ޚަބަރު

ޖަލުތަކުގައި ހިންގާފައިވާ އަނިޔާތައް ބެލުމަށް ޤައިދީންގެ ބަޔާން ނަގަނީ


ރާއްޖޭގެ ޖަލުތަކުގައި ހިނގާފައިވާ ލާއިންސާނީ ދަށުދަރަޖައިގެ އަނިޔާތަކާ ބެހޭގޮތުން އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ބަލަމުންދާ މައްސަލަތައް މި ފެށޭ ފެބުރުއަރީ މަހު ބޭއްވުމަށް އެ އޮފީހުން ނިންމައިފިއެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސް ޕާސަންގެ އޮފީހުން ވިދާޅުވީ، 01 ޖަނަވަރީ 1953 އިން ފެށިގެން 17 ނޮވެންބަރު 2018ގެ ނިޔަލަށް ރާއްޖޭގެ ޖަލުތަކުގައި ހިނގާފައިވާ، އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކާއި، ލާއިންސާނީ ދަށުދަރަޖައިގެ ޢަމަލުތަކާއި އަނިޔާތަކުގެ މައްސަލަތަކާއި ގުޅިގެން، ޢާންމުކޮށް ހުޅުވާނުލައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ އަޑުއެހުންތަކުގެ ތެރެއިން، މިހާރު ޖަލުތަކުގައި ތިބި ގައިދީންގެ ބަޔާންތައް ނެގުން ފެބުރުއަރީ 26 އިން 03 މާރިޗަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ. މިކަމާ ގުޅޭ އިތުރު އަޑުއެހުންތަކެއް މާލޭ ސިޓީގައިވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށާއި، އެ އަޑުއެހުންތައް ބާއްވާނެ ތާރީޚެއް ފަހުން އިޢުލާންކުރާނެކަމަށް އޮމްބަޑްސްޕާރސަންގެ އޮފީހުން ވިދާޅުވިއެވެ.

މި އަޑުއެހުންތަކުގައި މައްސަލަ ހުށައެޅި ފަރާތްތަކުގެ އިތުރުން އެފަދަ ކަންކަން ތަޖުރިބާކޮށްފައިވާ އެހެނިހެން ފަރާތްތަކަށް އަޑުއެހުންތަކުގައި ބައިވެރިވުމުގެ ފުރުޞަތުދީ، މަޢުލޫމާތު އެއްކުރެވޭނެކަމަށް އިންތިޤާލީ އިންސާފުގެ އޮފީހުން ވިދާޅުވިއެވެ. އަދި މައްސަލަތަކުގެ ވަށައިގެންވާ އެހެނިހެން ކަންކަން ދެނެގަތުމުގައި ޤާނޫނުއަސާސީގައި ބަޔާންވެފައިވާ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަން ކަށަވަރުކޮށްދިނުމަށާއި، އަނިޔާގެ ޢަމަލުތައް މަނާ ކުރުމަށް ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާއި އުޞޫލުތަކުގެ އިތުރުން ރާއްޖޭން ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކާ އެއްގޮތަށް ޢަމަލުކޮށްފައިވޭތޯ ބެލެވިގެންދާނެކަމަށްވެސް އެއޮފީހުން ވިދާޅުވިއެވެ.

މި އަޑުއެހުންތަކުގައި ބަޔާންދިނުމަށް ބޭނުންވާ ފަރާތްތަކުން މިމަހުގެ 23 ވަނަ ދުވަހުގެ ކުރިން މައުލޫމާތު ދެއްވަން ބޭނުންވާ ފަރާތުގެ މަޢުލޫމާތުތައް ޙިއްސާކޮށްދެއްވުން އިންތިޤާލީ އިންސާފުން ވަނީ އެދިފައެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަކީ، 1953ގެ ޖެނުއަރީ މަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17ގެ ނިޔަލަށް ހިނގާފައިވާ އިންސާނީ ހައްގުތަކާއި ކަރާމާތާއި ގުޅުންހުރި މައްސަލަތައް ބެލުމަށް، ޤާނޫނުން ބާރުލިބިގެން އުފައްދާފައިވާ އޮފީހެކެވެ. މިހާތަނައަށް އެއޮފީހަށް ހުށަހެޅުނު އެކިބާވަތުގެ މައްސަލަތަކުގެ ތެރެއިން 111 މައްސަލައެއްގެ ތަޙުޤީޤުކޮށް ވަނީ ނިންމާފައެވެ.