މި ދައުރު ނިމުމުގެ ކުރިން ބަރެސްދޫ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްގެ ޢަމަލީ މަސައްކަތް ފެށިގެންދާނެކަމަށް މޯލްޑިވްސް އިންޓްގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމް.އައި.ޓީ.ޑީ.ސީއިން ވިދާޅުވެއްޖެއެވެ.
ލ. ބަރެސްދޫ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަކީ ދިވެހިރާއްޖެއަށް އިންޓްގަރޭޓެޑް ޓޫރިޒަމް ތަޢާރަފް ކުރުމުގެ ގޮތުން ތަރައްޤީކުރުމަށް އެމް.އައީ.ޓީ.ޑީ.ސީއާއި ހަވާލުކުރެވިފައިވާ ރަށެކެވެ. މިއީ ގާތްގަނޑަކަށް 72.5 ވަރަކަށް ހެކްޓަރުގެ ބޮޑު ރަށެކެވެ.
ކޯވިޑް-19 އާއި ގުޅިގެންނާއި އަދި ދުނިޔޭގެ އިޤްތިޞާދަށް އައިސްފައިވާ ލޮޅުންތަކުގެ ސަބަބުން މި މަޝްރޫޢު ތަރައްޤީ ކުރުމަށް އިންވެސްޓަރުން ހޯދުމަށް ގޮންޖެހުންތަކަކާއި ކުރިމަތިވިކަމަށް އެމް.އައި.ޓީ.ޑީ.ސީން ބުނެއެވެ.
ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމް.އައި.ޓީ.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރާއިދު ވިދާޅުވީ، އެމް.އައި.ޓީ.ޑީ.ސީ އިން މަސައްކަތް ކުރަމުން ދަނީ ވީ އެންމެ އަވަހަކަށް ބަރެސްދޫ ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށްކަމަށެވެ.
އެގޮތުން ގިނަ އިންވެސްޓަރުންތަކަކާއި މަޝްވަރާކުރަމުންދާކަމަށް ރާއިދު ވިދާޅުވިއެވެ. އަދި މި ދައުރު ނިމުމުގެ ކުރިން ބަރެސްދޫ މަޝްރޫއުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
"މިހާރު ބަރެސްދޫގައި އެ ކުރިއަށްދާ މަސައްކަތްތަކަކީ އަޅުގަނޑުމެން އިންވެސްޓަރަކާ އެކީގައި ހުރިހާ ޕޭޕަރ ވޯކްސްތަކަކާއި އެކީގައި އިރާދަކުރެއްވިއްޔާ މި ދައުރުގައި އަމަލީ މަސައްކަތް ފެށުމަށް މަސައްކަތް ކުރެވެމުންދަނީ" ރާއިދު ވިދާޅުވިއެވެ.
އެންމެ ފުރަތަމަ ބަރެސްދޫގެ ޕްރޮޖެކްޓް ފެށިގެން ގޮސްފައިވަނީ ގެސްޓްހައުސް އައިލެންޑެއްގެ ގޮތުގައެވެ. މި ސަރުކާރުން ވަނީ ބަރެސްދޫގެ ކޮންސެޕްޓް ވަރަށް ބޮޑަށް ބަދަލުކޮށް މުޅިން ތަފާތު ކޮންސެޕްޓެއް ޤާއިމްކުރުމަށް ނިންމާފައެވެ.
އެންމެފަހުން ޓޫރިޒަމް ޤާނޫނަށް ގެނެވުނު އިސްލާހުން ވިލާ ލޯންގްލީސްއަށް ފުރުޞަތު ހުޅުވާލެވިފައިވާތީ އަދި އިންޓަގްރޭޓަޑް ޓޫރިޒަމްއަށް ފުރުޞަތު ލިބިފައިވާތީ، ބަރެސްދޫ ވެގެންދާނީ މިފަދަ މޮޑެލްއަކަށް ދިވެހިރާއްޖޭގައި ހުޅުވިގެންދާނެ ރިސޯޓަކަށްކަމަށް އެމް.އައި.ޓީ.ޑީ.ސީއިން ބުނެއެވެ.
ބަރެސްދޫ ތަރައްޤީކުރެވިގެންދާނީ ރިސޯޓްތަކުން ފެށިގެން ބީޗް ހޮޓާފަދަ ތަފާތު ހޮސްޕިޓާލިޓީގެ ޚިދުމަތްތައް ލިބިގެންދާނެ ފަދަ މޮޑަލަކަށެވެ. އެގޮތުން ފަތުރުވެރިންނަށް ޚިދުމަތްދެވޭނެ ކޮމަރޝަލް ޑިސްޓްރިކްޓެއް މިތަނުގައި އޮންނާނެއެވެ. އަދި ގޮލްފް ކޯސްތަކާއި، ސްޕާތަކާއި، ވޯޓަރ ސްޕޯޓްސް ސެންޓަރުތަކާއި، ޑައިވް ސެންޓަރުތަކާއި، އާކޭޑް، އެގްރިކަލްޗަރ ޒޯން، ސިނަމާ ފަދަ ތަންތަން ހިމެނޭ ލެޝަރ އެންޑް އެންޓަޓެއިންމަންޓް ޑިސްޓްރިކްޓްތައް މިރަށް ތަރައްޤީވެގެންދާއިރު ހުންނާނެކަމަށް އެމް.އައި.ޓީ.ޑީ.ސީއިން ވިދާޅުވެއެވެ.