ޚަބަރު

ބ. ކަމަދޫ ބަނދަރުގެ ބޭރު ތޮށީގައި ހަދާ ޖެޓީގެ މަސައްކަތް ފަށަަނީ


ބ. ކަމަދޫގައި ސަރުކާރުން ތަރައްޤީ ކުރާ ބަނދަރުގެ ބޭރު ތޮށީގައި ހަދާ ޖެޓީގެ މަސައްކަތް މިމަހު ފެށުމަށް ތައްޔާރުވެއްޖެއެވެ. ކަމަދޫ ބަނދަރުގެ މަސައްކަތް ކުރަމުން އަންނަނީ އެމް.ޓީ.ސީ.ސީއިންނެވެ.

ކަމަދޫ ބަނދަރު މަރާމާތުކޮށް ހެދުމުގެ މަސައްކަތުގެ ތެރެއިން އެއްގަމު ތޮށީގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިމިފައިވާކަމަށް އެމް.ޓީ.ސީ.ސީއިން ވިދާޅުވެއެވެ. މި މަސައްކަތަ މިހާރު އޮތީ މަޑުޖެހިފައިކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. އެއީ ސަރވޭ ކުރުމުގައި މައްސަލަ ހުރުމުން އެކަން ހައްލު ކުރުމުގެ ގޮތުންކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

އެއްގަމު ތޮށީގެ މަސައްކަތް މިދިޔަ މަހުގެ ނިޔަލަށް ނިންމާނުލެވުނީވެސް މިކަމުގެ ސަބަބުންކަން ކައުންސިލުން ފާހަގަކުރައްވައެވެ. މި މަޝްރޫޢުގެ ދަށުން އެރަށު ބަނދަރުގައި 392 މީޓަރުގެ އެއްގަމު ތޮށްޓެއް ލާނެއެވެ.

މިހާރު ކުރަމުން ދަނީ ބޭރު ތޮށީގައި ކުދި އުޅަނދުތައް އެޅުމަށް ޚާއްސަ ޖެޓީ ހެދުމުގެ މަސައްކަތް ކަމަށް އެރަށު ކައުންސިލްގެ ރައީސް ޙަސަން ޒަރީރު ވިދާޅުވިއެވެ. އެގޮތުން ޖެޓީ ހެދުމަށް ތަނބުތައް ނިންމާ އެސަރަހައްދަށް ގެންގޮސް މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް ޒަރީރު ވިދާޅުވިއެވެ.

މި ބަނދަރު މަރާމާތުކޮށް ބޮޑުކުރުމުގެ މަސައްކަތައް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް މިހާރު އެރަށަށް ގެންގޮސްފައިވާއިރު ބަނދަރަށް އިތުރު ކުރާ ބައި ފުންކުރުމުގެ މަސައްކަތުގެ 92 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމް.ޓީ.ސީ.ސީއިން ވިދާޅުވެއެވެ. މިމަޝްރޫޢުގެ ދަށުން ތިރީސް ހާސް ނުވަސަތޭކަ ތިރީސް ތިން ކިއުބިކް މީޓަރުގެ ސަހަރައްދެއް ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުގެ ދަށުން 5،085 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމާ ހަދަމުންދާ ބަނދަރާ ކުރީގެ ބަނދަރު ހިމެނޭހެން 181 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާ، 656 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތުގެ އިތުރުން ބަނދަރު އޮންނަ ސަރަހައްދުގެ ޕޭވްމަންޓް ހެދާ ބަނދަރު ބައްތިޖަހާ، ނެރު ބައްތި ހަރުކުރުން ހިމެނެއެވެ.

ކަމަދޫގައި ކުރިން އޮތް ބަނދަރު ކުޑަވެ ތިލަވުމުގެ ސަބަބުން ލަފާފުރުމުގެ ދަތިކަން އެރަށް އޮތީ ކުރިމަތިވެފައެވެ. ބަނދަރު ކުޑަވުމުގެ ސަބަބުން ރަށުގެ އިޤްތިޞާދަށްވެސް ނޭދެވޭ އަސަރު ކުރާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. އެއީ އެރަށަކީ ޕެޓްރޯލާ ޑީސެލް ބަނދަރު ކައިރިން ލިބޭ ރަށަކަށްވުމުން އެ ޙިދުމަތް ހޯދުމަށް އަންނަ އޮޑިދޯނިފަހަރު އެޅުމަށް ނުވަތަ މަޑުކޮށްލުމަށް ފަޅު ކުޑަވުމުން ޖާގަނުލިބޭތީއެވެ.

ކައިރި ރިސޯޓްތަކުން އަންނަ އުޅަނދުތައް މަޑު ކުރުމަށް ފަޅުން ނުލިބުމަކީވެސް އެރިސޯޓްތަކުން ކުރާ ޝަކުވާއެކެވެ. އަދި ގެސްޓްހައުސް ވިޔަފާރި ފުޅާކޮށް ކުރުމަށްވެސް މިކަމުގެ ސަބަބުން އުނދަގޫތަކާ ކުރިމަތިވާކަމަށް ކައުންސިލުން ވިދާޅުވެއެވެ.

ބަނދަރު ބޮޑުކޮށް މަރާމާތު ކުރުމުން އެރަށަށް ދިމާވެފައި އޮތް އިޤްތިޞާދީ މައްސަލައަށް ހައްލު ލިބިގެންދާނެކަމަށް އެރަށު ކައުންސިލުން އުންމީދު ކުރެއެވެ.