ވިޔަފާރި

ޖީއެސްޓީގެ އަގަށް އިތުރަށް ޖީއެސްޓީ ލުމަށްފަހު ނުވިއްކޭނެ: މީރާ


މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން، 1 ޖެނުއަރީން ފެށިގެން ޖީއެސްޓީގެ ރޭޓުތަކަށް ވަނީ ބަދަލު އައިސްފައެވެ. އެގޮތުން ޓޫރިޒަމް ދާއިރާގެ ޓެކްސް ނުވަތަ ޓީ.ޖީ.އެސް.ޓީ ރޭޓް %12 އިން %16 އަށް ވަނީ ބޮޑުވެފައެވެ. އަދި ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޓެކްސް ނުވަތަ ޖީ.އެސް.ޓީ ރޭޓް %6 އިން %8 އަށް ވަނީ ބަދަލުވެފައެވެ.

މި ބަދަލާއިއެކު އާންމުންނާއި އަދި ވިޔަފާރިތަކުންވެސް ޓެކްސް ރޭޓުތަކަށް އަހުލުވެރި ވުމަކީ ވަރަށް މުހިންމު ކަމެކެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މީރާގެ އެސިސްޓަންޓް ކޮމިޝަނަރ ޖެނެރަލް ރެވެނިއު ސަރވިސަސް އަޙްމަދު ޝަރީފް ވިދާޅުވީ، ޖީއެސްޓީގެ ރޭޓުތަކަށް މިއައި ބަދަލުތަކާއި ގުޅިގެން ބައެއް ވިޔަފާރިތަކުން މުދަލުގެ އަގު ބޮޑުކޮށްފައިވާކަމުގެ ޝަކުވާ އާންމުންގެ ފަރާތުން އެ އިދާރާއަށް ލިބެމުން އަންނަކަމަށެވެ. ޖީއެސްޓީގެ ރޭޓު ބޮޑުކޮށްގެން ވިއްކާނަމަ އެކަން އެ އިދާރާއިން ބަލަމުންދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، %6 ގެ ޖީއެސްޓީ ރޭޓު %8 އަށް ބޮޑުވެގެންދިޔައިރު އަންނާނެ ހަމައެކަނި ބަދަލަކީ މުދަލުގެ އަގަށް %8 ޖީއެސްޓީ ނެގުންކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން ޖީއެސްޓީގެ އަގަށް އިތުރު %8 ގެ ރޭޓެއް ލުމަށްފަހު އަގު ބޮޑުކޮށްގެން ވިއްކުމަކީ ޤާނޫނާއި ހިލާފުކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

“ޖީއެސްޓީއަށް މިއައި ބަދަލާއިއެކު މުދަލުގެ އަގު ކުރީގައިވެސް ހުރި އަގު އޭގެ މައްޗަށް ޗާޖުކޮށްފައި މި އިންނަ ޖީއެސްޓީ ބަދަލުވެގެންދާނީ. ކުރީގަ 100 ރުފިޔާއަށް ވިއްކާ އެއްޗެއް %6 ޖީއެސްޓީ ލާފަ 106 ރުފިޔާއަށް ވިއްކަން ހުރި އެއްޗެއް ޖީއެސްޓީ އައުމާއި ގުޅިގެން 106 ރުފިޔާގެ މައްޗަކަށް ނޫނޭ އަނެއްކާ %8 ނަގާނީކީ. %6 ގައި ހުރި ޖީއެސްޓީ %8 އަށް މި ބޮޑުވީ. އެހެންވީމަ 100 ރުފިޔާ އަދިވެސް މުދަލުގެ އަގަކީ. އެހެންވީމަ 1 ޖަނަވަރީން ފެށިގެން ޖީއެސްޓީގެ ގޮތުގައި ނަންގަވަންޖެހޭނީ 108 ރުފިޔާ އެއީ %8 ރުފިޔާ ޖީއެސްޓީއާއިއެކު. އެއްވެސް ހާލެއްގައި ކުރީގެ ޖީއެސްޓީ ހިމަނައިގެން ޖައްސަވާފައި ހުރި އަގުގެ މައްޗަށް އަނެއްކާ އިތުރަށް %8 ނަގާކަށްނޫން ޤާނޫނުގައި ކަނޑައަޅާފައި މިއޮތީ.” ޝަރީފް ވިދާޅުވިއެވެ.

