ވިޔަފާރި

ބައެއް ދަތިތަކަށް ލިބުނު ހައްލާއެކު އިމާރާތްކުރުމުގެ ސިނާއަތަށް ކުރިއެރުން!


މިއަހަރުގެ ފުރަތަމަ ދެ ކުއަޓަރާއި އަޅާބަލާއިރު ނިމުނު 3 ވަނަ ކުއާޓަރުގައި އިމާރާތްކުރުމުގެ ސިނާއަތް ކުރިއަރާފައިވާކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭގެ ރިޕޯޓެއްގައި ހާމަކޮށްފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭއިން މިކަން ހާމަކޮށްފައިވަނީ އެ އިދާރާއިން ކޮންމެ 4 މަހަކުން ނެރޭ ކުއަރޓާލީ އިކޮނޮމިކް ބުލެޓިންގައެވެ.

އެމްއެމްއޭގެ ކުއަރޓާލީ އިކޮނޮމިކް ބުލެޓިންގައިވާ ގޮތުން އިމާރާތްކުރުމުގެ ސިނާއަތުގެ މަސައްކަތްތައް މިއަހަރުގެ 3 ވަނަ ކުއަޓަރގައި ވަނީ ފުޅާވެފައެވެ. އެގޮތުން މިއަހަރުގެ 2 ވަނަ ކުއާޓަރއާއި އަޅާބަލާއިރު 3 ވަނަ ކުއާޓަރގައި ގްރޮސް ވެލިއު އެޑެޑް ވަނީ %32.5 އިތުރުވެފައެވެ.

އެމްއެމްއޭގެ ރިޕޯޓްގައިވާ ގޮތުން އިމާރާތްކުރުމުގެ ސިނާއަތަށް ކުރިއެރުން އަންނަމުންދަނީ ވަޒީފާތަކަށް މީހުން ހޯދުމުގައި ދިމާވާ ދަތިތަކާއި، ތަކެތި ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލުތައް ލިބެމުންދާތީއެވެ.

އެމްއެމްއޭގެ ރިޕޯޓަށް މައުލޫމާތު ދީފައިވާ ކޮންސްޓްރަކްޝަން ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކުގެ ތެރެއިން %55 ވިޔަފާރިތަކުން ވަނީ މިއަހަރުގެ 3 ވަނަ ކުއާޓަރގައި އެ ވިޔަފާރިތައް ކުރިއަރާފައިވާކަމަށް ބުނެފައެވެ. %44 ވިޔަފާރިތަަކަށް ބަދަލެއް ނާންނަކަމަށް ބުނެފައިވާއިރު، ކުރިއެރުމެއް ނުލިބޭކަމަށް ބުނަނީ 1 އިންސައްތަ ވިޔަފާރީންނެވެ.

އެމްއެމްއޭއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އިމާރާތްކުރުމުގެ ސިނާއަތަށް އެތެރެކޮށްފައިވާ ތަކެތިވެސް 3 ވަނަ ކުއާޓަރގައި ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރގައި އިމާރާތްކުރުމުގެ ސިނާއަތަށް އެތުރުކުރި ތަކެތި ވަނީ %55 އިތުރުވެފައެވެ. 2 ވަނަ ކުއާޓަރގައި %57 އިތުރުވެފައިވާއިރު 3 ވަނަ ކުއާޓަރގައި މިއަދަދު އުޅުނީ %71 ގައެވެ.

އިމާރާތްކުރުމުގެ ސިނާއަތަށް ދޫކޮށްފައިވާ ލޯނުތަކަށް ބަލާއިރު ރިސޯޓްތައް ތަރައްޤީކުރުމާއި، މަރާމާތުކުރުން އަދި ގެސްޓްހައުސްތައް އެޅުމަށް ދޫކޮށްފައިވާ ލޯނުތައް ދަށްވެފައިވާކަމަށް އެމްއެމްއޭގެ ރިޕޯޓުން ދައްކައެވެ. މިއީ %6 ދަށްވުމެކެވެ. ފަތުރުވެރިކަމުގެ ސިނާއަތުގެ މަސައްކަތްތަކަށް ދޫކުރި ލޯނުތަކުގެ އަދަދު ދަށްވިނަމަވެސް ރިއަލް އެސްޓޭޓް އަދި ކޮމާޝަލް ބިލްޑިންގ އަދި ހައުސިންގ މަޝްރޫއުތަކަށް ދޫކޮށްފައިވާ ލޯނުގެ މިންވަރު ވަނީ އިތުރުވެފައެވެ.