ޚަބަރު

ކޮންމެކަމެއްވެސް ކުރަންވާނީ ހަޤީޤީ މިނިވަންކަމުގެ ތެރޭގައި: ލުއައްޔު


ކުރާ ކޮންމެ ކަމެއް ކުރަންވާނީ މިނިވަންކަން ގެއްލުވާނުލާ ހަޤީޤީ މިނިވަންކަމުގެ ތެރޭގައިކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ ނައިބު ލުއައްޔު ސަޢީދު ވިދާޅުވެއްޖެއެވެ. ލުއައްޔު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ޝަހީދުގެ ދުވަހުގެ މުނާސަބަތުގައި ބ.ތުޅާދޫ ސްކޫލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ދަރިވަރުންނާ މުޚާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ހޯމް މިނިސްޓަރުގެ ނައިބު ވިދާޅުވީ މިއަދު ހަނގުރާމަކުރަނީ ކަނޑިބަޑިން ނޫންކަމަށެވެ. މިއަދު ހަނގުރާމަކުރަމުންދަނީ އިންސާނާގެ ސިކުނޑިއާކަމަށާއި, އެއީ ވަރަށްބޮޑަށް ވިސްނަން ޖެހޭކަމެއް ކަމަށް ލުއައްޔު ވިދާޅުވިއެވެ. އެގޮތުން އެކަންކަމަށް ސަމާލުވެ, ސޯޝަލް މީޑިޔާގެ ވަޞީލަތްތަކަށްވެސް ރައްކާތެރިވުމަށް ދަރިވަރުންނާއި, ބެލެނިވެރިންނަށް މިނިސްޓަރުގެ ނައިބު ވަނީ އިލްތިމާސްކުރައްވާފައެވެ

ލުއައްޔު ވިދާޅުވީ އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއް ކުރަންވާނީ މިނިވަންކަން ގެއްލުވާނުލާ ހަޤީޤީ މިނިވަންކަމުގެ ތެރޭގައި ކަމަށެވެ. އަލިރަސްގެފާނާއި, ޤައުމަށްޓަކައި ޝަހީދުވެދިޔަ އެހެން ބަޠަލުންވެސް އެބޭފުޅުންގެ އަމާނާތް ފުރިހަމަގޮތުގައި އަދާކުރައްވައިފިކަން ފާހަގަކުރެއްވިއެވެ. އެވަގުތަކު ކުރިމަތިލެވެން ތިބި ގޮތަކަށް, ލިބެން ހުރި ވަޞީލަތަކާއެކު ޤައުމުގެ ދިފާއުގައި ނިކުންނަން އަބަދުވެސް ތައްޔާރަށް ތިބުމަށް ހޯމް މިނިސްޓަރުގެ ނައިބު ދަރިވަރުންނަށް ވަނީ ހިތްވަރުދެއްވާފައެވެ.

"އެބޭފުޅުން ޝަހީދުވެގެން އެދިޔައީ އަޅުގަނޑުމެންނާ މިވަޠަން ހަވާލުކޮށްފަ. އަޅުގަނޑުމެންގެ ޒިންމާއެއް މިމިނިވަންކަން ދެމެހެއްޓުމަކީ. " މިނިސްޓަރުގެ ނައިބު ލުޢައްޔު ސައީދު ވިދާޅުވިއެވެ.

ތުޅާދޫ ސްކޫލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އަލިރަސްގެފާނު ޝަހީދުވެދިޔަ ގޮތް ދައްކުވައިދޭ ޑްރާމާއެއް ދަރިވަރުން ހުށަހަޅައިދިނެވެ. މިއަދަކީ މިއަހަރުގެ މާދަރީބަހުގެ ދުވަސްކަމަށްވެސްވާތީ ދަރިވަރުންނާއި, ބެލެނިވެރިން އަދި ޓީޗަރުންވެސް ރަސްމިއްޔާތުގައި ބައިވެރިވީ ދިވެހި ހެދުމުގައެވެ.

މިއަހަރުގެ ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވާނީ ތުޅާދޫގައެވެ. މިރޭ ތުޅާދޫ ސްކޫލްގައި ބާއްވާ ޖަލްސާ ޝަރަފްވެރިކޮށްދެއްވާނީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުالله ޝާހިދުއެވެ.