ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗެއް ރާއްޖެއިން ބޭރުގައި ހުޅުވުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ ބޭންކްގެ މެނޭޖިން ޑިރެކްޓަރު ކާރލް ސްޓުމްކަ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ، ބީއެމްއެލްގެ 40 ވަނަ އަހަރީ ހަފްލާގައި ވާހަކަދައްކަވަމުންނެވެ.
ކްރޮސްރޯޑްގައި ބޭއްވި މި ހަފްލާގައި ބީއެމްއެލްގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ، ބީއެމްއެލްގެ ބޯޑުން އެ ބޭންކް ކުރިއެރުމަށްޓަކައި އިތުރު އަމާޒުތަކެއް ކަނޑައަޅާފައިވާކަމަށެވެ. އެގޮތުން ބޭންކަށް 50 އަހަރު ފުރުމުގެ ކުރިން ބޭންކްގެ ކުރިއެރުމާއި އަދި މުވައްޒަފުންނަށް ކުރުމަށް އައު ކަންކަން ކަނޑައަޅާފައިވާކަމަށް ބީއެމްއެލްގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ. އެގޮތުން ކުރިއަށްއޮތް 18 މަސްދުވަހުގެ ތެރޭގައި ރާއްޖެއިން ބޭރުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ބީއެމްއެލްގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ، އަމާޒަކީ ބީއެމްއެލަށް 50 އަހަރު ފުރޭ އިރު މަދުވެގެން 2 ގައުމެއްގައި ބޭންކުން ޚިދުމަތް ފެށުންކަމަށެވެ. އަދި އެ ކުންފުނީގެ މާލިއްޔަތު 25 ބިލިއަން ރުފިޔާއަށް އެރުވުމަށް ނިންމާފައިވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
"ބީއެމްއެލްގެ ބޯޑުން ވަނީ އައު ޓާގެޓްތަކެއް ކަނޑައަޅާފައި. 25 ބިލިއަން ރުފިޔާގެ ކެޕިޓަލް ބޭސްއެއް 50 ވަނަ އަހަރީ ދުވަސް އައުމުގެ ކުރިން، އެއީ 2032 ވަނަ އަހަރަށް ކަނޑައެޅުމަށް ވަނީ ނިންމާފައި. އައު މާކެޓްތަކަށް ދިއުމަށް ވަނީ ހަމަޖެހިފައި. ކުރިއަށްއޮތް 18 މަސްދުވަހުގެ ތެރޭގައި ރާއްޖެއިން ބޭރުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވޭނެކަމަށް އަޅުގަނޑު ގަބޫލުކުރަން." ކާރލް ސްޓުމްކަ ވިދާޅުވިއެވެ.
ރާއްޖެއިން ބޭރުގައި ބީއެމްއެލްގެ ބްރާންޗު ހުޅުވަނީ ކޮން ގައުމުތަކެއްގައި ކަމެއް ބީއެމްއެލްއިން ހާމައެއް ނުކުރެއެވެ.
ބީއެމްއެލްގެ ބޭންކިންގ ޚިދުމަތް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 350،000 އަށް އަރައެވެ. މިހާރު ވެސް ބީއެމްއެލްގެ މޯބައިލް ބޭންކިންގެ 63 މިލިއަން ލޮގިން ހުރިކަމަށް އެ ބޭންކުން ބުނެއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 82 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 140 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން ބީއެމްއެލްގައި މިހާރުވެސް އެބަހުއްޓެވެ. އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށް އެ ބޭންކުން ބުނެއެވެ.