ރާއްޖޭގެ ޖައްވުން މި ފެންނަ ބަދަލަކީ، ދުނިޔޭގެ މާ ދުރު ޤައުމުތަކުގެ މުސުމަށް އަންނަ ބަދަލުތަކާއި ގުޅިފައިވާ ކަމެއްކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން މިހެން ވިދާޅުވެފައި މިވަނީ ބައެއް ދުވަސްވަރު ރާއްޖޭގެ ޖައްވު ފުސްވުމުގެ މައްސަލަތައް ކުރިމަތިވަމުންދާތީއެވެ.
ވައި ނުސާފުވެ ޖައްވު ފުސްވުމުގެ މައްސަލައަކީ މީގެ ކުރިންވެސް ބައެއް ދުވަސްވަރު ރާއްޖެއިން ފެނުނު މަންޒަރެކެވެ. މިއީ ދުނިޔޭގެ ވައިގެ ނިޒާމާ ގުޅިފައިވާ ކަމެކެވެ. އަނެއްކާވެސް މިދުވަސްވަރު ރާއްޖޭގެ ބައެއް ހިސާބުތައް ފެންނަނީ، ވައި ނުސާފުކޮށް ދުރު ފުސްކޮށެވެ. ފެންނަ ފެނުމަށް ހިރަފުސް ބޯވެ، ފުސްވަނީ ކަމަށް ފެނެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ރާއްޖޭގެ ޖައްވުން މި ފެންނަ ބަދަލަކީ، ދުނިޔޭގެ މާ ދުރު ޤައުމުތަކުގެ މުސުމީ ބަދަލަކާ ގުޅިފައިވާ ކަމެއްކަމަށެވެ. އަދި އެ ހިސާބުތަކުގެ ވައި ޖެހޭ މިސްރާބު ބަދަލުވުމުގެ ސަބަބުން، ރާއްޖޭގެ ސަރަޙައްދުންވެސް މި ބަދަލު ފެންނަނީކަމަށް މެޓް އޮފީހުން ބުނެއެވެ.
އުތުރާއި މެދުރާއްޖެތެރޭގައި ދުރުފެންނަ މިންވަރުވަނީ ދަށްވެފައެވެ.
— Maldives Meteorology (@MetMaldives) December 1, 2022
Visibility has reduced in northern and central atolls pic.twitter.com/DEMOAyymxF
މެޓުން އޮފީހުން ވިދާޅުވީ ހުޅަނގުން އިރުމައްޗަށް ވައި ބަދަލުވަމުންދާ މި ދުވަސްވަރު، ހިމާލަޔަން ސަރަޙައްދުގެ ހިރަފުހާ ދުން، ވަޔާއެކު ބޭ އޮފް ބެންގަލް ހުރަސްކޮށް ރާއްޖެއާއި ހަމައަށް ފޯރާކަމަށެވެ. ވައި ނުސާފުވެ ދުރު ފެންނަ މިންވަރު ބޮޑަށް ދައްވާނީ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށްކަމަށާއި މިކަން މިމަހުގެ ފެށިގެން އަންނަ މާޗުމަހާއި ހަމައަށް ރާއްޖެ ސަރަޙައްދުން ފެންނާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. މީގެކުރިންވެސް ޖައްވު ފުސްވުމުގެ ހާލަތްތައް ރާއްޖެއިން ފެނިފައިވެއެވެ. މިއާއެކު ކައިރި ރަށްރަށް ފެނުމުގައާއި، އަދި ދިގު މަގުތަކުން ދުރު ފެންނައިރު ފުސްކަން ފެނެއެވެ.
އެންމެ ފަހުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުވެސް ޖައްވު ފުސްމުގެ ޙާލަތު ދިމާވިއެވެ. އެފަހަރުވެސް މިކަން ދިމާވި އުތުރާ މެދުތެރޭގެ އަތޮޅުތަކަށެވެ. އެގޮތުން އާއްމުކޮށް 10 ކިލޯމީޓަރަށް ދުރު ފެނުނު ނަމަވެސް، ޖައްވު ފުސްވުމާ ގުޅިގެން 4-5 ކިލޯމީޓަރަށް ދައްވިއެވެ.