ރިޔާސީ ލޯންޗުކޮޅުގައި
އެއްޗެއް ގޮއްވާލި މައްސަލަ ތަޙްޤީގް ނިންމުމަށްފަހު ކުރީގެ ނާއިބު ރައީސް
އަޙްމަދު އަދީބާއި އިތުރު ބައެއްގެ މައްޗަށް ދަޢުވާކުރުމަށް ފުލުހުން
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުއްވައިފިއެވެ. ފުލުހުން ވަނީ އެކަން
ކަށަވަރުކޮށްދެއްވާފައެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި އެމައްސަލަ ތަޙްޤީގް
ނިންމުމަށްފަހު ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުއްވަވާފައިވަނީ
އިއްޔެގެ ވަގުތެއްގައެވެ. ރިޔާސީ ލޯންޗްކޮޅުގައި
އެއްޗެއް ގޮއްވާލީ މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. މީ
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަވަހާރަކޮށްލުމަށް ދިން ހަމަލާއެއްކަމަށް
ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އެ ޙާދިސާގައި ރައީސުލްޖުމްހޫރިއްޔާގެ
އަނބިކަނބަލުން ފާތިމަތު އިބްރާހީމާއި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފާތިމަތު
މުޙައްމަދު ޞާލިހްގެ އިތުރުން ރައީސް ޔާމީންގެ ބޮޑީގާޑެއް ކަމަށްވާ އަބްދުﷲ
ނާސިރަށް އަނިޔާވެ ފަރުވާ ހޯއްދަވާފައިވެއެވެ.
އިއްޔެ އދ. މަހިބަދޫގައި
އޮތް ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ
ޔާމީން ވިދާޅުފައިވަނީ، ރިޔާސީ ލޯންކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގެ
ޖިނާޢީ މައްސަލަތައް މި ހަފްތާތެރޭގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށައެޅިގެންދާނެކަމަށެވެ.
ރައީސް ވަނީ، ރިޔާސީ
ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ޙާދިސާގެ ތުހުމަތުކުރެވޭ ފަރާތްތަކާ ދެކޮޅަށް
ޖިނާއީ ދަޢުވާ ނުއުފުލާއި ޚިޔާނާތުގައި
ދަޢުވާކުރާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ރައްދުދެއްވާފައެވެ.
ރައީސް ޔާމީން ވިދާޅުވީ ކުރީގެ ނާއިބް ރައީސް އަޙުމަދު އަދީބަކީ ނުރައްކާތެރި
މީހެއް ނޫންކަމުގައި ނުދެއްނެވޭނެ ކަމަށެވެ.