ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމަށް ޞައްހަ ނޫން ލައިސަންސެއް ބޭނުންކޮށްފިނަމަ ދިހަ ހާސް ރުފިޔާއިން ޖޫރިމަނާކުރަން މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ނިންމައިފިއެވެ. މިގޮތަށް ނިންމައި އެ މިނިސްޓްރީން ވަނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ ލޯކަލް އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސާއި ބެހޭ ޤަވާއިދު ޢާންމުކޮށްފައެވެ.
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދުއްވާ ލޯކަލް އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސާބެހޭ ގަވާއިދު ގެ ނަމުގައި ޢާންމުކޮށްފައިވާ ގަވައިދުގައި ވަނީ ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވާ ފަރާތްތަކުގެ ދަފުތަރެއް ޓްރާންސްޕޯޓް މިނިސްޓްރީން އެކުލަވާލަން ޖެހޭކަމަށެވެ.
އެ ޤަވާއިދުގައި ވަނީ، މުއްދަތު ހަމަނުވާ ކަނޑުގައި ދުއްވާ އުޅަނދު ދުއްވުމުގެލައިސަންސް ނެތި ކަނޑު އުޅަނދު ދުއްވުމަކީ މަނާކަމެއްކަމަށެވެ. އަދި ކަނޑުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރެވޭނީ މީލާދީ ގޮތުން 18 އަހަރު ފުރިފައިވާ މީހުންނަށްކަމަށްވެސް އެ ޤަވާއިދުގައި ބުނެފައިވެއެވެ. އަދި ބޭރު ޤައުމެއްގައި ދޫކޯށްފައިވާ ލައިސަންސްގެ މައްޗަށް ބިނާކޮށް މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވަގުތީ ލައިސަންސެއް ދެވިދާނެކަމަށްވެސް މި ޤަވާއިދުގައި ބުނެފައިވެއެވެ.
މި ޤަވާއިދުގައި ބުނެފައިވާގޮތުގައި ކަނޑު އުޅަނދު ދުއްވުމުގެ ޤަވާއިދާއި އެއްވެސް ފަރާތަކުން ޚިލާފުވެއްޖެވަނަމަ އެމީހެއްގެ ލައިސަންސް 48 ގަޑިއިރާއި އެއް މަސްދުވަހުގެ މުއްދަތަށް ހިފެހެއްހެއްޓެނެއެވެ. މީގެ އިތުރުން ބިދޭސީންނަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ދުއްވާ އުނޅަދުފަހަރު ދުއްވުމުގެ ލައިސެންސަށް ހުށައެޅޭނީ އެ ފަރާތަކީ ދިވެހިރާއްޖޭގައި ވޯޓާރސް ސްޕޯޓްސް މަސައްކަތް ކުރުމުގެ ހުއްދަ ދިފައިވާ ފަރާތެއްކަން ބަޔާންކޮށް ދޫކޮއްފައިވާ ވޯޓާރސް ސްޕޯޓްސްއާއި ގުޅޭ ޕްރޮޕެޝަނަލް ގިންތީގެ ވާރކް ޕާމިޓް ނުވަތަ ވާރކް ވިސާ ނުވަތަ ރެސިޑެންސް ކޮޕީ ހުށައެޅުމުންކަމަށް މި ޤަވާއިދުގައިވެއެވެ.
އައު ޤަވާއިދުގައި އެއްވެސް ސަބަބަކާއި ގުޅިގެން ލައިސަންސް ހިފެހެއްޓިފައި ވަނިކޮށް، އުޅަނދެއް ދުއްވައިފިނަމަ ފުރަތަމަފަހަރު ފަހަރަށް 1500 ރުފިޔާއިން ޖޫރިމަނާކޮށް، ލައިސަންސްގައި އެކަން އެންޑޯޒްކުރާނެއެވެ. އަދި ދެވަނަ ފަހަރު 3000 ރުފިޔާ އިން ޖޫރިމަނާކުރެވޭނެކަމަށާއި، އިތުރަށް ކުށް ތަކުރާރުވާނަމަ ކޮންމެ ފަހަރަކު 5000 ރުފިޔާއިން ޖޫރިމަނާކުރެވޭނެކަމަށްވެސް މި ޤަވާއިދުގައިވެއެވެ. އަދި އެމީހެއްގެ މައްޗަށް ކޯޓަށް ހުށައެޅުމަށް ފުލުހަށް މައްސަލަ ހުށައެޅޭނެކަމަށްވެސް ޤަވާއިދުގައި ބުނެފައިވެއެވެ.
މި ޤަވާއިދު ބުނާގޮތުން ޞައްޙަ ނޫން ލައިސަންސް ބޭނުންކޮށްގެން ކަނޑު އުޅަނދެއް ދުއްވައިފިނަމަ އެފަރާތެއް ދިހަހާސް ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.
މި ޤަވާއިދުގައި ވަނީ ކަނޑު އުޅަނދު ދުއްވުމުގެ ޤަވާއިދާއި ޚިލާފްވެއްޖެނަމަ ބޮޑެތި ޖޫރިމަނާތަކެއް ކަނޑައަޅާފައެވެ.