ކުޑަކުދިންގެ ނަޒަރުގައި 2045 ވަނަ އަހަރު ދުނިޔެ އޮންނާނެ ގޮތުގެ ތަސައްވަރާއި ކުރާ އުއްމީދު ދައްކުވައިދޭ ފޮތް "ދަ އިޔަރ 2045' އިފްތިތާޙްކޮށްފިއެވެ. މި ފޮތުގައި ހިމަނާފައިވާ ޚިޔާލާއި ތަސްވީރުތަކަކީ، ދިވެހި ކުޑަކުދިންގެ ތަޞައްވުރެވެ.
މި ފޮތުގެ ހުރިހާ މަސައްކަތަކީ އުގައިލް ފައުންޑޭޝަނާއި އެޗް.ޑީ.ސީގެ ފަރާތުން ހިންގާ "ދަ ސަރކަލް"ގެ އެކި ޕްރޮގްރާމްތަކުގައި ބައިވެރިވާ ކުދިންގެ މަސައްކަތެވެ. ފޮތް އިފްތިތާޙް ކޮށްދެއްވާފައިވަނީ އެޗް.ޑީ.ސީގެ މެނޭޖިންގެ ޑިރެކްޓަރ އަހްމަދު އާތިފުއެވެ.
މިފަދަ ފޮތެއް ނެރުމުގެ ބޭނުމަކީ، ކުޑަކުދިން ދުނިޔެއަށް ލޯހުޅުވާ، އެކުދިންގެ ޚިޔާލާއި ވިސްނުން ތަރައްޤީކުރުމެވެ.
ފޮތް އިފްތިތާހްކުރުމަށް ބޭއްވި ހަރާކާތުގައި، ފޮތް ލިޔުމުގައި ބައިވެރިވި ބައެއް ދަރިވަރުންވަނީ ބައިވެރިވެ، އެމީހުންގެ ތަޞައްވުރު ޙިއްސާކޮށްފައެވެ.
އުގެއިލް ފައުންޑޭޝަންގެ އިސްނެގުމުގެ ދަށުން, ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އެހީތެރިކަމާއެކު ކުރިޔަށްގެންދާ "ދަ ސަރކަލް"އަކީ ކުޑަކުދިންނާއި ބޮޑެތިމީހުންގެ ވިސްނުން ތަރައްޤީކޮށް، އެ ފަރާތްތައް ބާރުވެރިކުރުވުމުގެ މަޤުޞަދުގައި ހިންގާ އެކަޑަމީއެކެވެ. އުނގެނުމަށް ޝައުގުވެރިވާ، ޢިލްމީ، މަސައްކަތްތެރި، އަދި ފަންނުވެރި ދަރިންތަކެއް ބިނާކުރުމަށްޓަކައި 2019 ގައި ފެށި މި އެކަޑަމީގެ ޕްރޮގްރާމްތަކުގައި މިހާތަނަށް ގިނަ ދަރިވަރުންތަކެއް ވަނީ ބައިވެރިވެފައެވެ.
"ދަ ސަރކަލް"ގެ ޕްރޮގްރާމްތަކުގެ ތެރޭގައި ލީޑަރސް އޮފް ޓުމޯރޯ، ކޯޑިންގ އެންޑް ކްރިޓިކަލް ތިންކިންގ. އެޑްވާންސްޑް ކޯޑިންގް އަދި ކްރިއޭޓިވް އިންގްލިޝް ހިމެނެއެވެ. މި ޕްރޮގްރާމްތަކުގެ މައިގަނޑު ބޭނުމަކީ ބައިވެރިންނަށް އައު މައުލޫމާތުތަކެއް ފޯރުކޮށްދިނުމުގެ އިތުރުން، ބައިވެރިންގެ ވިސްނުން ތަރައްގީކޮށް ދިރިއުޅުމުގެ އެކި މަރުޙަލާތަކުގައި ބޭނުންކުރެވޭނެފަދަ މުހިންމު ހުނަރުތަކެއް ދަސްކޮށްދިނުމެވެ.
ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ހުޅުމާލެ އެކި ބޭނުންތަކަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ގިނަ ޚިދުމަތްތަކެއް އަދި މިފަދަ ގިނަ ޕްރޮގްރާމްތަކެއް އެޗް.ޑީ.ސީންދަނީ ކުރިއަށްގެންދަމުންނެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައިވެސް ރައްޔިތުންނާއި ގާތުން ރައްޔިތުންގެ ލާބައަށް ކުރެވޭ މިފަދަ މަސައްކަތްތައް، އަދި ވަކިން ޚާއްސަކޮށް އިލްމީ ޖީލެއް ބިނާ ކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރު ކުރާނެ ކަމުގެ ޔަޤީންކަން މި ހަފުލާގައި ވާހަކަ ދައްކަވަމުން އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފް ވަނީ އަރުވާފައެވެ.