ބޮލީވުޑްގެ ތަރި ޝާހްރުކް ޚާންގެ ދަރިފުޅު އާރިއަން ޚާނާއި ބޮލީވުޑްގެ އަރަމުން އަންނަ ތަރި ނޯރާ ފަތެހީ ޑޭޓްކުރަމުން އަންނަކަމުގެ އަޑުތަކެއް ފެތުރެން ފަށައިފިއެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ދެ މީހުން އައު އަހަރުގެ ޗުއްޓީވެސް ހޭދަކޮށްފައި ވަނީ އެކީގައެވެ. އެގޮތުން ދުބާއީގައި ފޭނަކު ނޯރާ، 30، އާއި އާރިއަން، 25، އާ އެކީ ނަގާފައިވާ ފޮޓޯތަކެއް އެ މީހުން ޓެގްކޮށް، ރެޑިޓްގައި ވެސް ޕޯސްޓްކޮށްފައިވެއެވެ. އަދި އެ ޕޯސްޓަށް ގިނަ ބަޔަކު ކޮމެންޓްކޮށް، އަރިއަން އާއި ނޯރާއާ ދެމެދު މިހާރު ގުޅުމެއް އޮތް ކަމަށް ބުނެ އެކި ކަހަލަ ޝުއޫރުތައް ފާޅުކޮށްފައިވެއެވެ.
ކޮމެންޓްކުރި ބައެއް މީހުން ވަނީ އާރިއަން އާއި ނޯރާގެ ގުޅުމާ ބަތަލާ އަނަންޔާ ޕާންޑޭ، 24، އާ ވެސް ގުޅުވައިފައެވެ. އެގޮތުން އަނަންޔާ މިހާރު ހުންނާނީ ވަރަށް ހިތްދަތިވެފައިވާ ކަމަށާއި، އާރިއަންގެ މިހާރުގެ "ޓޭސްޓް" ވަރަށް ބަރާބަރު ކަމަށް ބުނެފައިވެއެވެ. އާރިއަން އާއި އަނަންޔާ އަކީ ވަރަށް ކުޑައިރުން ފެށިގެން ގާތް އެކުވެރިންނެވެ. އަދި އަރިއަންގެ ކޮއްކޮ ސުހާނާ ޚާނަކީ އަނަންޔާގެ ބެސްޓްފްރެންޑެކެވެ.
ދާދި ފަހުން ދިން އިންޓަވިއުއެއްގައި އެކްޓަރު ޗަންކީ ޕާންޑޭގެ ދަރިފުޅު އަނަންޔާ ވަނީ އާރިއަން އަކީ އޭނަގެ ކުރީގެ ވަރަށް ބޮޑު ކްރަޝްއެއް ކަމަށް ވެސް ބުނެފައެވެ. އަދި އާރިއަންއާ ޑޭޓްކުރުމުގެ ޝައުގުވެރިކަން އޮތް މޭރުމަކުން ވާހަކަ ދައްކާފައިވެއެވެ. އަނަންޔާ ކުރިން ޝާހިދު ކަޕޫރްގެ ކޮއްކޮ އިޝާން ހައްތަރާ ރައްޓެހިވިއެވެ. އަދި ފަހުން އަޑުއަރާފައިވާ ގޮތުގައި އޭނާ މިހާރު އުޅެނީ "އާޝިގީ 2" ގެ އެކްޓަރު އަދިތިޔާ ރޯއި ކަޕޫރާ ރައްޓެހިވެގެންނެވެ.
އާރިއަން އާއި ނޯރާގެ ގުޅުމާ ބެހޭ ވާހަކަތަކެއް ދެކެވެން ފެށިއިރު، މިއީ އާރިއަން އާއި ބޮލީވުޑްގެ ބަތަލަކާ ގުޅުވައިގެން މިފަދަ ވާހަކައެއް ދެކެވެން ފެށި ފުރަތަމަ ފަހަރެވެ. ދާދި ފަހުން ބައެއް މީޑިއާތަކުން ވަނީ ނޯރާ އާއި މިއުޒިކް/ފިލްމު ކުންފުނި ޓީ ސީރީޒްގެ ވެރިޔާ ބުޝަން ކުމާރު 45، އާ ދެމެދު ސިއްރު ގުޅުމެއް އޮންނަކަމަށް ބުނެފައެވެ. އެހެންނަމަވެސް ބުޝަން އަކީ ކައިވެނިކޮށް، ދަރިއަކު ވެސް ހުރި މީހެކެވެ. އޭނާގެ އަންހެނުންނަކީ ބަތަލާ ދިވްޔާ ކޯސްލާ ކުމާރެވެ.