ބޮލީވުޑް އެކްޓަރު ޝާހްރުކް ޚާން އާއި ދެކުނު ޑައިރެކްޓަރު އެޓްލީއާ ގުޅިގެން އުފައްދާ ފިލްމާއި ޕްރަބާސް އާއި އޯމް ރައުތު އާއި ގުޅިގެން އުފައްދާ ފިލްމާއިއެކު މިއަހަރަށް އިންތިޒާރު ކުރެވޭ ވަރަށް ޝައުގުވެރި ފިލްމުތަކެއް ދެކުނާއި ބޮލީވުޑް ގުޅިގެން ކުރިއަށް އެބަހުއްޓެވެ.
މި ލިސްޓަށް މިހާރު އިތުރުވެފައި ވަނީ ކޭޖީއެފްގެ ޑައިރެކްޓަރު ޕްރަޝާންތު ނީލް އާއި ބޮލީވުޑް ތަރި އާމިރު ޚާން އާއިއެކު ނެރެން ނިންމާފައިވާ ފިލްމެވެ. މިއީ މި އަހަރު ކުރީކޮޅު ޖޫނިއާ އެންޓީއާރު، ޕްރަޝާންތު އިއުލާނުކޮށްފައިވާ ފިލްމެކެވެ.
އާމިރު މި ފިލްމަށް ސޮއިކޮށްފައި މިވަނީ ދޮޅު އަހަރެއްހާ ދުވަހަށް އެކްޓިން އިން ބްރޭކެއް ނަގަން ނިންމިކަން މިދިޔަ މަހު އިޢުލާންކޮށްފައި ވަނިކޮށެވެ. ކާމިޔާބު ތެލުގޫ ފްރެންޗައިޒް "ކޭއެފްޖީ" ވެސް ޑައިރެކްޓުކޮށްފައިވާ ޕްރަޝާންތްގެ މި ފިލްމުގެ ވަގުތީ ނަމަކަށް އޮތީ "އެންޓީއާރް 13" އެވެ.
މި ފިލްމުގެ މަސައްކަތް ފަށަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ތެރޭގައެވެ. އެއީ ޕްރަޝާންތު، "ބާހްބަލީ" ގެ ތަރި ޕްރަބާސްއާ އެކީ މިހާރު ހަދަމުން އަންނަ ފިލްމު "ސަލާރް" ނިންމުމަށް ފަހު އެވެ. އެ ފިލްމު ރިލީޒްކުރަން ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ ސެޕްޓެމްބަރު 28 ގައެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އެންޓީއާރް ޖޫނިއާއާ އެކު ޕްރަޝާންތު އިޢުލާންކުރި ފިލްމުގެ ރޯލެއް އާމިރަށް ހުށަހެޅުމުން އޭނާ ވަނީ އެއަށް އެއްބަސްވެފައެވެ. އަދި މިއީ ބޮޑު ބަޖެޓަކުން ހަދާނެ ވަރަށް ވަރުގަދަ ފިލްމެއް ކަމަށް ބުންޏެވެ. ހަންގާމާ އިން ބުނި ގޮތުގައި މި ފިލްމުގެ ޕްލޮޓަކީ މީގެ 20 އަހަރު ކުރިން 42 އަހަރުގެ ޑައިރެކްޓަރު ފައްކާކޮށްފައިވާ ވަރަށް ޝައުގުވެރި ކޮންސެޕްޓަކަށް ހަދާނެ އެއްޗެކެވެ.
ނަމަވެސް މިއަށް އާމިރު ސޮއިކުރިކަން އަދި ކަށަވަރުކޮށް ދީފައެއް ނުވެއެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ އޮގަސްޓްގައި ގެނެސްދިން "ލާލް ސިންގް ޗައްޑާ" އެވެ. އެ ފިލްމުގެ ބޮޑު ނާކާމިޔާބީއާ ގުޅިގެން އާމިރު އެކްޓިން އިން ދިގު ބްރޭކެއް ނަގަން ނިންމުމުގެ ކުރިން ސްޕެއިންގެ ފިލްމެއް ކަމަށްވާ "ޗެމްޕިއަންސް" ގެ ރިމޭކް އޭނާ ކުޅޭ ގޮތަށް އޮތީ ހަމަޖެހިފައެވެ. ނަމަވެސް މިހާރު ނިންމާފައި އޮތީ އޭގައި ޕްރޮޑިއުސަރެއްގެ ގޮތުގައި އެކަނި އާމިރު ހިއްސާވާށެވެ.
ބެލުންތެރިންގެ ބޮޑު ތަރުޚީބެއް ލިބުނު "ކޭޖީއެފް" ގެ ދެ ފިލްމަށް ފަހު، އޭގެ 3 ވަނަ ބައެެއް ވެސް ހަދަން ޕްރަޝާންތު އޮތީ ނިންމައިފައެވެ. އެހެންކަމުން މިހާރު ބެލެވެނީ 3 ވަނަ ބައި ހަދާނީ އާމިރާއި އެންޓީއާރް ޖޫނިއާގެ ފިލްމަށް ފަހު ކަމަށެވެ.