ވިޔަފާރި

އިންޑިއާގައި ބާއްވާ ސާޓޭ ފެއަރގައި ރާއްޖެ އިޝްތިހާރުކުރަނީ


އިންޑިއާގައި ރާއްޖެ އިޝްތިހާރުކުރުމަށް އެ ޤައުމުގައި ބާއްވާ ސާޓޭ 2023ގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ބައިވެރިވެއްޖެއެވެ.

ސައުތު އޭޝިއާ ޓްރެވަލް އެންޑް ޓުއަރިޒަމް އެކްސްޗޭންޖު، ސާޓޭއަކީ ލީޑިންގ ސާޓޭއަކީ ފަތުރުވެރިކަމުގެ ސިނާއަތުގެ ލީޑަރުންނާއި ޕްރޮފެޝަނަލުން އެއްތަނަކުން ބައްދަލުކޮށް، ނެޓްވޯކްކޮށް، އެ ފަރާތްތަކުގެ އުފެއްދުންތަކާއި ހިދުމަތްތައް ދައްކާލުމަށް ފަހި ފުރުސަތުތަކެއް ހޯދައިދޭ ޕްލެޓްފޯމެކެވެ.

ބައިނަލްއަޤްވާމީ އަދި އިންޑިއާގެ ފަތުރުވެރިކަމުގެ ދާއިރާގެ ގިނަ ފަރާތްތަކެއް އެގްޒިބިޓަރުން އަދި ވިޒިޓަރުންގެ ގޮތުގައި ބައިވެރިވާ މި ހަރަކާތަކީ ދެކުނު އޭޝިއާގައި ބާއްވާ މިފަދަ އެންމެ ބޮޑު އެއް ހަރަކާތެވެ.

މިމަހުގެ 9 އިން 11 އަށް ކުރިއަށްދާ މި ފެއަރގައި އެމްއެމްޕީއާރުސީއާއެކު 48 އިންޑަސްޓްރީ ޕާޓްނަރުން ތަމްސީލު ކުރާ 81 މަންދޫބުން ބައިވެރިވެއެވެ. އެމްއެމްޕީއާރުސީން ބުނީ ސާޓޭ 2023 ގައި ބައިވެރިވީ އިންޑިއާގެ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން ދަމަހައްޓާ އިތުރުކުރުމަށްކަމަށެވެ.

މި ހަރަކާތުގެ ޒަރިއްޔާއިން އެމްއެމްޕީއާރުސީއަށް ރާއްޖޭގެ އެންމެ ފަހުގެ މައުލޫމާތުތައް އިންޑިއާ އަދި ދެކުނު އޭޝިއާގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ހިއްސާކުރުމުގެ ފުތުސަތު ލިބިގެންދެއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓަތަކުގެ މައުލޫމާތާއި، މަންޒިލުގެ ތަފާތު ތަޖުރިބާތައް ޕްރޮމޯޓު ކުރުމުގެ ފުރުސަތު ލިބެއެވެ.

ސާޓޭ ފެއަރގައި ޕްރެޒެންޓޭޝަން ހުށައަޅާދޭ ސަރަހައްދުގައި ފެއަރގެ ދެވަނަ ދުވަހު ރާއްޖެއާ ބެހޭ ހާއްސަ ޕްރެޒެންޓޭޝަނެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، ސާޓޭ 2023ގެ ތެރެއިން ރާއްޖޭގެ އިންޑަސްޓްރީ ޕާޓްނަރުންނަށް އެ ފަރާތްތަކުގެ ޕްރޮޕަޓީތަކާއި، ފަތުރުވެރިކަމުގެ ތަފާތު އޮފަރތަކާއި އެހެނިހެން ކަންކަން މާކެޓްކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.

ސާޓޭ 2023ގެ ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޕްރެޒެންޓޭޝަންއާއި އެނޫންވެސް ގޮތްގޮތުން ރާއްޖެއާބެހޭ މައުލޫމާތު ދިނުމާއި އިންފްލުއެންސަރުންގެ ތަޖުރިބާތައް ހިއްސާކުރުންވެސް ކުރިއަށްދާނެއެވެ. މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ޤައުމަކީ އިންޑިއާއެވެ. އަދި މިއަހަރުގެ މިހާތަނަށްވެސް ރާއްޖޭގެ ގަދަ 10 މާކެޓްގެ ތެރޭގައި އިންޑިއާ ހިމެނެއެވެ.