މޯލްޑިވިއަންއިން އަލަށް ގެންނަ އޭޓީއާރުގެ 2 ބޯޓު މާދަމާ ރާއްޖެ އަންނާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.
މިއީ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރުމަށް މޯލްޑިވިއަނުން ގެންނަ 2 ބޯޓެވެ.
މޯލްޑިވިއަނުން ބުނީ އެ ކުންފުނިން ގެންނަ އޭޓީއާރު 72 މަރުކާގެ 2 ބޯޓު މިހާރު ފްރާންސްގެ ޓުލޫސްއިން ފުރައިގެން ރާއްޖެ އައުމުގެ މަގުމަތީގައިވާކަމަށެވެ. އަދި މި 2 ބޯޓަށް ރާއްޖެ އާދެވޭނީ މާދަމާކަމަށް މޯލްޑިވިއަނުން ބުނެއެވެ.
މޯލްޑިވިއަންގެ ބޯޓުތައް މާދަމާ ގެންނާތީ އެއަރޕޯޓުގައި ހާއްސަ ހަރަކާތްތަކެއްވެސް ބޭއްވުމަށް ވަނީ ނިންމާފައެވެ.
މޯލްޑިވިއަނުން ބުނީ މި 2 ބޯޓު މިމަހުން ފެށިގެން އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރަން ފަށާނެކަމަށެވެ. މިއީ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ބޯޓުތަކުގެ ފްލީޓް އައުކުރުމަށް ގެންނަ ބޯޓުތަކެކެވެ. އޭޓީއާރު މަރުކާގެ 3 ބޯޓު ހޯދުމުގެ މަސައްކަތް އައިލެންޑް އޭވިއޭޝަނުން ފެށީ މިދިޔަ އަހަރުއެވެ. އެއީ އޭޓީއާރު 72 މަރުކާގެ 2 ބޯޓާއި، އޭޓީއާރު 42 މަރުކާގެ 1 ބޯޓެވެ.
We are thrilled to share with you that two of our brand new ATR 72-600 aircraft have departed from Toulouse, France today and is scheduled to arrive to Maldives on 04th January 2023. #itscominghome#maldivian pic.twitter.com/nCAh2aCI5m
— MaldivianAero (@MaldivianAero) January 2, 2023
އޭޓީއާރު 72 މަރުކާގެ ބޯޓަކީ 74 މީހުންގެ ޖާގައިގެ ބޯޓެކެވެ. އަދި އޭޓީއާރު 42 މަރުކާގެ ބޯޓުގެ ޖާގައަކީ 50 މީހުންކަމަށް މޯލްޑިވިއަނުން ބުންޏެވެ. އެކުންފުނިން ބުނީ އަލަށް ގެންނަ ބޯޓުތަކަކީ ތެޔޮ ޚަރަދު ކުޑަ އަދި މަރާމާތުގެ ޚަރަދުވެސް ކުޑަ ބޯޓުތަކެއްކަމަށެވެ.
ސްކޫލް ބަންދާއި ދިމާކޮށް އެތެރޭގެ އުދުހުންތަކުގެ ޑިމާންޑް އިތުރުވާތީ މިދިޔަ މަހު މޯލްޑިވިއަނުން ވަނީ "ވެޓް ލީސް" އެއަރކްރާފްޓެއްވެސް ރާއްޖެ ގެނެސްފައެވެ.
މޯލްޑިވިއަނުން ދާދިފަހުން ވަނީ ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސްގެ ބޯޓެއް ހޯދުމަށްވެސް އިޢުލާންކޮށްފައެވެ. މޯލްޑިވިއަންގެ ފްލީޓްގައި މިހާރު 23 ބޯޓު އެބައޮތެވެ. އެއީ ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސްގެ 2 ބޯޓާއި، ސީޕްލޭންގެ 11 ބޯޓުގެ އިތުރުން އެތެރޭގެ އުދުހުންތަކަށް ބޭނުންކުރާ 10 ބޯޓެވެ.