ޚަބަރު

ވިޔަފާރިތައް ރާވާ، ހިންގުމުގައި މޫސުމީ މައްސަލަތަކަށް އަހުލުވެރިކުރުވަނީ


ވިޔަފާރިތައް ރާވާ، ހިންގުމުގައި ތިމާވެށީގެ މައްސަލަތަކަށް ކުދި ވިޔަފާރިތައް އަހުލުވެރިކުރުމަށް، ޔޫއެސް އެއިޑްއާއި ރާއްޖެ ގުޅިގެން ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޕްރޮގްރާމްގެ ބޭނުމަކީ، ވިޔަފާރިތައް ކުރިއެރުވުމުގައި ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް އަހުލުވެރިކޮށް، މޫސުމީ ބަދަލުތަކުގެ ސަބަބުން އަމިއްލަ ކުދި ވިޔަފާރުތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށެވެ.

"އެންޓަޕްރައިސް ޑެވެލޮޕްމަންޓް ޕްރޮގްރާމް، މޯލްޑިވްސް"އަކީ ޔޫއެސްއެއިޑް ކްލައިމެޓް އެޑެޕްޓޭޝަން ޕްރޮޖެކްޓްގެ މާލީ އެހީގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ރާއްޖޭގައި ފަށަނީ ބިޒްނަސް މެނޭޖްމަންޓް ކޮންސަލްޓަންޓް ފަރމެއްކަމަށްވާ އެފްޖޭއެސް ކޮންސަލްޓިންގ ޕްރައިވެޓް ލިމިޓެޑްއާއި ގުޅިގެންނެވެ.

މި ޕްރޮޖެކްޓްގެ މައިގަނޑު ބޭނުމަކީ އަލަށް ފަށައިގަންނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް، ތިމާވެއްޓާއި ރަށްޓެހި ގޮތްތަކަށް ބައްޓަންކުރުމެވެ. އަދި ކާރިސާގެ ވަގުތުގައި ރައްކާތެރިވުމަށް ފިޔަވަޅުއެޅުމުގައި އެހީވެރިވެދިނުމެވެ. މިއީ ކުދި ވިޔަފާރިތަކަށް ޢަމާޒުކޮށް، ތިމާވެށީގެ ރޮނގުން ކުރިއަށްގެންދާ މިފަދަ ފުރަތަމަ ޕްރޮގްރާމެވެ.

މި ޕްރޮގްރާމްގައި، އަލަށް ފަށާ ވިޔަފާރިތައް ކާމިޔާބުކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދެވޭނެ ގޮތްތަކާއި، ވިޔަފާރިތައް ކުރިމަގަށް ރޭވުމަށް ބޭނުންވާ ސްޓްރެޖީތައް ތައްޔާރުކުރާނެ ގޮތްތަކާއި އަދި ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް ވިޔަފާރިތައް ބައްޓަށް ކުރުން ހިމެނެއެވެ. ޚާއްސަކޮށް ފަތުރުވެރިކަމުގެ ވިޔަފާރިއާއި، ދަނޑުވެރިކަން އަދި މަސްވެރިކަމާ ގުޅުންހުރި ވިޔަފާރި ހިމެނެއެވެ.

މި ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝާއުނާއެވެ. މިިނިސްޓަރ ވިދާޅުވީ ދުނިޔޭގެ ޤައުމުކުގެ ތެރެއިން ތިމާވެށީގެ ގޮތުން އެންމެ ނާޒުކު އަދި އެންމެ ބޮޑު އަސަރެއް ކުރާނެކަމަށް ދިރާސާތަކުން ދައްކަނީ ރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކަށްކަމަށެވެ. އެގޮތުން މިހާރުވެސް ރާއްޖެއަށް މޫސުމީ ކާރިސާތައް ކުރިމަތިވާ ގޮތްތައް ތަފާތުވެ، އިތުރުވަމުން އަންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ހަމައެކަނި އާއްމު ރަށްތަކަކުން ނޫން މައްސަލަ ހުށައަޅަނީ މިހާރު. ގޮނޑުދޮށް ކައިރި ހިސާބުތަކުން ހިންގާ އެތަށް ވިޔަފާރިވެރިންެގެ ކަންބޮޑުވުން، އެމީހުންގެ ޝަކުވާ އަންނަނީ ލިބެމުން. ރިސޯޓް، ގެސްޓް ހައުސްތައް ހިމެނޭ." ޝައުނާ ވިދާޅުވިއެވެ.

ޕްރޮގްރާމްގައި ބައިވެރުވުމުގެ ފުރުޞަތު ވިޔަފާރިތަކަށް ވަނީ ހުލުވާލާފައެވެ. އެފްޖޭއެސް ވެބްސައިޓްއިން ޕްރޮގްރާމްގައި ރެޖިސްޓްރީވެވޭނެއެވެ.

މި ޕްރޮގްރާމް ކުރިއަށްގެންދާނީ ސަރުކާރުގެ ކަމާއި ގުޅުންހުރި ފަރާތްތަކުގެވެސް ޙިއްސާއާއެކުއެވެ.