މާފުށީ ޖަލުގައި 130 މީހުންގެ ޖާގައިގެ ތަނެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް(އެމްސީއެސް)ގެ ޚިދުމަތާއި އަލަށް ގުޅޭ އޮފިސަރުންނަށް ހިންގި "ސެޓްފިކެޓް 3 އިން ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ" ޕްރޮގްރާމްގެ 8 ވަނަ ބެޗްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ކޯވިޑް-19 ގެ ސަބަބުން ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހުނު ނަމަވެސް ޖަލުގެ ޖާގައިގެ މައްސަލަ ހައްލުކުރުމަށް މަސައްކަތްތަކެއް ކުރެވުނު ކަމަށާއި އެގޮތުން މިހާތަނަށް 220 ޖާގަ އިތުރު ކުރެވިފައިވާ ކަމަށެވެ. އަދި މީގެ އިތުރުން 130 މީހުންގެ ޖާގައިގެ ތަނެއް މާފުށީގައި ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، މީގެ ތެރޭގައި ހައި ސެކިއުރިޓީ ޖަލެއް ހެދުން ހިމެނޭކަން ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ އަންނަ އަހަރު ހުޅުމާލޭ ޖަލުގައި އެޅުމަށް ހަމަޖެހިފައިވާ ޕްރިޒަން ކޮމްޕްލެކްސް ނިމުމުން ޖަލުގެ ޚިދުމަތްތަކަށް އިންޤިލާބީ ބޮޑު ބަދަލުތަކެއް އަންނާނެކަމަށެވެ.
" ރާއްޖޭގައި ފުރަތަމަ ފަހަރަށް އަޅުގަނޑުމެން ހާއްސަކޮން މިނިސްޓަރެއްގެ ހައިސިއްޔަތުން އަޅުގަނޑު އިސްވެހުރެ ކަރެކްޝަންގެ އެންމެ އިސްބޭފުޅުން ބައިވެރިވެގެން އަދި ރާއްޖޭގައި ތިބި ޖަލުތަށް ޑިޒައިން ކުރުމުގެ ގާބިލްކަން ލިބިގެންވާ ބޭފުޅުން ހޯދާގެން އިތުރުން ތަންތަނަށް ގޮސް ތަޖުރިބާއާއެކުގައި ޑިޒައިން ކޮއްގެން ފުރަތަމަ ފަހަރަށް ހައި ސެކުއިރިޓީ ޖަލެއް ރާއްޖޭގައި ބިނާ ކުރުމުގެ މަސައްކަތް މިހާރުވާނީ ފަށާފައި." އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ކުރިއައްއޮތް ހައެއް ނުވަތަ ހަތް މަސް ދުވަސް ތެރޭ މިމަސައްކަތް ނިންމާލެވޭނެކަމަށެއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ މިއަހަރުގެ އޮކްޓޫބަރ މަހު ހދ.ނޭކުރެންދޫގައި އިންޑަސްޓްރިއަލް ޖަލެއް ހެދުމަށް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށާއި، ނޭކުރެންދޫގައިި ހަދާ އިންޑަސްޓްރިއަލް ޕްރިޒަނަކީ އި ރިހިބިލިޓޭޝަން ފަރުވާދެވި، ބައެއް ކަހަލަ ކުށްކޮށްފައިވާ ޤައިދީން އަލުން އަވަހަށް މުޖުތަމައަށް ނެރެވޭފަދަ އިންތިޒާމު ތަކާއެކު ހަދާ ޖަލެއް ކަމަށެވެ.
އިމްރާންގެ ވާހަކައިގައި އިތުރަށް ވިދާޅުވީ ފާއިތުވި ތިން މަސް ތެރޭގައި ފުރިހަމަ ކުރެވުނު ސެޓްފިކެޓް 3 އިން ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ" ޕްރޮގްރާމަކީ މުސްތަގްބަލަށް އެޅޭ ބިންގަލެއް ކަމަށާއި އެއީ ރާއްޖޭގެ އަމާންކަމާއި ރައްކާތެރިކަމައްޓަކައި އުފުލަން ޖެހޭ ޒިންމާއެއްކަމަށެވެ. އަދި ޖަލު ބެލެހެއްޓުމަކީ ވަރަށް ރިސްކުބޮޑު ކަމެއް ކަމަށާއި މީގެ އިތުރުން މިނިސްޓަރ ވަނީ ބައެއް ފަހަރު ހިތް ދަތި ކަންކަމާއި ކުރިމަތިލާން ޖެހޭނެ ކަމަށް ފާހަގަކޮށް މި ކަންކަމަށް ކުރިމަތިލަމުންދާއިރު ހިތްހެޔޮކަމާއި މަޑުމައިތިރި ކަމާއި އޯގާތެރިކަމާއި ކެއްތެރި ކަމާއެކު ގާނޫނު ތަންފީޒްކޮއްދެއްވުމަށް މިނިސްޓަރވަނީ އެދިވަޑައިގެންފައެވެ.
3 މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ ސެޓްފިކެޓް 3 އިން ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ" ޕްރޮގްރާމުގައި 118 ޓްރޭނީން ބައިވެރިވި ކަމަށާއި އޭގެ ތެރެއިން 113 ޓްރޭނީން ވަނީ ކާމިޔާބުކަމާއެކު މިޕްރޮގްރާމް ފުރިހަމަކޮށްފައިވާ ކަމަށް ކަރެކްޝަންސްއިން މަޢުލޫމާތުދެއެވެ.
މުޅި ޕްރޮގްރާމްގެ އެންމެ ދުޅަހެޔޮ ސިއްޙަތަކާއި ބުންވަރު ހުރި ނުވަތަ “ފިޓެސްޓް” ފިރިހެން އަދި އަންހެން އޮފިސަރުންނަށް ހޮވިފައިވަނީ ޕްރައިވެޓް އިބްރާހިމް ރިސްފާން އާއި ޕްރައިވެޓް ރައުދާ މޫސާ ފަތުހީއެވެ. އަދި މުޅި ޕްރޮގްރާމުން އެއްވަނަ“ބެސްޓް އޯލް ރައުންޑްގެ ލަޤަބް ކާމިޔާބުކޮށްފައިވަނީ ޕްރައިވެޓް އިބްރާހިމް އިމްރާންއެވެ.
ދަސްވެނިންނަށް ހުވާލައިދެއްވާފައިވަނީ ޣާޒީ އަލްއުސްތާޛު މުޙައްމަދު އީސާފުޅުއެވެ.