ހުޅުމާލޭގައި ނައިޓް މާކެޓް އަދި މަގުމަތީ ބާޒާރު ބޭއްވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ، ހުޅުމާލޭގެ ފޭސް 1، އަދި ފޭސް 2ގައި ފެއަރ، ނައިޓް މާކެޓް ނުވަތަ މަގުމަތީ ބާޒާރު ބޭއްވުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.
ހުޅުމާލޭގައި ނައިޓް މާކެޓް ބާއްވަން ބޭނުންވާ ފަރާތްތަކުން އެކަމަށް ޚާއްސަކޮށްފައިވާ ފޯމު ފުރުމަށްފަހު ސިޓީ ކައުންސިލަށް ހުށައެޅޭނެއެވެ. މި ފޯމް މާލެ ސިޓީ ކައުންސިލުން ލިބެން ހުންނާނެއެވެ.
ފެއަރ، ނައިޓް މާކެޓް ނުވަތަ މަގުމަތީ ބާޒާރު ބޭއްވުމުގެ ހުއްދަދޫކުރުމަށް ކައުންސިލުން ނިންމާފައިވަނީ ކޮންމެ މީލާދީ އައު އަހަރު ފެށޭ ދުވަހާއި އަހަރު ނިމޭ ދުވަހުއެވެ. އަދި މިނިވަން ދުވަހާ ގުޅިގެންނާއި، ކޮންމެ އަހަރެއްގެ ރޯދަމަހެއް ފެށޭ ދުވަހާ ގުޅިގެންނާއި، އަދި އަޟްހާ ޢީދާ ގުޅިގެން އަންނަ ބަންދުދުވަސްތައް ހިމެނޭގޮތަށް ކަމަށް ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
ސިޓީ ކައުންސިލުން ވިދާޅުވީ، ފެއަރ، ނައިޓް މާކެޓް ނުވަތަ މަގުމަތީ ބާޒާރު ހިންގުމުގެ ހުއްދައަށް އެދޭ ފޯމް ފެބްރުއަރީ 12 އިން ފެށިގެން 23 ފެބްރުއަރީ ވަނަ ދުވަހުގެ 13:30ގެ ނިޔަލަށް ބަލައިގަންނާނެކަމަށެވެ. ފޯމްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 08:30 ން މެންދުރުފަހު 13:30 އަށް މާލެ ސިޓީ ކައުންސިލް އިދާރާއިންނެވެ.
* ފުރިހަމަ ނަން: (ވިޔަފާރި، ނުވަތަ ޖަމްޢިއްޔާގެ ރަޖިސްޓަރީގައި ވާގޮތަށް)
* ރަޖިސްޓަރީ ނަންބަރު
* މާކެޓް ބާއްވާ މުއްދަތު ފެށޭ ތާރީޚުން ނިމޭ ތާރީޚް
* މާކެޓް ބާއްވާ ތަނުގެ ނަން ނުވަތަ ނިސްވާ ތަނުގެ ނަމާއި އެތަން ނުވަތަ ސަރަހައްދު އެ ފަރާތަކަށް ލިބިފައިވާ ކަމުގެ ލިޔުން.
* މާކެޓް އިންތިޒާމް ކުރުމާއި، ހިންގުމުގައި ޒިންމާވާ ފަރާތުގެ ނުވަތަ ފަރާތްތަކުގެ ފުރިހަމަ ނަމާއި މިހާރު ދިރިއުޅޭ އެޑްރެސް އަދި އައިޑީ ކާޑުގެ ކޮޕީ
* ފެއަރ ނައިޓް މާކެޓް ނުވަތަ މަގުމަތީ ބާޒާރު ހިންގުމުގެ ހުއްދަ ދޫކުރުމުގައި ޢަމަލު ކުރާނެ އުޞޫލަށް ޢަމަލު ކުރާނެކަން ބަޔާންކޮށް ސޮއިކޮށްފައިވާ އިޤުރާރު
މީގެކުރިންވެސް މާލެއާއި އަދި ހުޅުމާލޭގައި ފެއަރ އަދި ނައިޓް މާކެޓްތައް ބާއްވާފައިވެއެވެ. މިއީ އާންމުންގެ ބޮޑު ތަރުހީބެއް ލިބި ވިޔަފާރިތަކަށް ބޮޑު ފައިދާއެއް ކުރާ ކަމެކެވެ.