ބޮލީވުޑްގައި މިހާރު ތިބި އެންމެ ލޯބި ކަޕުލް ކަމަށް ގިނަ ބަޔަކު ބުނާ ދެ ތަރިން ކަމަށްވާ، ސިދާތު މަލޯތުރާ އާއި ކިއާރާ އަދުވާނި ކައިވެނިކުރާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 6 ގައި ކަމަށް ފިލްމީ ޚަބަރުތައް ގެނެސްދޭ އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.
މި 2 ތަރިންގެ ކައިވެނީގެ ވާހަކަ ދެކެވޭތާ ދުވަސްގަނޑެއްވެފައިވާއިރު، މިދިޔަމަހުގެ ތެރޭގައި ކައިވެނިކުރާނެ ކަމުގެ އަޑުތަކެއް ވެސް މީގެކުރިން އެރިއެވެ. އޭގެ ފަހުން އަންނަ އަހަރަށް ކައިވެނި ފަސްކޮށްފައިވާ ކަމުގެ ވާހަކަތަކެއް ވަނީ ދެކެވިފައެވެ.
ބޮލީވުޑްގެ އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުން ސިދާތާއި ކިއާރާގެ ކައިވެނީގެ ހަފުލާ މިހާރު ތާވަލުކޮށްފައި އޮތީ އަންނަ ފެބްރުއަރީ 6 އަށެވެ. އަދި އެކަމުގެ ތައްޔާރީތައް 2 ފަރާތުގެ އާއިލާ އިން އަންނަނީ ވަމުން ކަމަށާއި، ވަރަށް ކުލަގަދަކޮށް ކައިވެނީގެ ހަފުލާ ބާއްވާނީ ރާޖަސްތާނުގެ ޖައިސަލްމާރު ޕެލަސް ހޮޓެލްގައި ކަމަށް މީޑިއާތަކުން ބުނެއެވެ.
ނަމަވެސް ކައިވެންޏާއި ބެހޭ ގޮތުން ދެކެވޭ އެއްވެސް ވާހަކައަކަށް އެ 2 ތަރިން މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. ސިދާތާއި ކިއާރާ މިހާރު ވަނީ އައު އަހަރުގެ ޗުއްޓީ އަށް އިންޑިއާ އިން ބޭރަށް ފުރާފައެވެ. މި ދެމީހުން ރައްޓެހިވީ 2018 ވަނަ އަހަރުއެވެ.
ސިދާތު ކުރިން ރައްޓެހިވެގެން އުޅުނީ އޭނައާ އެކީ 2012 ވަނަ އަހަރު ދެއްކި ފިލްމު "ސްޓޫޑެންޓް އޮފް ދި އިޔާ" އިން ބޮލީވުޑަށް ނުކުތް އާލިއާ ބަޓާއެވެ. ނަމަވެސް އެ 2 މީހުން 2017 ގައި ރުޅިވެ، އާލިއާ ވަނީ 2018 ވަނަ އަހަރު މިހާރު ފިރިމީހާ ރަންބީރް ކަޕޫރާއި ރައްޓެހިވެފައެވެ. އެ ދެ މީހުން މިދިޔަ އެޕްރީލް 14 ގައި ކައިވެނިކޮށް މިދިޔަ މަހު 6 ގައި ވަނީ ދެމީހުންނަށް ދަރިއަކު ވެސް ލިބިފައެވެ.