މިއަހަރު ނިމުމުގެ ކުރިން މުޅި ޖުމްލަ 750 ދަނޑުވެރިންގެ ތަކެތި އެގްރޯނެޓުން ގަންނަމުން ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނުގެ މިދައުރުގެ އެންމެ ފަހުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
އެގްރޯނެޓަކީ ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް ރައީސް ސާލިހުގެ ސަރުކާރުން އުފައްދާފައިވާ ކުންފުންޏެވެ. މި ކުންފުނި އުފެއްދީ 2020 ވަނަ އަހަރުގެ އޭޕްރީލްމަހުގެ ތެރޭގައެވެ. ރާއްޖޭގެ ދަނޑުވެރިކަން ފުޅާކޮށް ދަނޑުވެރިންނަށް ހަމައަގު ހޯދައިދުނުމަށްޓަކައި އެގްރޯނެޓުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ދަނޑުވެރިންގެ އުފެއްދުންތައް މާކެޓް ކުރުމަކީ މުހިންމު ކަމެއްކަމަށެވެ. ދަނޑުވެރިންކުރާ މަސައްކަތްތައް އާމްދަނީ ލިބޭނެ ގޮތަކަށް ބަދަލުކުރުމަކީ މިހާތަނަށް ދަނޑުވެރިކަމުގެ ސިނާއަތަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެގްރޯނެޓަކީ ދަނޑުވެރިންގެ މި ގޮންޖެހުމަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކޮށި މަގެއްކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
”ޖުމްލަ 46 ރަށެއްގެ 800 އަށްވުރެ ގިނަ ދަނޑުވެރިން ވަނީ އެގްރޯނެޓްގެ ނެޓްވޯރކާ ގުޅިފަ. ވެވޭ އެއްބަސްވުމުގެ ދަށުން ކޮންޓްރެކްޓް ފާމިންގގާ 485 ދަނޑުވެރިން ދަނީ ޙަރަކާތްތެރިވަމުން. ދަނޑުވެރިކަމަށް ބޭނުންވާ ތަކެތި 534 ދަނޑުވެރިއަކަށް ފޯރުކޮށްދެވިއްޖެ. މިއަހަރުގެ ނިޔަލަށް ހިފާފައިވާ އަމާޒަކީ ޖުމްލަ 750 ދަނޑުވެރިން އެމަސައްކަތް ފަށާ ، އުފައްދާ ތަކެތި އެގްރޯނެޓުން ގަންނަމުން ދިއުން.” ރައީސް ވިދާޅުވިއެވެ.
އެގްރޯނެޓުން މިހާރު އަންނަނީ ރާއްޖޭގެ 9 ސަރަހައްދެއްގައި ޑިސްޓްރިބިއުޝަން ސެންޓަރުތައް އެޅުމުގެ މަސައްކަތްވެސް ކުރައްވަމުންނެވެ. މީގެއިތުރުން އެ ކުންފުންޏާއި ގުޅިގެން ދަނޑުވެރިކަން ކުރަމުން އަންނަ ދަނޑުވެރިންނަށް ދަނޑުވެރިކަމުގެ އާލާތައް ގަތުމަށް ސްޓާޓްއަޕް ޕެކޭޖްވެސް އަންނަނީ ދޫކުރަމުންނެވެ.
އެގްރޯނެޓުން މިހާރު މަސައްކަތް ކުރަމުން ދަނީ އެ ކުންފުންޏާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަ ދަނޑުވެރިންގެ ބާވަތްތައް ތާޒާކަމާއިއެކު އެއްތަނުން އަނެއްތަނަށް އުފުލުމަށް ބޯޓުތަކެއް ބަނުމުގެ މަސައްކަތް ކުރަމުންނެވެ.