ޚަބަރު

ބ. ހިތާދޫގައި މިހާރުއޮތް ބަނދަރުގެ އެއްގަމުތޮށީގެ މަސައްކަތް ނިންމާލައިފި


ބ. ހިތާދޫގައި ސަރުކާރުން ކުރިއަށްގެންދާ ބަނދަރު މަރާމާތުކޮށް ބޮޑުކުރުމުގެ މަސައްކަތުގެ ދަށުން އެރަށުގައި ކުރިން އޮތް ބަނދަރުގެ އެއްގަމުތޮށީގެ މަސައްކަތް ނިންމާލާފައިވާކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ އެމް.ޓީ.ސީ.ސީ އިން ވިދާޅުވެއްޖެއެވެ.

2009 ވަނަ އަހަރު ހިތާދޫގައި ތަރައްޤީކުރި މިބަނދަރުގެ އެއްގަމު ތޮށީގެ ބޮޑުބައެއް ހަލާކުވެ އެއްގަމު ތޮށި ކައިރިން ވެލި މޫދަށް ދެމުމުގެ ސަބަބުން ބޮޑެތި ވަޅުގަނޑުތައް ހުރީ ހެދިފައެވެ. އެހެންކަމުން އެރަށު ބަނދަރު ބޭނުން ކުރުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާކަމަށް އެރަށު ކައުންސިލުން ބުނެއެވެ.

ވަކިން ޚާއްސަކޮށް ވިއްސާރަވެ ފެން ހެދޭ ދުވަސްތަކުގައި އެ ސަރަޙައްދު ގެނބުމާއި، ގުންޑޮޅި ވެއްޓުން ފަދަކަންކަން ކުރިމަތިވަމުން ދިޔަކަމަށް ކައުންސިލުން ފާހަގަކުރެއެވެ. އެކަމަށް ޙައްލު ގެނައުމުގެ މަސައްކަތް ކައުންސިލުން ކުރާތާ އެއްތައް އަހަރެއްވަނީ ވެފައެވެ.

މިކަމަށް އެދެވޭ ޙައްލެއް ގެނައުމުގެ މަސައްކަތް ރައީސުލްޖުމްޙޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙުގެ މި ސަރުކާރުން ފެށުމަކީ އެރަށު ރައްޔިތުންނަށް ލިބުނު ބޮޑު ލުޔެއްކަމަށް އެރަށު މީހުން ޤަބޫލުކުރެއެވެ.

ރާއްޖޭގެ ގިނަ ރަށްރަށެއްގައި ބަނދަރު މަރާމާތުކުރުމާ ބަނދަރު ނެތް ރަށްރަށުގައި ބަނދަރުތައް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އެގޮތުން ހިތާދޫގައި ސަރުކާރުން ކުރިއަށްގެންދާ މި މަސްރޫގެ މަސައްކަތައް ބަލާއިރު، ބަނދަރު މަރާމާތު ކުރުމާއި، ބަނދަރަށް ބޮޑުކުރާ ބައިގެ އަމަލީ މަސައްކަތް ފެށީ މިއަހަރުގެ ޖޫންމަހުގެ ތެރޭގައެވެ. އެމަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ކުރިއަށްގެންދިޔައީ މިހާރު އެރަށުގައި އޮތް ބަނދަރުގެ އެއްގަމު ތޮށީގެ މަސައްކަތެވެ.

މިހާރު ހިތާދޫގައި އޮތީ 700 ފޫޓް ދިގު 200 ފޫޓް ފުޅާ ބަނދަރެކެވެ. އެ ބަނދަރަށް ބޮޑު ކުރަނީ ފުޅާކޮށް 100 ފޫޓެވެ. މިހާރު އޮތް ބަނދަރުގެ އެއްގަމު ތޮށިކައިރިން މޫދަށް ވެލި ފާއިބާ ސަރަހައްދުކޮނެ އަރިއަޅާފައި އޮތް އެއްގަމު ތޮށީގެ ބައި ލެވަލްކޮށް ވަނީ ނިންމާލާފައެވެ.

މިކަން ޙައްލުކުރުމަށް ބަނދަރަށް ވެލި ނުފައިބާނެހެން ޖީއޯ މެޓްޖަހާ ކޮންކްރީޓް ޕޭވްމަންޓެއް ވަނީ ހަދާފައެވެ. މި ޕޭވްމަންޓް ހެދުމުގެ 88 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމް.ޓީ.ސީ.ސީއިން ވިދާޅުވެއެވެ.

މި މަޝްރޫޢުގެ ދަށުން، 19،030 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 495 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 22 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ. އަދި 90 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 350 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ރޭމްޕެއް ހެދުމާއި، 1،750 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓްހެދުމާއި، ބަނދަރު ބައްތި އާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭކަމަށް އެމް.ޓީ.ސީ.ސީ އިން ވިދާޅުވެއެވެ.

މި ބަނދަރު މަރާމާތުކޮށް ބޮޑު ކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރަމުންދަނީ ބަނދަރަށް އިތުރު ކުރާ ބައި ފުންކުރުމުގެ މަސައްކަތެވެ. މި މަސައްކަތް ނިމުމުން ބޭރު ތޮށީގެ މަސައްކަތް ފެށޭނެކަމަށް ހިތާދޫ ކައުންސިލުން ވިދާޅުވެއެވެ.

ހިތާދޫ ބަނދަރު މަރާމާތުކޮށް ބޮޑުކުރުމުގެ މަސައްކަތް ސަރުކާރުން ފެށީ ބޭރު ތޮށި އެއްކޮށް ހަލާކުވެފައި އޮތުމުން އިރުވައި މޫސުމުގެ ގަދަ ދުވަސްތަކުގައި ފަޅު ގަދާވާތީއާއި، އެއްގަމު ތޮށި ހަލާކުވެ ބަނދަރަށް ވެލިފައިބާ އެސަރަހައްދުގައި ވަޅުގަނޑުތައް ހެދޭތީ އަރާ ފޭބުމަށް އުނދަގޫތަކާ ކުރިމަތިވަމުންދާތީއެވެ. މަސްވެރި އޮޑިދޯނިފަހަރު ގެންގުޅޭ މިރަށުގައި ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢަކީ 17.70 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

މި ސަރުކާރުން ކުރިއަށްގެންދާ ބަނދަރުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ރާއްޖޭގައި ބަނދަރު ނެތް އަދި ހަލާކުވެފައި އޮތް އެތައް ބަނދަރެއް ވަނީ ހަދާ ނިންމާފައެވެ. އެގޮތުން ބ. އަތޮޅުގައި ބަނދަރެއްނެތް ދެރަށް ކަމަށްވާ ފެހެންދޫ އާއި ފުޅަދޫގައި ބަނދަރު ތަރައްޤީކޮށް، ކިހާދޫ އާއި ކުޑަރިކިލާ ދޮންފަނުގައި އޮތް ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތްވަނީ ނިންމާފައެވެ.

މި ސަރުކާރުގެ މުހިންމު ސިޔާސަތެއްކަމަށްވާ ދަތުރުފަތުރުގެ ނިޒާމުން މުޅި ރާއްޖެ ގުޅާލުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ބަނދަރު ހެދުމާ ޓަރމިނަލްތައް ހެދުންފަދަ ކަންކަން އަންނަނީ ކުރަމުންނެވެ.