ރައީސުލްޖުމްހޫރިއްޔާ ހައްޔަރުކުރުމަށް ޞައްޙަނޫން ލިޔެކިއުމެއް ތައްޔާރުކުރި މައްސަލައިގައި ހައްޔަރުކުރެއްވި މާމިނގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަޙުމަދު ނިހާން ހައްޔަރުކުރެއްވުމާ ގުޅޭގޮތުން އިންޓަރނޭޝަނަލް ކޮމިޝަން އޮފް ޖޫރިސްޓްސްއިން ކަނބޮޑުވުން ފާޅުކޮށްފައިވަނީ ޙަޤީޤަތާ ޚިލާފް މަޢުލޫމާތުތަކެއްގެ މައްޗަށް ބުރަވެގެންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވިދާޅުވެއްޖެއެވެ.ޕީ.އެސް.އެމްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި ސުޕްރީމް ކޯޓުގެ ޑެޕިއުޓީ ލީގަލް އޮފިސަރު އަލްއުސްތާޛް އަޙްމަދު މާޖިދު ވިދާޅުވީ މާމިނގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް ހައްޔަރުކުރައްވައިފައި ވަނީ ފަނޑިޔާރަކު ހައްޔަރުކުރެއްވުމަށް ފުރިހަމަކުރައްވަންޖެހޭ ޤާނޫނީ އިޖްރާޢަތްތައް ފުރިހަމަކުރެއްވުމަށް ފަހުގައިކަމަށެވެ. އަދި އިންޓަރނޭޝަނަލް ކޮމިޝަން އޮފް ޖޫރިސްޓްސް ފަދަ ބައިނަލްއަޤުވާމީ ޖަމާޢަތަކުން މިމައްސަލައިގައި އެއްޗެއް ބުނުމުގެ ކުރިން ދިވެހިރާއްޖޭގެ ރަސްމީ އެއްވެސް ފަރާތަކުން އެއްވެސް މަޢުލޫމާތެއް ހޯދުމުގެ ބަދަލުގައި ހަމައެކަނި މީޑިއާގައި ދައުރުވަމުން ދިޔަ ޚަބަރުތަކަށް ރިޢާޔަތްކުރި ކަމީ ޒިންމާދާރުކަން ކުޑަ ޢަމަލެއް ކަމަށެވެ."މިގޮތައް އަމަލުކުރެއްވީމަ މިކަމުން އަޅުގަނޑުމެންނަށް ތަރުޖަމާ ކުރެވޭ އެއްޗަކީ އެބޭފުޅުން ދިވެހިރާއްޖެއާމެދުވެސް ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާއާމެދުވެސް ހެޔޮނިޔަތެއް އިޚްލާސްތެރިކަމެއް ނެތޭ" - އަލްއުސްތާޛް އަޙްމަދު މާޖިދު ވިދާޅުވިއެވެ. ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާގެ މިނިވަންކަމާމެދު ސުވާލު އުފެއްދެވުމަށް އައިސީޖޭއިން މަސައްކަތްކޮށްފައިވާ ކަމަށާއި، އެހެންނަމަވެސް ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާގެ މިނިވަންކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަށަވަރުކުރައްވަމުން ގެންދަވާކަމަށް މާޖިދު ވިދާޅުވިއެވެ."މިހާރު ދައްކަމުންމިދާ ވާހަކައަކީ ފަނޑިޔާރު ހައްޔަރުކޮށްފައިވަނީ ދުސްތޫރީ ހަމަތަކާ ޚިލާފަށޭ، އަދި ރާއްޖޭގެ ޝަރުޢީ ދާއިރާއަކީ މިނިވަން ކޮށް އޮތްތަނެއް ނޫން ކަމަށްވެސް ދައްކަން އެބަ މަސައްކަތް ކުރޭ، މިއިން އެއްވެސް ކަމަކީ ހަޤީޤަތެއް އޮތް ކަމެއް ނޫން"ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގައިވާ ގޮތުން ފަނޑިޔާރަކާމެދު ޖިނާޢީ ތުހުމަތެއް ކުރެވި ހައްޔަރުކުރައްވަންޖެހޭ ޙާލަތެއް މެދުވެރިވެއްޖެނަމަ ފަނޑިޔާރަކު ހައްޔަރުކުރެވޭނީ އެފަނޑިޔާރަކު މަސައްކަތްކުރައްވާ ކޯޓަކަށްވުރެ މަތީ މަރުޙަލާގެ ކޯޓެއްގެ އަމުރަކަށް، ދިވެހިރާއްޖޭގެ ޕްރޮސިކިރުޓަރ ޖެނެރަލް އެދިވަޑައިގަތުމުން އެކޯޓަކުން ފަނޑިޔާރު ހައްޔަރުކުރެއްވުމަށް އަމުރު ނެރުއްވުމުންނެވެ.މާމިނގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް ހައްޔަރުކުރައްވައިފައިވަނީ ފަނޑިޔާރުންގެ ޤާނޫނުގައި ބަޔާންވެގެންވާ އިޖްރާޢަތްތައް ފުރިހަމަ ކުރެއްވުމަށް ފަހުގައިކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވިދާޅުވެއެވެ.