1443 ވަނަ އަހަރުގެ ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތައް އިޙްޔާކުރުމުގެ ގޮތުން ސިފައިންގެ ޔުނިޓްތަކަށާއި ސިފައިންގެ ޢާއިލާތަކަށް އަމާޒުކޮށްގެން ބޭއްވި، ދިވެހި އަސްކަރިއްޔާގެ 10 ވަނަ ޤުރުއާން މުބާރާތުގެ ނަތީޖާ އިއުލާންކޮށް ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމް ހަވާލުކޮށްފިއެވެ.
މި މުބާރާތުގެ ނަތީޖާ އިއުލާނުކުރުމުގެ ގޮތުން ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑީއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފެވެ. މުބާރާތުގެ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހެމާނުގެ އިތުރުން ޖެނެރަލް އޮފިސަރުންނެވެ.
މި މުބާރާތުގައި ސިފައިންގެ ތެރެއިން އެއް ވަނަ ހޯދައި ސިސިލްފަރު ޙައްޖު އެންޑް އުމްރާ ޤުރޫޕުން ދެއްވާ 1444 ވަނަ އަހަރުގެ ރަމަޟާން މަހުގެ އުމްރާ ދަތުރު ހާސިލުކުރި ފަރާތަކީ ލާންސް ކޯޕްރަލް އަޙްމަދު ސަލީމެވެ. މުބާރާތުގައި ބައިވެރިވި ސިފައިންގެ ތެރެއިން ދެވަނަ ހޯދާފައި ވަނީ ކެޕްޓަން މުޙައްމަދު ލިޔާޢު އިބްރާހީމްފުޅެވެ. އަދި ތިންވަނަ ހާސިލުކުރި ފަރާތަކީ ސާޖަންޓް އިބްރާހީމް ޙުސައިންއެވެ.
މުބާރާތުގެ ޔުނިޓްތަކުގެ ކެޓަގަރީއިން އެއްވަނަ އެމްއެންޑީއެފް ކޯސްޓްގާޑް ހޯދާފައިވާއިރު ދެވަނަ ހޯދާފައިވަނީ އެޖުޓަންޓް ޖެނެރަލްސް ކޯރ (އޭޖީ ކޯރ) އެވެ. އަދި ޔުނިޓްތަކުގެ ކެޓަގަރީން ތިން ވަނަ ހޯދާފައި ވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑެވެ. މުބާރާތުގެ ޔުނިޓްތަކުގެ ކެޓަގަރީން ހިތުން ކިޔެވުމުގެ ބައިން އެއްވަނަ ހޯދާފައި ވަނީ ލާންސް ކޯޕްރަލް އަޙްމަދު ސަލީމެވެ. އަދި ބަލައިގެން ކިޔެވުމުގެ ބައިން އެއްވަނަ ހޯދާފައި ވަނީ ކެޕްޓަން މުޙައްމަދު ލިޔާއު އިބްރާހީމްފުޅެވެ.
ކޮންމެ އަހަރެއްގެ ބަރަކާތްތެރި ރަމަޟާން މަހަށް ޚާއްޞަކޮށްގެން ދިވެހި ސިފައިންގެ ކުލަބުން ބާއްވަމުން އަންނަ މި މުބާރާތް މިދިޔަ އަހަރު ކުރިއަށްގެންދިޔައީ ވާޗުއަލްކޮންނެވެ. 2022 އެޕްރީލު 8 އިން 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި މުބާރާތަށް އިންސާފުކޮށް ދެއްވާފައިވަނީ ސީޑީއެސްއެސް ލެބްގައި ފަނޑިޔާރުން ތިއްބަވައިގެންނެވެ. މި މުބާރާތުގެ ހުރިހާ ދަންފަޅިތަކެއް ވެސް އެމްއެންޑީއެފް ފޭސްބުކް ޕޭޖުން ވަނީ ލައިވްކޮށްފައެވެ.
