޫޒާ އަޙްމަދުވަނީ ވޯޓަކައި ނުލައޮ އިންތިޚާބުވެވަޑައިގެންފައެވެ.

ހުކުރު ދުވަހުން ފެށިގެން ކުރިއަށްދާ ޖޭޕީގެ ޤައުމީ ކޮންގްރެންސްގައި ޕާޓީގެ މެމްބަރުގެ އަޣްލަބިއްޔަތުންވަނީ ޖޭޕީގެ ރައީސްގެ މަޤާމާއި ނައިބު ރައީސްގެ މަޤާމު އުވާލާފައެވެ.