ޚަބަރު

ގުޅިފަޅު ފްލެޓަށް ފައިސާ ދެއްކި މީހުންނަށް ހުޅުމާލެއިން ފްލެޓް


ގުޅީފަޅުގައި އަމިއްލަ ކުންފުންޏަކުން ތަރައްޤީކުރަމުން ގެންދިޔަ ފެލްޓްތައް ގަންނަން ފައިސާދައްކާފައިވާ ޢާއިލާތަކަށް ފްލެޓްތައް ނުލިބި އެތައް އަހަރެއްވުމަށްފަހު، އެ ފަރާތްތަކަށް ހުޅުމާލެއިން ފްލެޓް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ނިންމަވައިފިއެވެ.މިކަން ސަރުކާރުން ހާމަކުރެއްވީ މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒުއެވެ.ގުޅިފަޅަކީ މީހުން ދިރިއުޅުމަށް ރައްކާތެރި ތަނެއް ނޫންކަމަށް ސަރުކާރުން ވިދާޅުވެއެވެ. ސަބަބަކީ ގުޅިފަޅާ ޖެހިގެން އޮތީ ތިލަފުށި ކަމަށްވެފައި، ތިލަފުއްޓަކީ ތަފާތު އިންޑަސްޓްރިއަލް މަސައްކަތްތައް ފުޅާ ދާއިރާގައި ކުރަމުންދާ ރަށަކަށްވުމާއި ތިލަފުއްޓަކީ މާލެ ސަރަޙައްދުގައި އުފެދޭ ކުނި ނައްތާލާ މައި ސަރަޙައްދު ކަމުގައިވާތީއެވެ.ގުޅިފަޅު ތަރައްޤީކުރެއްވުމަށް ރައީސް ނަޝީދުގެ ވެރިކަމުގައި ޙަވާލުކުރައްވާފައިވަނީ އިނގިރޭސިވިލާތުގެ، ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް ކޮމްޕެނީ، ޖީ.ޕީ.ޑީއާއެވެ. އެ ކުންފުންޏާއެކު  ވެފައިވާ އެއްބަސްވުން ސަރުކާރުން ވަނީ މި މަހުގެ ހަވަނަ ދުވަހު އުވާލައްވާފައެވެ. ސަރުކާރުން ވިދާޅުވީ، އެ ކުންފުނިން އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށާއި، އެރަށް އަނބުރާ ގުޅީފަޅު އިންވެސްޓްމަންޓް ލިމިޓެޑަށް ނަންގަވާފައިވާ ކަމަށެވެ.ގުޅިފަޅުގައި ޖީ.ޕީ.ޑީން ގެންދިޔައީ 240 ފްލެޓް އިމާރާތްކުރުމުގެ މަސައްކަތްކުރަމުންނެވެ. އެ ކުންފުންޏާ މިރަށް ޙަވާލުކުރެއްވީ 2010 ވަނަ އަހަރުގައެވެ. ހައަހަރުވީއިރު 240 ޕްލެޓްގެ ތެރެއިން މިހާތަނަށް ނިމިފައިވަނީ 100 ވަރަކަށް ފްލެޓެވެ.ހައުސިން މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، ފެލްޓް ގަތުމަށް 158 ޢާއިލާއަކުން ޖީ.ޕީ.ޑީއށް ފައިސާ ދައްކާފައިވާކަމަށެވެ. 2010 ވަނަ އަހަރުން ފެށިގެން ފެލްޓަށް ފައިސާ ދައްކާފައިވާ އެތައް ޢާއިލާއެއްގެ އާދޭސް ސަރުކާރުން އައްސަވައި، ފްލެޓް ގަންނަށް ފައިސާ ދައްކާފައިވާ 158 ޢާއިލާއަކަށް ހުޅުމާލޭގައި އެންމެ އަވަހަށް ޢިމާރާތްކުރެވޭ ފްލެޓްތަކުން ފްލެޓް ހަމަޖެއްސެވުމަށް ރައީސް ނިންމަވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ."ބައެއް ފަރާތްތަކުން ދެ ފްލެޓަށްވެސް ފައިސާ ދައްކާފައި އެބަހުރި. އެހެންވީމާ ގުޅީފަޅުން ފްލެޓް ގަނެފައިވާ 158 މީހަކަށް 184 ފްލެޓް ހުޅުމާލެއިން ބޭނުންވޭ. އެކަމުގެ ލިއުން އަންނަ ހަފުތާގައި ދޭން ނިންމާފައި ވަނީ. ސަރުކާރުން  މިކަންތައް ކުރާނީ ވީހާވެސް އިންސާފުވެރިކޮށް." ހައުސިންގ މިނިސްޓަރ ވިދާޅުވިއެވެ.ގުޅިފަޅު އިންވެސްޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ފަޒީލް ވިދާޅުވީ އެޑްވާންސް ފައިސާއާއި، އިންސްޓޯލްމަންޓްގެ ގޮތުގައި  37 މިލިއަން ރުފިޔާ 158 ފަރާތަކުން  ޖީ.ޕީ.ޑީއަށް ދައްކާފައިވާ ކަމަށެވެ.ގުޅިފަޅަކީ މީހުން އާބާދު ނުކުރާ ރަށެއްގެ ގޮތުގައި ހަމަޖެއްސުމަށް ނިންމަވާފައިވާ ކަމަށްވެސް ސަރުކާރުން މިއަދު އިޢުލާން ކުރެއްވިއެވެ. އޭގެ ބަދަލުގައި އެތަނަކީ ސިނާޢީ އަދި މަސައްކަތްތެރިން އެކޮމޮޑޭޓް ކުރާ ރަށެއްގެ ގޮތުގައި ސަރުކާރުން ވަނީ ނިންމަވާފައެވެ.