ޖީއެސްޓީއަށް މިއައި ބަދަލާއި ގުޅިގެން ވިޔަފާރިތަކުން ބަދަލުތައް ގެންނަންޖެހޭ ގޮތާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް މީރާއިން އަންނަނީ މާލެއާއި އަދި އަތޮޅުތަކުގައި ކުރިއަށްގެންދަމުންނެވެ. މީރާއިން ވިދާޅުވީ، ވިޔަފާރިތަކުންވެސް ޖީއެސްޓީގެ ރޭޓަށް މިއައި ބަދަލުތަކާއި ގުޅޭގޮތުން ސާފުކުރަން ބޭނުންވާ ކަމެއް އޮތްނަމަ މީރާއަށް ގުޅުމުން އެ މައުލޫމާތު ލިބޭނެކަމަށެވެ. އަދި މީރާގެ ވެބްސައިޓުންވެސް މިކަމާއި ގުޅޭ މައުލޫމާތުތައް ލިބެން ހުންނާނެކަމަށް މީރާއިން ބުނެއެވެ.

ޖީއެސްޓީގެ ރޭޓުތަކަށް ބަދަލު އައިސްފައިވާއިރު ޖީއެސްޓީ ނުނެގޭނެ ނުވަތަ ސުންރޭޓުގައި ޖީއެސްޓީ ނެގޭ އަސާސީ ބައެއް މުދާ ހިމެނެއެވެ.

ޖީއެސްޓީ ނުނަގާ ތަކެތީގެ ތެރޭގައި ހިމެނެނީ:

◦ ހަނޑު، ހަކުރު، ފުށް
◦ ލޮނު
◦ ކިރު
◦ ކުކިންގ އޮއިލް
◦ ކުކުޅު ބިސް
◦ ކަނޑުމަހާއި ފަރުމަސް، ރާއްޖޭގައި ބަންދުކޮށްފައިވާ އެކި ބާވަތްތަކުގެ މަސް އަދި ރިހާކުރު
◦ އަލުވި، ފިޔާ
◦ ހަވާދު އުފެއްދުމަށް ބޭނުންކުރާ ބާވަތްތައް
◦ ދިޔާހަކުރު، ކާށި، ކުރުނބާ، ރުކުރާ އަދި ކުރޮޅި
◦ ކެރެޓު، ކެބެޖު، ތޮޅި، އަދި ޓޮމާޓޯ
◦ މޭވާގެ އެންމެހައި ބާވަތްތައް
◦ ޕާން، ބަނަސް އަދި ފާރޮށި
◦ ކުޑަކުދިންގެ ނެޕީ
◦ ތުއްތުކުދިންގެ ކާނާ
◦ ކައްކާ ގޭސް
◦ ޑީސަލް، ޕެޓްރޯލް
◦ ބޮޑެތިމީހުންގެ ނެޕީ
◦ ސެނިޓަރީ ނެޕްކިން އަދި އެފަދަ ތަކެތި

ޖީ.އެސް.ޓީގެ ރޭޓު ބަދަލުވުމަށްފަހު ވިޔަފާރިތަކުން އަމަލުކުރަމުން ގެންދަނީ ޤާނޫނާއި އެއްގޮތަށްތޯ ބެލުމަށް މީރާގެ ޓީމުތަކުން ވިޔަފާރިތަކަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޤާނޫނުގައި ބަޔާންކޮށްފައިވާ ރޭޓަށްވުރެ އިތުރަށް ޖީއެސްޓީ ނަގައިގެން މުދާ ވިއްކާނަމަ އެފަދަ ވިޔަފާރިތަކަށް މީރާއިން ފިޔަވަޅު އަޅާނެއެވެ.