ވިޔަފާރި

ފަތުރުވެރިންގެ އަދަދު އިތުރުވެ އަނެއްކާވެސް އައު ރެކޯޑެއް


ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އިތުރުވެ އަނެއްކާވެސް އައު ރެކޯޑެއް ހަދައިފިއެވެ. ކޯވިޑް-19 އަށްފަހު ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސް މިމަހުގެ 11 ވަނަ ދުވަހު ވަނީ އައު ރެކޯޑެއް ހަދާފައެވެ.

ކޯވިޑަށްފަހު ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސް ރެކޯޑް ހަދާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ. އޭގެ 1 އަހަރު ފަހުން މިމަހުގެ 11 ވަނަ ދުވަހުވަނީ މިރިކޯޑް މުގުރާލާފައެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 11 ވަނަ ދުވަހު ރާއްޖެއަށް 8028 ފަތުރުވެރިން ވަނީ އައިސްފައެވެ. މީގެކުރިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ދުވަހު ރާއްޖެއަށް އައިސްފައިވަނީ 7668 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ 360 ފަތުރުވެރިންގެ އިތުރުވުމެކެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެފައިވަނީ މިކާމިޔާބީ ހާސިލްވެފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ބުރަ މަސައްކަތުންކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 220،574 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު %31.1 އިތުރު އަދަދެކެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި 5 ޤައުމު:

* ރަޝިއާ: 28،873 ފަތުރުވެރިން
* އިންޑިއާ: 24،127 ފަތުރުވެރިން
* އިޓަލީ: 20،692 ފަތުރުވެރިން
* އިނގިރޭސިވިލާތް: 19،545 ފަތުރުވެރިން
* ޖަރުމަނުވިލާތް: 14،114 ފަތުރުވެރިން

ރާއްޖެއަށް މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 5656 ފަތުރުވެރިން އާދެއެވެ. އަދި ރާއްޖެ އަންނަ ފަތުރުވެރިން ރާއްޖޭގައި އެވްރެޖްކޮށް 8.1 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެއެވެ.