ޚަބަރު

މުޅިން އަލަށް ވޯޓުލުމުގެ ހައްގު 21،000 ޒުވާނުންނަށް


މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި މުޅިއަން އަލަށް 21،000އަށް ވުރެ ގިނަ ޒުވާނުންނަށް ވޯޓުލުމުގެ ފުރުޞަތު ލިބޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް ވަމުން އަންނަ ތައްޔާރީތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ޕްރެސްކޮންފަރެންސްގައި އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، މިއީ މިހާތަނަށް އެންމެ ގިނަ ބަޔަކަށް ވޯޓުލުމުގެ ހައްގު ލިބޭ އިންތިޚާބުކަމަށެވެ. އެގޮތުން 2018 ވަނަ އަހަރު ބޭއްވި އިންތިޚާބަށްވުރެ 21،000 އަށްވުރެ ގިނަ މީހުންނަށް މިފަހަރު ވޯޓު ލެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތަޢުފީޤް ވިދާޅުވިއެވެ.

މުޅިން އަލަށް 21،000 ޒުވާނުންނަށް ވޯޓުލުމުގެ ހައްޤު

2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވަނީ 262،135 މީހުންނަށެވެ. ނަމަވެސް މިފަހަރުގެ އިންތިޚާބުގައި 280،000އަށް ވުރެ ގިނަ މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންދާނެއެވެ.

މިއީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބަށްވުރެ %10 އިންސައްތައިގެ އިތުރު ވުމުކެވެ. އެހެންކަމުން މިއަހަރު މުޅިން އަލަށް 21،000 ޒުވާނުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންދާނެއެވެ.

ބަހައްޓާ ވޯޓުފޮށި އިތުރުވާނެ

2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ބަހައްޓަފައިވަނީ 472 ވޯޓު ފޮއްޓެވެ. ނަމަވެސް މިއަހަރު އެ ޢަދަދު 600އަށް އިތުރުވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.މީގެ ތެރޭގައި އެންމެ ބޮޑު އިތުރުވުމެއް އަންނަނީ މާލެ ސަރަހައްދުގައި ބަހައްޓާ ވޯޓުފށީގެ ޢަދަދަށެވެ.

2018 ވަނަ އަހަރު މާލޭގައި 103 ވޯޓު ފޮށި ބެހެއްޓިއެވެ. ނަމަވެސް މިއަހަރު މާލޭގައި 145 ވޯޓު ފޮށި ބަހައްޓާނެއެވެ. 2018 ވަނަ އަހަރު ހުޅުމާލޭގައި 13 ވޯޓު ފޮށި އަދި ވިލިމާލޭގައި 6 ވޯޓު ފޮށި ބެހެއްޓިއެވެ. ނަމަވެސް މިއަހަރު ހުޅުމާލޭގައި 47 ވޯޓު ފޮށި އަދި ވިލިމާލޭގައި 10 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ.

މިއަހަރު ރިސޯޓުތަކުގައިވެސް ވޯޓު ފޮށި ބަހައްޓާ ޢަދަދު އިތުރުވާނެއެވެ. އެގޮތުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ރިސޯޓްތަކުގައި 35 ވޯޓު ފޮށި ބެހެއްޓިނަމަވެސް މިއަހަރު 50 ފޮށި ބެހެއްޓޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ލަފާކޮށްފައިވެއެވެ.

މީގެ އިތުރުން ސިޓީތަކާއި އަތޮޅުތަކުގައިވެސް ބަހައްޓާ ވޯޓު ފޮށީގެ ޢަދަދު މިފަހަރު އިތުރުވާނެއެވެ. 2018 ވަނަ އަހަރު ސިޓީތަކާއި އަތޮޅުތަކުގެ ރަށްތަކުގައި 302 ވޯޓު ފޮށި ބެހެއްޓިއެވެ. ނަމަވެސް މިއަހަރު 327 ފޮށި ބަހައްޓާނެއެވެ.

ރާއްޖެއިން ބޭރުގައިވެސް ވޯޓު ފޮށި ބެހެއްޓޭނެ ޤައުމުތައް ކަނޑައެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން އެކަމުގެ މަޝްވަރާތައް ފޮރިން މިނިސްޓްރީއާއެކު ކުރަމުން އަންނަކަަމށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާނީ ދިވެހި އެމްބަސީއެއް ނުވަތަ ހައިކޮމިޝަނެއް ހުރި ޤައުމުތަކުގައެވެ. އަދި އެ ޤައުމުތަކުގައި ވޯޓުފޮށި ބަހައްޓާނީ 150އަށް ވުރެ ގިނަ މީހުން ވޯޓުލުމަށް ރަޖިސްޓްރީކުރުމުންނެވެ.

2018 ވަނަ އަހަރު ރާއްޖެއިް ބޭރުގައި 5 ވޯޓު ފޮށި ބެހެއްޓިއެވެ. އެހެންނަމަވެސް މިއަހަރު 12 ވޯޓު ފޮށި ބެހެއްޓޭނެކަމަށް ލަފާކޮށްފައިވެއެވެ.

6000 އޮފިޝަލުން ހަރަކާތްތެރިވާނެ

ކޮންމެ އިންތިޚާބެއްގައިވެސް ގިނަ ޢަދަދެއްގެ އޮފިޝަލުން ހަރަކާތްތެރިވާނެއެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ ވަގުތީ މުވައްޒަފުން ހިމެނެއެވެ. އެގޮތުން މިފަހަރުގެ އިންތިޚާބުގައި އޮފިޝަލުން ހިމެނޭހެން 6772 މުވައްޒަފުން މަސައްކަތް ކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

* ޓާސްކްފޯސް މުވައްޒަފުން - 304
* އަތޮޅު ފޯކަލްޕޮއިންޓުން - 21
* ރަށު ފޯކަލް ޕޮއިންޓުން - 207
* ފޯކަލް ޕޮއިންޓުންގެ އެހީތެރިން - 228
* ކޮމްޕްލެއިންސް ބިއުރޯގެ މެންބަރުން - 5
* އަތޮޅު ކޮމްޕްލެއިންސް ބިއުރޯގެ މެންބަރުން - 63
* އޮފިޝަލުން - 5579
* ޓްރެއިނަރުން - 80
* ކޯޑިނޭޓަރުން - 110
* ގްރައުންޑް މެނޭޖަރުން، އެސިސްޓަންޓުން - 175

މިއަހަރުގެ ރިޔާސީ އިންތިޚާބު އޮންނާނީ ސެޕްޓެމްބަރު މަހުގެ 9ގައިކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާންކޮށްފައެވެ.