ޚަބަރު

ކުޑަގިރިއަށް ދަތުރުދިއުމަށް މިއަދުން ފެށިގެން ބުކްކުރެވޭނެ


ކުޑަގިރިއަށް ދަތުރުދިއުމަށް މިއަދު ހަވީރު ހަތަރެއްގެ ފަހުން ބުކް ކުރެވޭނެ ކަމަށް އެޗްޑީސީން ވިދާޅުވެއްޖެއެވެ.

އެޗްޑީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޑީސީގެ މާކެޓިންގ އެންޑް ޕީއާރް ޑިރެކްޓަރ ނިއުޝާދު ޝަރީފް ވިދާޅުވީ ކުޑަގިރި އެމްވީ އިން މިއަދުގެ ހަތަރެއްގެ ފަހުން ކުޑަގިރިއައް ދަތުރުދިޔުމަށް ބުކް ކުރެވޭނެކަމަށެވެ.

ސަރުކާރުގެ ވަޢުދާ އެއްގޮތަށް މާލެ ކައިރިން ދަތުރު ދިއުމަށް ރަށެއް ތަރައްޤީކުރަން ކުޑަގިރި ފަޅު ހިއްކާ އަންނަ ހޮނިހިރު ރަސްމީކޮށް ހުޅުވަން މިހާރުވަނީ ތައްޔާރުވެފައެވެ. އެއްފަހަރާ 500 ނުވަތަ 600 މީހުންނަށް ޚިދުމަތް ދެވޭނެ ފެސިލިޓީ ކުޑަގިރީގައި ޤާއިމްކޮށްފައިވީ ނަމަވެސް އަންނަ ހޮނިހިރު ދުވަހަކީ ކުޑަގިރި ހުޅުވާ ދުވަސް ކަމުން އެ ދުވަހު ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ 300 މީހުއްނަށް ކަމަށް ނިއުޝާދު ވިދާޅުވިއެވެ.

ކުޑަ ގިރިއަށް ދަތުރުދާ ފަރާތްތަކުން ކުޑަ ގިރިއަށް ޚާއްސަ ކުރެވިފައިވާ ފެރީ ނުވަތަ ބޭނުން ނަމަ އަމިއްލަ ޓްރާންސްޕޯޓްވެސް ހަމަޖައްސައިގެންވެސް ދެވިދާނެއެވެ. ކުޑަގިރިއަށް ދަތުރުދާ ދިވެހިން ފެރީއަށް ދައްކަންޖެހޭނީ ކޮޅަކަށް 25 ރުފިޔާއެވެ. އަދި އެންޓްރަންސް ފީގެ ގޮތުގައި ދައްކަން ޖެހެނީ 50 ރުފިޔާއެވެ. އަދި 12 އަހަރުން ދަށުގެ ކުދިން ނަގާނީ މި އަގުތަކުގެ ދެބައިކޮށްފައި އެއްބައެވެ.

އަމިއްލަ އުޅަނދެއްގައި ކުޑަގިރިއަށްދާނަމަ އެއުޅަނދެއް ބޭއްވުމަށް ފީއެއް ނަގާނެއެވެ. އެގޮތުން ދުވަހުގެ އެއްބައިގައި އުޅަނދު ބާއްވާނަމަ 250ރުފިޔާ ފީއެއްގެ ގޮތުގައި ދައްކަން ޖެހޭނެއެވެ. ދުވަސް އެއްކޮށްނަމަ 500ރުފިޔާ ފީއެއްގެ ގޮތުގައި ދައްކަން ޖެހޭނެއެވެ.

ކުޑަގިރިއަށް ދަތުރު ދެވޭނީ ކުޑަގިރި އެޕްއިން ބުކް ކުރުމަށްފަހުއެވެ. އެނޫން ގޮތަކަށް ކުޑަގިރިއައް އެތެރެ ނުވެވޭނެއެވެ. އަދި ކުޑަގިރީގައި ގާއިމް ކޮށްފައިވާ އަށިތައްވެސް ޓިކެޓް ބުކް ކުރާއިރު ބޭނުން ނަމަ ބުކް ކުރެވިދާނެއެވެ. އަށީގެ ގޮތުގައި ކުޑަގިރީގައި ގާއިމް ކޮއްފައިވާނީ ކުޑަ އަށިތަކަކާއި ބޮޑު އަށިތަކެކެވެ. އެގޮތުން ކުޑައަށި ދުވަހެއްގެ އެއްބައިނަމަ ފީއެއްގެ ގޮތުގައި 250ރުފިޔާ ދައްކަން ޖެހެއެވެ. މުޅި ދުވަސް ނަމަ 500ރުފިޔާ އެވެ. ބޮޑު އަށި އެއްކޮން ނަގާނަމަ ފީއެއްގެ ގޮތުގައި 1200ރުފިޔާ ދައްކަން ޖެހެއެވެ.

ކުޑަގިރީގެ ޚިދުމަތްތައް:

* ފެރީ ކޮޅަކަށް 25 ރުފިޔާ
* ސަރުކާރު ބަންދު ދުވަސްތައް ހިލޭ
* އެންޓްރަންސް ފީ 50ރ
* 12 އަހަރުން ދަށުގެ ކުދިންނަށް ފީގެ 1/2
* ކުޑަ އަށި 1/2 ދުވަހަށް 250ރ
* ކުޑައަށި ދުވާލަކަށް 500ރ
* ބޮޑު އަށި އެއްކޮށް 1200ރ

އެޗްޑީސީން ވިދާޅުވީ ސަރުކާރު ބަންދު ދުވަސްތަކުގައި ކުޑަގިރިއަށް ދަތުރުކުރާ ފަރާތްތަކުން ފީއެއް ނުނަގާނެ ކަމަށެވެ. މިގޮތަށް ހަމަޖައްސާފައިވަނީ އާއްމުންނަށް ލުއިފަސޭހަކޮށްދިނުމަށާއި ވީހާވެސް ގިނަ މީހުންނަށް ރަށަށް ދަތުރުދިއުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށް އެޗްޑީސީން ވިދާޅުވެފއެވެ.

