އައު އަހަރާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނުގައި ބަނގުރަލާއެކު ހައްޔަރުކުރި ބިދޭސީ މީހާގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.
ފުލުހުންގެ ބުނީ ހޮނިހިރު ދުވަހުގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މާލެއާއި ހުޅުމާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ. އެއީ ދިވެހި އަންހެނަކާއި ބިދޭސީ ފިރިހެނެއް ކަމަށެވެ.
ފުލުހުން ބުނީ ހައްޔަރުކުރި ބިދޭސީ ފިރިހެން މީހާގެ ބަންދަށް 30 ދުވަސް ޖަހާފައިވާއިރު އަންހެން މީހާ ދޫކޮއްލާފައިވާ ކަމަށެވެ.
މިއޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު އަންހެން މީހާ ހައްޔަރުކޮށްފައިވަނީ މާލެއިން ކަމަށާއި ފިރިހެން މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެއިން ކަމަށް ފުލުހުންވަނީ ބުނެފައެވެ.
މިދިޔަ ޑިސެމްބަރު މަހުވެސް ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި ދެ އޮޕަރޭޝަނެއްގައި ބަނގުރާ ފުޅިތަކެއް ހޯދާ 3 މީހަކު ހައްޔަރުކޮށްފައިވެއެވެ. މިމައްސަލަތައް ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ގެންދަނީ ތަޙުޤީޤު ކުރަމުނެވެ.