ޚަބަރު

މެދު ރާއްޖެތެރެއަށް ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު


އއ.އަތޮޅުން ފެށިގެން ދ.އަތޮޅަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މެދުރާއްޖެތެރޭގެ ސަރަހައްދުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ވަގުތުތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިންވަނީ ރީނދޫ ސަމާލުވެސް ނެރެފައެވެ. މެޓް އޮފީހުން ބުނީ އއ.އަތޮޅުން ފެށިގެން ދ.ހިމެނޭ ސަރަހައްދަށް މިއަދު ހަވީރު 5 ޖެހުމާ ހަމައަށް ވައިގަދަވާނެ ކަމަށާއި ވިލާގަނޑުގައި ގަޑިޔަކު 40 މޭލަށް ވައިގެ ބާރުމިން ހުރުން އެކަށީގެންވާ ކަމަށެވެ.

އަދި މެދު ރާއްޖެ ތެރެއާއި އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރާނެކަމަށާއި ދެކުނު އަތޮޅުތަކުގެ މޫސުން އާއްމުގޮތެއްގައި ރަނގަޅުވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނޭކަމަށާއި، ދެކުނު އަތޮޅުތަކަށް ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމައްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މެދުރާއްޖެތެރެ ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދުތަކަށް މިދުވަސްވަރު މޫސުން ރަނގަޅެވެ. ނަމަވެސް މިދުވަސްވަރު މުޅި ރާއްޖެ ހިމެނޭ ސަރަހައްދުގައި ޖައްވު ނުސާފުކަން ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން ކަނޑު ދަތުރު ކުރާ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއް ދެއްވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.