މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ މީރާއަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 22 ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 7 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ޓެކްސް އާމްދަނީގެ ގޮތުގައި މީރާއަށް ނިމުނު 2022 ވަނަ އަހަރު 16 ބިލިއަން ރުފިޔާވަނީ ލިބިފައެވެ. 2021 ވަނަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި މީރާއަށް ލިބިފައިވަނީ 11 ބިލިއަން ރުފިޔާއެވެ.
މިދިޔަ ޑިސެންބަރު މަހު އެއިދާރާއަށް އާމްދަނީގެ ގޮތުގައި 2.58 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2021 ވަނަ އަހަރުގެ ޑިސެންބަރު މަހާއި އަޅާބަލާއިރު %27.4 ކުރިއެރުމެކެވެ. އަދި މިއީ ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %77 އިތުރު އަދަދެކެވެ.
ހުސްވި ޑިސެންބަރު މަހު މީރާއަށް 2.58 ބިލިއަން ރުފިޔާ ބަލައިގަނެފައިވާއިރު މިއީ ވޭތުވެދިޔަ 4 އަހަރުގެ ޑިސެންބަރު މަހާއި އަޅާބަލާއިރުވެސް އިތުރު އަދަދެއްކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
2018: 1.43 ބިލިއަން ރުފިޔާ
2019: 1.57 ބިލިއަން ރުފިޔާ
2020: 1.03 ބިލިއަން ރުފިޔާ
2021: 2.02 ބިލިއަން
2022: 2.58 ބިލިއަން ރުފިޔާ
ޑިސެންބަރު މަހު މީރާއަށް ބަލައިގަތް އާމްދަނީގެ ތެރޭގައި އެންމެ ބޮޑު އަދަދެއް ހިއްސާކުރަނީ ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީއެވެ. އެއީ %34.2 ނުވަތަ 882.35 މިލިއަން ރުފިޔާއެވެ. 2 ވަނައަށް އެންމެ ބޮޑު އަދަދެއް ހިއްސާކުރަނީ ރިސޯޓްތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ އާމްދަނީއެވެ. އެއީ %34.1 ނުވަތަ 882.03 މިލިއަން ރުފިޔާއެވެ.
މީރާއިން މައުލޫމާތުދޭ ގޮތުގައި 2021 ވަނަ އަހަރުގެ ޑިސެންބަރު މަހާއި އަޅާބަލާއިރު 2022 ވަނަ އަހަރުގެ ޑިސެންބަރު މަހު މީރާއަށް ލިބުނު އާމްދަނީ އިތުރުވެފައިވަނީ ރިސޯޓް ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ، އަދި ކުންފުނިތަކާއި ފަރުދުން ނޫން އެހެން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކްސް އަދި ނޮން-ރެސިޑެންޓް ވިތްހޯލްޑިންގ ޓެކުހުގެ އާމްދަނީ އިތުރުވުމެވެ.
2022 ވަނަ އަހަރުގެ ޑިސެންބަރު މަހު ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ އާމްދަނީ އިތުރުވެފައިވާ ސަބަބަކީ ޓީޖީއެސްޓީ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ، ޑިޕާޗަރ ޓެކްސް އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުންކަމަށް މީރާއިން ބުނެއެވެ.