އައިޖީއެމްއެޗްގައި ސްކޭންކުރުމަށް ފެންވަރު ރަނގަޅު މެޝިން ނެތްކަމަށް ބުނެ މީޑިއާތަކުގައި ދައްކަމުންދަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއްކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
އައިޖީއެމްއެޗްއިން މިހެން ބުނީ އައިޖީއެމްއެޗްގައި އަސާސީ ބައެއް ވަސީލައްތައް ނެތުމުން ސިއްހީ ހިދުމަތްތެރިން ކަންބޮޑުވުން ފާޅު ކުރާކަމަށް ބުނެ ދައްކަމުންދާ ވާހަކަތާކާއި ގުޅޭ ގޮތުން ނެރުނު ބަޔާނެއްގައެވެ.
އައިޖީއެމްއެޗް ނެރުނު ބަޔާނުގައި ބުނީ އެ ހޮސްޕިޓަލުގައި ސްކޭން ކުރުމަށް ބޭނުންވާ ފެންވަރު ރަނގަޅު މެޝިން ނެތްކަމަށް ދެކެވެމުންދާ ވާހަކައަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއްކަމަށެވެ. އަދި މިވަގުތުވެސް ސްކޭން ކުރުމަށް ބޭނުންކުރާ ފެންވަރު ރަނގަޅު 5 މެޝިން އެ ހޮސްޕިޓަލުގައި ބޭނުން ކުރަމުންދާކަމަށް އައިޖީއެމްއެޗްގެ ބަޔާނުގައިވެއެވެ.
އައިޖީއެމްއެޗްއިން ބުނީ އެ ހޮސްޕިޓަލުގައި ސިއްހީ ހިދުމަތް ދިނުމަށް ބޭނުންކުރަމުންދާ މެޝިންތަކާއި ބައެއް ތަކެއްޗަކީ ޤާނޫނާއި ޤަވައިދުގެ އެށްގޮތްވާ ގޮތުގެ މަތިން ވަކި އުސޫލަކަށް ބެލުމަށްފަހު ގެންނަންޖެހޭ ތަކެތި ކަމަށެވެ. އަދި ގެނެވޭ ތަކެއްޗަކީ ބަލިމީހުށްނަށް ރައްކާތެރި، ދުނިޔޭގެ އިތުބާރުހިފޭ ގަބޫލް ކުރާ ފެންވަރުގެ ރަނގަޅު ވަސީލައްތައް ވާންޖެހޭކަމަށްވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ. އެގޮތުން ހޮސްޕިޓަލަށް ބޭނުންވާ ތަކެތީގެ ފެންވަރު ކަށަވަރު ކުރުމާއެކު ހަރަދު ކުޑަ ކުރުމަށް އިސްކަން ދޭންޖެހޭކަމަށްވާއިރު ބައެއް ފަހަރު ޑިޕާޓްމަންޓްތަކުން ހޯދުމަށް އެދޭ ވަކި ވައްތަރެއްގެ މެޝިނެއް އެ ވަގުތު ހޯދުމުގައި ދަތިތަކެށް ހުންނަކަމަށްވެސް އައިޖީއެމްއެޗްއިން ބުނެއެވެ.
އައިޖީއެމްއެޗްއަކީ ރައްޔިތުންނަށް ބޭނުންވާ ސިއްހީ ހިދުމަތް ފޯރުކޮށްދޭ ދިވެހިރާއްޖޭގެ ސަރުކާރުގެ މައި ހޮސްޕިޓަލްކަމުގައި ވީ ހިނދު އެ ހިދުމަތްތަކާއި މެދު ރައްޔިތުންގެ ހިތުގައި ސުވާލު އުފައްދާ، އިތުބާރު ގެއްލޭ ފަދަ ގޮތަކަށް ވާހަކަތައް ދެއްކުމުގެ ކުރިން ހޮސްޕިޓަލްގެ ބަހެއް ހޯދުމަށްވެސް ހޮސްޕިޓަލުން އިލްތިމާސްކޮށްފައިވެއެވެ.