ޚަބަރު

އެމްޑީޕީ ޕްރައިމަރީ އަންނަ މަހު 28ގައި، ކުރިމަތިލާން ހުޅުވާލައިފި


ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެނޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. އެމްޑީޕީގެ ޓިކެޓްގައި ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރާ ކެނޑިޑޭޓުން، އެބޭފުޅަކަށް ތާއީދު ކުރާ 500 މެމްބަރުންގެ ތާއީދާއީއެކު މިމަހުގެ 24 ވަނަ ދުވަހުގެ ކުރިން ހުށައެޅުމަށް އެޕާޓީން ވަނީ އެދިފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ޓައިމްލައިން

18 ޑިސެމްބަރ 2022– ރިޔާސީ ޕްރައިމަރީ އިޢުލާން ކުރުން
18 ޑިސެމްބަރ 2022 – ރިޔާސީ ޕްރައިމަރީ ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލުން
24 ޑިސެމްބަރ 2022– ކެންޑިޑޭޓުން ވާދަ ކުރުމުގެ ފޯރމް ބަލައިގަތުމުގެ މުއްދަތު ހަމަވުން (16:00 އަށް)
26 ޑިސެމްބަރ 2022 – ކެންޑިޑޭޓުންގެ ފައިނަލް ލިސްޓު، ކެންޑިޑޭޓް ނަންބަރާ އެކު އިއުލާން ކުރުން
28 ޑިސެމްބަރ 2022 – ރިޔާސީ ޕްރައިމަރީ ވޯޓަރޒް ލިސްޓް އާންމު ކުރުމާއި، ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުން
31 ޑިސެމްބަރ 2022 – ވޯޓަރޒް ލިސްޓަށް ހުށަހަޅާ ޝަކުވާ ބަލައިގަތުމުގެ މުއްދަތު ހަމަވުން (16:00 އަށް)
03 ޖެނުއަރީ 2023 – ރިޔާސީ ޕްރައިމަރީ ފައިނަލް ވޯޓަރޒް ލިސްޓް އާންމު ކުރުން
10 ޖެނުއަރީ 2023- ކެންޑިޑޭޓް މަންދޫބުންނަށް ފުރުޞަތު ހުޅުވާލުން
15 ޖެނުއަރީ 2023– ކެންޑިޑޭޓް މަންދޫބުންނަށް ފުރުޞަތު ބަންދުވުން
28 ޖެނުއަރީ 2023– ރިޔާސީ ޕްރައިމަރީ ވޯޓްލާ ދުވަސް

އެމްޑީޕީން ރިޔާސީ ޕްރައިމަރީއަށް ހުޅުވާލާފައިވާއިރު، ޕްރައިމަރީގައި ވާދަކުރުމުގެ ޝައުގުވެރިކަން އެޕާޓިގެ އެންމެ އިސްލީޑަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ފާޅުކުރައްވާފައެވެ. އަދި މި ޕްރައިމަރީގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ވަނީ ފާޅު ކުރައްވާފައެވެ.

އެމްޑީޕީގެ އަސާސީ ޤަވާއިދު ބުނާގޮތުން އެޕާޓީގެ ޕްރައިމަރީގައި ޥާދަކުރާ ކެނޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް އެއްމަސްދުވަހުގެ މުއްދަތެއް ދޭންޖެހެއެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަނުން ތަޢާވަލުކޮށްފައިވަނީ ސެޕްތެމްބަރު މަހުއެވެ. އެ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓަކު ވަނީ ކަނޑައަޅާފައެވެ. އިދިކޮޅު ޕީޕީއެމްގެ ފަރާތުން ޕީޕީއެމްގެ ރައީސް ޔާމީން ވާދަކުރައްވާއިރު، އެމްއެންޕީން ވާދަކުރާނީ އެޕާޓިގެ ރައީސް މުޙައްމަދު ނާޒިމްކަމަށް ވަނީ ކަނޑައަޅާފައެވެ.