ނިއުޝާދު އިތުރަށް ވިދާޅުވީ ކުޑަގިރި ހުޅުވާއިރު ކަނޑައެޅިފައިވާ ގަވާއިދުތަކެއް އެބަހުރި ކަމަށާއި، އެގަވާއިދުތަކަށް ހުރިހާ ފަރާއްތަކުންވެސް ސަމާލުކަން ދިނުމަށް މުހިންމުކަމަށެވެ. ނިއުޝާދު ވިދާޅުވީ ކުޑަގިރި އެއްވެސް މުދަލަކަށް ގެއްލުން ދީފިނަމަ ފިޔަވަޅު އަޅާނެކަމަށެވެ. އަދި ގެންދާ އަމިއްލަ އަގުބޮޑެތި މުދަލަށް ސަމާލުވާން ވާނެ ކަމަށާއި އެތަކެތި ގެއްލިއްޖެ ނަމަ އެޗްޑީސީން ޒިންމާ ނުވާނެކަމަށް ނިއުޝާދު ވިދާޅުވިއެވެ.

" އަމިއްލަޔައް ރަށާށް ގެންދާ އަގުބޮޑެތި ތަކެތި މޯބައިލް ފޯން ، ލެޕްޓޮޕްސް ، މި ކަހަލަ އެއްވެސް އެއްޗެއް ބެލެހެއްޓުމަކީ އެ ގެންގުޅުއްވާ ފަރާތުގެ ޒިންމާއެއް. އެހެންވީމަ އެކަންކަން އަމިއްލަޔައް ބައްލަވަން ވާނެ ވަރަށް ގިނަ ބޭފުޅުން އުޅޭނީ އެހެންވީމާ އެއިން އެއްޗެއް ގެއްލުނަސް މި ކޯޕަރޭޝަނުން ޒިންމާއެއް ނުނަގާނެ" ނިއުޝާދު ވިދާޅުވިއެވެ.

މީގެ އިތުރުން ކުޑަގިރިއައް ދަތުރު ދާއިރު އާމު ގަވައިދާ މިންގަނޑާއި އެއްގޮތަށް ހުރިހާ ފަރާއްތަކުންވެސް ހެދުން އެޅުމަށް އެޗްޑީސީއިން ވަނީ އިލްތިމާސްކޮއްފައެވެ. މިގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރާ ފަރާއްތަކަށް ޚާއްސަ ދެ ސަރަހައްދެއް ހެދިފައިވާނެކަމަށާއި އެ ސަރަހައްދު ނޫން އެހެން ސަރަހައްދެއްގައި ދުންފަތުގެ އިސްއުމާލު ނުކުރުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ. އަދި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ރަށަށް އެރުވުންވެސްވަނީ މަނާކޮށްފައެވެ.

ކުޑަގިރި އާންމުންނަށް ހުޅުވާލެވިގެންދާއިރު މި ރަށުގައި ތަފާތު އެކި ކަންކަން ކުރެވޭނެ އެވެ. ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް މިތަނުގައި ކައިވެނީގެ ހަފުލާތަކާއި، އުފަންދުވަސް ފާހަގަކުރުމަށް ބާއްވާ ޕާޓީތަކާއި އެކިކަހަލަ އެއްވުންތަކުގެ އިތުރުން ކޯޕަރޭޓް އިވެންޓްތައް ބޭއްވުމަށްވެސް ފުރުސަތު އޮންނާނެ އެވެ. އެހެން ނަމަވެސް ހަފްތާ ބަންދުގައި އެ ފަދަ ހަފްލާތަށް ބޭއްވުމަށް ފުރުސަތު ނުލިބޭނެއެވެ. އެޗްޑީސީއިން ވިދާޅުވީ ކުޑަގިރި ތަރައްގީ ކުރެވުނީ ރައްޔިތުން ދަތުރުގޮސް މަޖާކޮއްލުމަށް ކަމަށެއެވެ. އެހެން ކަމުން އެންމެ ފުރަތަމަ އިސްކަންދޭނީ އެކަމަށް ކަމަށެއެވެ.

ކުޑަގިރި މުޅިން ނިމިފައިވާއިރު އާންމުންނަށް ބޭނުންވާނެ އަސާސީ ކަންކަމުގެ އިތުރުން އެހެނިހެން ވަސީލަތްތައްވެސް އެ ރަށުގައި ވަނީ ގާއިމުކޮށްފައެވެ. އެގޮތުން ކުޑަގިރިއަށް ދަތުރުދާ މީހުންނަށް ކޮންމެހެން ބޭނުންވާނެ އަސާސީ ޚިދުމަތްތައް ކަމަށްވާ ފާޚާނާ، ޗޭންޖިން ރޫމް އަދި ނާސިން ރޫމްވެސް ވަނީ ގާއިމުކޮށްފަ އެވެ. އޭގެ އިތުރުން މިސްކިތަކާއި، ކްލިނިކަކާއި، ކޮންވީނިއެންސް ސްޓޯ އަދި ރީޓެއިލް ސްޓޯރުގެ އިތުރުން މިރަށުގައި ކެފޭއެއްވެސް ގާއިމުކޮށްފައިވެއެވެ.