މުބާރާތުގެ ފަނޑިޔާރުންގެ ޕެނެލްގައި ހިމެނޭ ބޭކަލުންނަކީ ފަސްޓް ލެފްޓިނެންޓް އަޙްމަދު ނާޙިދުއާއި ސާޖަންޓް މޭޖަރ ސަޢީދު ޙަސަން އަދި ސާޖަންޓް ފަސްޓް ކްލާސް އަޙްމަދު ޝިޔާމްއެވެ.
އިންޓަރ ޔުނިޓް ބައިން ވަކިވަކި ޔުނިޓްތަކަށާއި އަދި ޔުނިޓްތައް ކޮންބައިންކޮށް އަދި ވަކިވަކި ސިފައިންނަށް ވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދިޔަ މި މުބާރާތުގައި ސިފައިންގެ ތެރެއިން ބަލައިގެން ކިޔެވުމުގެ ބައިގައި 30 ސިފައިން އަދި ހިތުން ކިޔެވުމުގެ ބައިގައި 9 ސިފައިން ކިޔަވާފައިވެއެވެ.
ހަ ކެޓަގަރީއަކުން ސިފައިންގެ އާއިލާތަކަށް ހުޅުވާލައިގެން މުބާރާތް ކުރިއަށްގެންދިޔައިރު، އޭގެ ތެރޭގައި 5 އަހަރުން ދަށް، 8 އަހަރުން ދަށް، 12 އަހަރުން ދަށް، 16 އަހަރުން ދަށް، 18 އަހަރުން ދަށް އަދި 18 އަހަރުން މަތި ކެޓަގަރީ ހިމެނެއެވެ. މިއިން ކޮންމެ ކެޓަގަރީއަކުން ވެސް ހިތުން ކިޔެވުމުގެ ބަޔާއި، ބަލައިގެން ކިޔެވުމުގެ ބައިގައި ސިފައިންގެ ޢާއިލާތަކުން ބައިވެރިވެފައިވެއެވެ. ނުވަ ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތުގައި ސިފައިންނާއި، ސިފައިންގެ ޢާއިލާތައް ހިމެނޭހެން 176 ފަރާތަކުން ބައިވެރިވެ، ކިޔަވާފައިވެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ މި މުބާރާތް ބޭއްވުމުގެ މަޤުސަދަކީ ސިފައިންނާއި ސިފައިންގެ ޢާއިލާތަކުގެ ބޭފުޅުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި އިތުރުކުރުމާއި ޤުރުއާނަށް އަހުލުވެރިކުރުމެވެ. އަދި، ސިފައިންނާއި ސިފައިންގެ ޢާއިލާތަކުގެ މެދުގައި ތަޖުވީދުގެ ހަމަތަކާއި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކީރިތި ޤުރުއާން ކިޔަވަން ދަންނަ ބަޔަކު އުފެއްދުމާއި، ސިފައިންނާއި ސިފައިންގެ އާއިލާތަކުގެ މެދުގައި ރީތިކޮށް ބަލައިގެން އަދި ހިތުން ކީރިތި ޤުރުއާން ކިޔަވަން ދަންނަ ބަޔަކު އުފެއްދުމާއި، ސިފައިންގެ ތެރޭގައި ހާފިޒުން އުފެއްދުމާއި ރާއްޖެއާއި ރާއްޖެއިން ބޭރުން ދިވެހި އަސްކަރިއްޔާއަށް ލިބޭ ޤުރުއާން މުބާރާތްތަކަށް ދިވެހި ސިފައިން ތައްޔާރުކުރުން ވެސް މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މި ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ބައެއް ޖެނެރަލް އޮފިސަރުންނާއި ދިވެހި ސިފައިންގެ ކުލަބުގެ ރައީސް ކާނަލް ޙުޞައިން ޢަލީއާއި މުބާރާތުގެ ފަނޑިޔާރުންނާއި މުބާރާތުގައި ބައިވެރިވި ސިފައިންނާއި ސިފައިންގެ އާއިލާތުގެ މެމްބަރުންގެ އިތުރުން ދަރިވަރުންގެ ބެލެނެވެރިންވެސް ބައިވެރިވެލެއްވިއެވެ.