ރާއްޖެއިން މިއަހަރު ހައްޖަށް ގެންދިއުމަށް ލިބުނީ 1000 ކޯޓާކަމަށާއި، އިތުރު ކޯޓާ ހޯދުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓަރ ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ސަޢުދީ ސަރުކާރުން ދިވެހިރާއްޖެއަށް ދެއްވާ ރަސްމީ 1000 ޙައްޖު ކޯޓާ މިހާރު ލިބިފައިވާކަމަށެވެ. އަދި އިތުރު ކޯޓާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ސައުދީން ރަސްމީކޮށް ރާއްޖެއަށް ދެމުން އަންނަނީ 1000 ކޯޓާއެވެ. އަދި ބައެއްފަހަރު އެ 1000 ކޯޓާގެ އިތުރަށްވެސް ކޯޓާ ވަނީ ދީފައެވެ. ނަމަވެސް ކޯވިޑާއި ގުޅިގެން ސައުދީން އެޅި ފިޔަވަޅުތަކާއި ގުޅިގެން މިދިޔަ އަހަރު ޙައްޖުގައި ބައިވެރިވުމަށް ރާއްޖޢަށް ލިބުނީ 453 މީހުންގެ ކޯޓާއެކެވެ. މި ކޯޓާއަށް މީހުން ހައްޖަށް ގެންދިޔައީ ހަމައެކަނި ހައްޖު ކޯޕަރޭޝަނުންނެވެ.
ކޯވިޑްގެ ކުރިން ޙައްޖުގެ އަޅުކަމަށް ފުރުސަތު ދިން އަދަދަށްް މިއަހަރުގެ ޙައްޖުގައި ފުރުސަތުދޭނެކަން ސައުދީ ސަރުކާރުން ހާމަކޮށްފައިވެއެވެ. 2019ގެ ފަހުކޮޅު މުޅި ދުނިޔެ ކުރިމަތިލި ކޯވިޑާއި ގުޅިގެން ޙައްޖަށް މީހުން ގެންދަމުން އައި އަދަދަުތަކަށް ބަދަލު ގެނައުމަށްފަހު މީ އަލުންް އެއްކޮށްް ހުޅުވާލާ ފުރަތަމަ ފަހަރެވެ.
ކޯވިޑްގެ ކުރިން 2019 ވަނަ އަހަރު (1440 ވަނަ އަހަރު) ޙައްޖުގެ އަޅުކަމުގައި 2.4 މިލިއަން މީހުން ބައިވެރިވިއެވެ. ނަމަވެސް 2020 ވަނަ އަހަރު މައްކާގައި ކޯވިޑް ފެތުރެން ފެށުމުން ބަލި ކޮންޓްރޯލްކުރުމަށްޓަކައި އެޅި ވަރުގަދަ ފިޔަވަޅުތަކާއެކު އެ އަހަރުގެ ޙައްޖުގައި ބައިވެރިކުރުވީ އެންމެ 10،000 މީހުންނެވެ. އެއީވެސް ސައުދީގައި ދިރިއުޅެމުން އައި މީހުންނެވެ.
އޭގެފަހުން 2021 ވަނަ އަހަރު ޙައްޖުގައި ބައިވެރިވުމުގެ ފުރުސަތު ދިނީ ހަމައެކަނި ސަޢުދީގެ ރައްޔިތުންގެ ތެރެއިން 60000 މީހުންނަށެވެ. ނަމަވެސް އެއަހަރު ޙައްޖުގައި ބައިވެރިވި މީހުންގެ ޢަދަދުވެސް އެއަށްވުރެ މަދެވެ.
ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކަށް ދިނުމަށްފަހު މިދިޔަ އަހަރުގެ ޙައްޖުގައި އަޅުކަމުގައި 1 މިލިއަން މީހުން ސައުދީން ބައިވެރިކުރިއެވެ. ޤައުމުތަކަށް ކޯޓާއި ދިންނަމަވެސް އޭގެ ކުރިން ދޭ އަދަދު އެތައް ތަނެއް މިދިޔަ އަހަރު ކުޑަކުރިއެވެ. ސައުދީ ސަރުކާރުން ބުނީ މިއަހަރުގެ ޙައްޖުގެ އަޅުކަން ކުރިޔަށް ގެންދާނީ ކޯވިޑްގެ ކުރިން އޮތް ގޮތަށް އެ ޢަދަދުތަކާއި އެކުކަމަށެވެ.
މި އަހަރު ޙައްޖުގައި ބައިވެރިވުމަށް ވަކި އުމެރެއް ނޯންނާނެކަމަށާއި ކޯވިޑަށް ޓެސްޓްކޮށް ސާމްޕަލްތައް ހެދުންވެސް ނޯންނާނެކަން ސައުދީން ވަނީ އިއުލާންކޮށްފައެވެ.