އުޅަނދުތަކަށް އަރުވާ މުދަލަށް ލިބޭ ގެއްލުމަށް އެއުޅަނދެއްގެ ވެރިފަރާތުން ޒިންމާވާން ޖެހޭގޮތަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ޤަވާއިދެއް އެކުލަވާލައިފިއެވެ. ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރަށް މުދާ ބަރުކުރުމާއި މުދާ އުފުލުމާ ގުޅޭގޮތުން އާމުކޮށްފައިވާ މި ޤަވާއިދަށް ޢަމަލުކުރަން ފަށާނީ ތިން މަސްދުވަސް ފަހުންނެވެ.
ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރަށް މުދާ ބަރުކުރުމާއި މުދާ އުފުލުމާ ގުޅޭގޮތުން އާމުކޮށްފައިވާ ގަވާއިދުގައިވަނީ، އުޅަނދަށް މުދާ އެރުވުމުގެ ތެރޭގައި ނުވަތަ މުދާ އުޅަނދުން ބޭލުމުގެ ތެރޭގައި ކެޕްޓަނުން ނުވަތަ ފަޅުވެރިންގެ އިހުމާލުން މުދަލަށް ލިބޭ ގެއްލުމުގެ ބަދަލު، އެ އުޅަނދެއްގެ ވެރި ފަރާތުން ނުވަތަ އެ އުޅަނދަކާއި ހަވާލުވެ ހުރި ފަރާތަކުން ދޭން ޖެހޭނެކަމަށެވެ.
ނަމަވެސް އުޅަނދުގެ ކެޕްޓަނުން ދަތުރު ކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި އެއްގޮތް ވާގޮތުގެ މަތިން އުޅަނދު ދަތުރުކުރަމުންދަނިކޮން ގަސްތުގައި ނޫންގޮތަކަށް ދިމާވާ ހާދިސާތަކުގައި މުދަލަށް ލިބޭ ގެއްލުމުގެ ބަދަލު އުޅަނދުގެ ވެރި ފާރާތުން ނުވަތަ އުޅަނދާ ހަވާލުވެ ހުއްނަ ފާރާތަކުން ދޭކަށް ނުޖެހޭނެކަމަށްވެސް ގެޒެޓްކޮށްފައިވާ ޤަވާއިދުގައިވެއެވެ.
ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރަށް މުދަލެއް އެރުވުމަށްފަހު، އެ މުދަލެއް އެރުވިކަމުގެ ލިޔުމެއް، މުދަލުގެ ވެރިފަރާތުން ނުވަތަ މުދާ ގެންނަ ފަރާތުން ބޭނުންވެއްޖެނަމަ، އުޅަނދުގެ ކެޕްޓަނުން، އެ ފަރާތަކަށް ދިނުން ވެސް މި ޤަވާއިދު ލާޒިމް ކުރެއެވެ.
މީގެ އިތުރުން މުދާ އުފުލުމުގައި ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތަކާއި، ދިވެހިރާއްޖޭގައި ކަނޑުމަގުން މުދާ އުފުލުމުގައި ސަމާލުކަން ދޭންވީ ކަންތައްތަކާއި، ކޮށްގެން ނުވާނެ ކަންކަންވެސް މި ޤަވާއިދުގައި ވަނީ ބަޔާންކޮށްފައިވެ.
މީގެ އިތުރުން އުޅަނދުގައި މުދާ ބަރުކޮށްފައިވާ ތަންތަނުގައި އަލިފާން ގެންގުޅުމާއި، އުޅަނދަށް ކަނޑައެޅިފައިވާ ބަރުމިނަށްވުރެށް އިތުރަށް މުދާ އެރުވުމާއި ދިވެހިރާއްޖޭގެ ގާނޫނުތަކުން މަނާކޮށްފައިވާ ފަދަ މުދަލެށް އުފުލުމުގެ ޒިންމާވެސް އުޅަނދުގެ ވެރިފަރާތުން ނަގަން ޖެހެއެވެ.
އެގޮތުން މި ފަދަ އެއްވެސް އަމަލެއް ކޮށްފިނަމަ އެ އަމަލެއް ކުރި ފަރާތެއް ނުވަތަ އުޅަނދުގެ ވެރި ފަރާތް ނުވަތަ އުޅަނދާ ހަވާލުވެހުރި ފަރާތް އެ އަމަލެއްގެ ކުޑަ ބޮޑުމިނަށް ބަލާ 1000 - 2000 ރުފިޔާއާއި ދެމެދު ޖޫރިމަނާ ކުރެވޭނެކަމަށްވެސް ޓްރާސްޕޯޓް މިނިސްޓްރީގެ އައު ޤަވާއިދުގައި ވެއެވެ. މީގެ އިތުރުން އެއްފަހަރު ޖޫރިމަނާ ކޮށްފައިވަނިކޮށް، އެފަދަ އަމަލެއް ތަކުރާރުކޮށްފިނަމަ، ކޮންމެ ފަހަރަކު އިތުރު 1000 ރުފިޔާ ނެގުމުގެ އިހްތިޔާރު ޓްރާންސްޕޯޓް މިނިސްޓްރީއަށް ލިބިގެންވާކަމަށްވެސް އައު ޤަވައިދުގައިވެއެވެ.