ދިވެހި ސަރުކާރަށް ޤާނޫނީ ލަފާ ދިނުމުގެ މަސައްކަތް ހަވާލުކުރެއްވި އިނގިރޭސި ލޯ ފާމް އޮމްނިއާ ސްޓްރެޓެޖީއަށް ފައިސާ ދައްކަވާފައިވަނީ ދިވެހި ދައުލަތުގެ ރަސްމީ އެކައުންޓުން ކަމަށް ފޮރިން މިނިސްޓްރީން މިރޭ ވިދާޅުވެއްޖެއެވެ.އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާގެ އަނބިކަނބަލުން ޝެރީ ބްލެއާގެ ކުންފުނި، އޮމްނިއާ ސްޓްރެޓެޖީއަށް ދިވެހި ސަރުކާރުން ފައިސާ ދެއްކެވީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގައި ބައިވެރިވިކަމުގެ ތުހުމަތުކުރެވޭ މުޙައްމަދު އައްލާމް ލަތީފްކަމަށް ބައެއް މީޑިއާތަކުން ފަތުރާފައިވާ ޚަބަރު ދޮގުކުރައްވާ ފޮރިންގ މިނިސްޓްރީން ނެރުއްވާފައިވާ ބަޔާނެއްގައި ވަނީ، އ.ދގެ ވާކިންގ ގްރޫޕް އޮން އާރބިޓްރަރީ ޑިޓެންޝަނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލައަށް ދިވެހިސަރުކާރުން ޖަވާބުދާރީވުމަށާއި، އެހީތެރިވުމަށާއި ރާއްޖޭގެ ޤާނޫނީ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ސަރުކާރުން އިނގިރޭސިވިލާތުގެ ކުންފުންޏެއްކަމަށްވާ އޮމްނިޔާ ސްޓްރެޓެޖީއާއެކު އެއްބަސްވުމެއްގެ ދަށުން މަސައްކަތް ކުރައްވާފައިވާކަމަށެވެ.މި އެއްބަސްވުމުގެ ދަށުން މަސައްކަތް ފަށްޓަވާފައިވަނީ ތިނެއް ޖޫން 2015 ގައި ކަމަށާއި، މިމަސަތްކަތް ނިންމާލައްވާފައިވަނީ ނަވާރަ ޑިސެމްބަރު 2015 ގައިކަމަށެވެ. އެހެންކަމުން ދިވެހި ސަރުކާރާއެކު ވެފައިވާ އެއްބަސްވުމާއެއްގޮތަށް އޮމްނިއާ ސްޓްރެޓެޖީއަށް ދިވެހި ސަރުކާރުން ފައިސާ ދައްކަވާފައިވަނީ ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ސަރުކާރުގެ ރަސްމީ އެކައުންޓުން މިނިސްޓްރީ އޮފް ފިނޭންސް މެދުވެރިކޮށްކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.