ވިޔަފާރި

2 ރަށެއްގައި އައިސް ޕްލާންޓް އެޅުން ފެނަކައާއި ޙަވާލުކޮށްފި


2 ރަށެއްގައި އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން ފެނަކަ ކޯރޕަރޭޝަނާއި ޙަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ފެނަކައާއި ޙަވާލުކޮށްފައިވަނީ ގދ. ފިޔޯރީ އަދި ގދ. މަޑަވެލީގައި އައިސް ޕްލާންޓެއް އެޅުމަށެވެ.

ފިޝަރީޒް މިނިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޔާމީނެވެ. އަދި ފެނަކަ ކޯރޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައީދު މުޙައްމަދެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ، މި 2 ރަށުގައިވެސް ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ 25 ޓަނުގެ އައިސް ޕްލާންޓެއްކަމަށެވެ. މި 2 އައިސް ޕްލާންޓް ނިންމުމަށް ދީފައިވާ މުއްދަތަކީ 170 ދުވަހެވެ. މިނިސްޓްރީން ވިދާޅުވީ، ކޮންމެ އައިސް ޕްލާންޓެއްގެ އަގަކީ 4.89 މިލިއަން ރުފިޔާކަމަށެވެ.


މި ސަރުކާރުން މިހާތަނަށް ރާއްޖޭގެ 10 ސަރަހައްދެއްގައި ވަނީ އައިސް ޕްލާންޓް ޤާއިމުކޮށްފައެވެ. އޭގެތެރޭގައި ރ. މަޑުއްވަރީ، ބ. ތުޅާދޫ، ޅ. ފެލިވަރު، ކ. ގާފަރު، ފ. ފީއަލި، ފުވައްމުލައް ސިޓީ، އަދި ސ. ހުޅުމީދޫގައި 2 އައިސްޕްލާންޓް ހިމެނެއެވެ. މިއީ މުޅިންވެސް 25 ޓަނުގެ އައިސް ޕްލާންޓްތަކެވެ.

މިއަހަރު ނިމުމުގެ ކުރިން އިތުރު 15 އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ. މިއީ މަސްވެރިންނަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުން ފަސޭހަކަމާއެކު އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ސަރުކާރުން ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތެކެވެ.