ޚަބަރު

ތުރުކީއާއި ސޫރިޔާއަށް އެހީވުމަށް މިސްކިތްތަކުގައި ބެހެއްޓި ފަންޑަށް 1 މިލިޔަން ރުފިޔާ


ތުރުކީ ވިލާތާއި ސޫރިޔާއަށް އައި ބިންހެލުމުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް "އެއް އުންމަތެކޭމީ"ގެ ނަމުގައި ކުރިއަށް ގެންދާ ފަންޑް ރައިޒިންގ ކެމްޕޭންގެ ތެރެއިން މާލެ ސަރަހައްދުގެ ހުކުރު ކުރާ މިސްކިތްތަކުގައި އިއްޔެ ބެހެއްޓި ފަންޑް ފޮށިތަކަށް އެއްމިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.

މިހަރަކާތުގައި އެންމެ އިސްކޮށް އުޅުއްވާ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުރެއްވި ޓުވީޓުގައިވަނީ ތުރުކީއާއި ސޫރިއާގެ ބިންހެލުމާއި ގުޅިގެން ޙާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް އައިއޭސީއާ ގުޅިގެން މަދަނީ ޖަމިއްޔާތަކުން އިއްޔެ ކުރިއަށް ގެންދިޔަ ހަރަކާތުން 1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށެއެވެ.

ޝަހީމް ވިދާޅުވީ މިއީ މިހާތަނަށް ރާއްޖޭގައި ހިންގި ފަންޑް ރައިޒިން ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ ބޮޑު ތަރުޙީބެއް ލިބިގެން ދިޔަ އެއް ޕްރޮގްރާމް ކަމަށެއެވެ.

ސޫރިޔާއާއި ތުރުކީގައި ހާލުގައި ޖެހުނު މީހުންނަށް އެކި ފަރާތްތަކުންދަނީ އެހީތެރިކަން ފޯރުވައި ދެމުންނެވެ. އެގޮތުން ގިޔާސުއްދީން އިންޓަރނޭޝަނަލް ސުކޫލުންވެސްވަނީ ބައި ލައްކަ ރުފިޔާ އެހީގެ ގޮތުގައި ހަދިޔާކޮށްފައެވެ.

ގިޔާސުއްދީން ސްކޫލުން ބުނީ ތުރުކީ-ސީރިއާއަށް ހަދިޔާ ކުރި އެ ފައިސާއަކީ އެސްކޫލުގެ ގްރޭޑް 8 އަދި 9 ގެ ދަރިވަރުން 2019 ވަނަ އަހަރާއި 2022 ވަނަ އަހަރު ބޭއްވި އޭބީއީ ފެއާގެ ތެރެއިން ލިބިފައިވާ ފައިސާ ކަމަށެވެ. އަދި އެފައިސާ ތުރުކީ އަދި ސީރިއާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ރާއްޖޭގެ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން އެންޖީއޯއާއި ހަވާލު ކޮށްފައިވާ ކަމަށްވެސް އެ ސްކޫލުން ވަނީ ބުނެފައެވެ.

ތުރުކީ- ސޫރިޔާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށްޓަކައި އެއް މިލިޔަން މަސްދަޅު ހަދިޔާ ކުރެއްވުމަށް ސަރުކާރުންވެސްވަނީ ނިންމަވާފައެވެ. މަސްދަޅުތައް ފޮނުވުމަށް ހަމަޖެހިފައިވަނީ ސޫރިއާއަށް 5 ލައްކަ އަދި ތުރުކީއަށް 5 ލައްކަ މަސްދަޅު ކޭހެވެ.

މީގެ އިތުރުން ދިވެހި ރެޑް ކްރެސެންޓުންވެސް ހުޅުވާލި ފަންޑަށްވެސް 1.9 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ.