މާލޭ ސަރަހައްދުގައި އެކި ފަންތިތަކުގެ ބޯހިޔާވަހިކަން ޤާއިމު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރުވެސް 5000އަށްވުރެ ގިނަ ޔުނިޓްގެ މަސައްކަތް ކުރިއަށްދާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ހާމަކުރައްވައިފިއެވެ.
އެޗްޑީސީން ވިދާޅުވީ މެދު އަދި މަތީ ފަންތީގެ ގެދޮރުވެރި ކަމަށް ޚާއްސަކޮށްގެން 22 ޕްރޮޖެކްޓެއް ހުޅުމާލޭގައި މިހާރުވެސް ކުރިއަށްދާ ކަމަށާއި މީގެތެރޭގައި ޖުމްލަ 5،198 ޔުނިޓް ހިމެނޭ ކަމަށެވެ.
މި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ އާރްސީސީ އާއި ހަވާލު ކޮށްގެން ކުރިއަށްދާ 116 ޔުނިޓް ތަރައްޤީ ކުރުމުގެ މަސައްކަތާއި، ސާސެ ގްލަޓްއާއި ހަވާލު ކޮށްގެން ތަރައްޤީ ކުރާ 129 ޔުނިޓުގެ މަސައްކަތާއި، އެސް.ޖޭ ކޮންސްޓްރަކްޝަނާ ހަވާލު ކުރެވުނު 105 ޔުނިޓެވެ. މީގެ އިތުރުން ފެޑޯ އާއި ހަވާލު ކޮށްގެން ކުރިއަށްދާ 53 ޔުނިޓާއި، ރެއިންބޯ މެގަ ޑިވެލޮޕާސް އާ ކޮށްގެން ތަރައްޤީ ކުރާ 162 ޔުނިޓް ހިމެނެއެވެ.
މީގެ ތެރެއިން އާރްސީސީ އާއި ކުރިއަށް ގެންދާ މަޝްރޫޢުގެ 50 އިންސައްތަ ނިމިފައިވާކަމަށާއި ރެއިންބޯ މެގަ ޑިވެލޮޕާސް އާ ހަވާލުކޮށްގެން ތަރައްޤީ ކުރާ މަޝްރޫޢުގެ 58 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެޗްޑީސީން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އެން.ޕީ.އެޗް އާ ހަވާލު ކޮށްގެން ތަރައްޤީ ކުރާ ޔުނިޓްތަކުގެ 98 އިންސައްތަވެސް ނިމިފައިވާ ކަމަށް އެޗްޑީސީން ވަނީ ވިދާޅުވެއެވެ.
އެޗްޑީސީން ވިދާޅުވީ ކުރިން ފަށާ އެކި ސަބަބުތަކާއި ހެދި ލަސްވެފައިވާ 4 މަޝްރޫޢެއްގެ މައްސަލަ ދެނެގަނެ، ހައްލު ހޯދައި ކޮންޓްރެކްޓަރުންނާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.
އެގޮތުން އެންސިސް އާ ހަވާލުކޮށްގެން ތަރައްޤީ ކުރާ 94 ޔުނިޓުގެ މަސައްކަތް މަޑު ޖެހިފައިވަނިކޮށް، ޕްރޮޖެކްޓް އަލުން ފަށާ މިހާރު އާއްމުންނަށް ފުލެޓަށް ބަދަލުވުމަށް ވަނީ ފުރުޞަތު ހުޅުވާލާފައެވެ. އަދި އެން.ޕީ.އެޗްއާ ހަވާލު ކޮށްގެން ތަރައްޤީ ކުރާ 129 ޔުނިޓްގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަން އެޗްޑީސީން ފާހަގަކުރައްވައެވެ.
ލަގްޒަރީ ކެޓަގަރީއަށް ޚާއްސަކޮށް މާލޭގައިވެސް އަންނަނީ ދެ ޓަވަރެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ އޯޑިއޯން އާއި ނާދީ ހުރި ބިމުގައި ޓާޓާ ކުންފުނިން ތަރައްޤީކުރަމުންދާ 126 ހައުސިން ޔުނިޓެވެ. މި ދެ ތަނުގައިވެސް ޢަމަލީ މަސައްކަތްތައް ދަނީ ކުރަމުންނެވެ.