ޚަބަރު

އައްޑޫއަށް އަންނަމުންދާ ތަރައްޤީ އަސްލަމް ދެއްކެވީ ކުލަ ފޮޓޯތަކާއި ހިސާބު އަދަދުން


މީގެކުރިން އެހެން އެއްވެސް ސަރުކާރުން އައްޑޫގެ ތަރައްޤީއަށް މަސައްކަތްނުކުރާ މިންވަރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އައްޑޫގެ ތަރައްޤީއަށް މަސައްކަތްކޮށްދެއްވަމުންދާކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ރައްދު ދެއްވައިފިއެވެ.

ބަޖެޓް ދިރާސާކުރި ކޮމިޓީގެ ރިޕޯޓަށް ބަހުސްކުރައްވަމުން އަސްލަމް ވަނީ ރައީސް ސާލިހުގެ ސަރުކާރުން އައްޑޫގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް ބައްލަވާލައްވާފައެވެ.

ބަޖެޓްގެ ބަހުސްގައި އައްޑޫ ތަރައްޤީއާއި ގުޅޭގޮތުން އައްޑޫގައި ތަރައްޤީގެ ކަމެއް ނުހިނގާކަމަށް ވިދާޅުވެ ދެކެވޭ ވާހަތަކަށް މެމްބަރު އަސްލަމް ރައްދު ދެއްވީ ކުލަ ފޮޓޯތަކާއި ހިސާބު އަދަދުތަކުން ހިއްސާ ކުރައްވާފައެވެ.

އަންނަ އަހަރަށް ލާފާކޮށް ހުށަހެޅި ބަޖެޓްގެ މަޖިލިސް މަސައްކަތް ނިންމައި ވޯޓަށް އެހުމާއި ހަމައަށް ވަނީ ގޮސްފައެވެ. ބަޖެޓުގެ ބަހުސް މަރުހަލާގައި ބަޖެޓާއިމެދު މެމްބަރުން ދެކޭގޮތް ބަހުސްގައިވަނީ ހާމަކުރައްވާފައެވެ. ބަޖެޓް ބަހުސްގައި މެމްބަރުންގެ އެންމެބޮޑު ޝައުގުވެރިކަމެއް އޮތީ ވަކިވަކި ދާއިރާތަކުގެ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅޭގޮތުންނެނެވެ.

ރާއްޖޭގެ ދެވަނައަށް އެންމެބޮޑު އާބާދީއެއް އޮތް އައްޑޫ ސިޓީގައި ތަރައްޤީގެ މަސައްކަތްތަކެއް ނުހިނގާކަމަށް ދެކެވޭ ވާހަތަކަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަސްލަމް ވަނީ ބަޖެޓު ބަހުސްގައި ރައްދު ދެއްވާފައެވެ. އަދި އައްޑޫގެ އެކި ރަށްތަކުގައި މިހާރު ހިނގަމުންދާ މަޝްރޫޢުތަކުގެ ތެރެއިން ޕްލޭނިން މިނިސްޓްރީން ހިންގާ އެކި މަޝްރޫޢުތަކުގެ ތަފާސް ހިސާބު އަސްލަމް ވަނީ ހިއްސާ ކުރައްވާފައެވެ. އައްޑޫގައި ޕްލޭނިން މިނިސްޓްރީން ހިންގާ 11 މަޝްރޫޢުއަކަށް 3.1 ބިލިޔަން ރުފިޔާ ޚަރަދު ކުރެއެވެ.

އައްޑޫގައި ޕްލޭނިން މިނިސްޓްރީން ހިންގާ މަޝްރޫޢުތައް:

- މަގު ހެދުމަށް 1.1 ބިލިޔަން ރުފިޔާ
- ބިން ހިއްކުމަށް 1.3 ބިލިޔަން ރުފިޔާ
- ހުޅުމީދޫ މިފްކޯ ހާބަރަށް 68 މިލިޔަން ރުފިޔާ
- ހުޅުދޫ ހާބަރަށް 66 މިލިޔަން ރުފިޔާ
- މީދޫ ހާބަރަށް 36 މިލިޔަން ރުފިޔާ
- ހިތަދޫ ހާބަރުގެ ފޭސް އެކަކަށް 53 މިލިޔަން ރުފިޔާ، ހިތަދޫ ހާބަރު ފޭސް ދޭކަށް 138 މިލިޔަން ރުފިޔާ
- ހިތަދޫ ޝޯ ޕްރޮޓެކްޝަނަށް 11 މިލިޔަން ރުފިޔާ
- މަރަދޫ ހާބަރު އެކްޓޭންޝަނަށް 11 މިލިޔަން ރުފިޔާ
- މަރަދޫ، މަރަދޫ ފޭދޫ ހާބަރު 40 މިލިޔަން ރުފިޔާ
- މަރަދޫ ޝޯ ޕްރޮޓެކްޝަނަށް 10 މިލިޔަން ރުފިޔާ
- ޑިޓެކްޝަން ސެންޓަރަށް 16 މިލިޔަން ރުފިޔާ

އަސްލަމް ވިދާޅުވީ ޕްލޭނިން މިނިސްޓްރީގެ މަޝްރޫޢުތަކުގެ އިތުރުން ޞިއްޙީ ދާއިރާއަށާއި، ތައުލީމަށް ކުރެވޭ ޚަރަދާއި އަދި އެހެނިހެން ދާއިރާތަކަށްވެސް ބޮޑެތި ހޭދަތަކެއް ކުރެވެމުންދާކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގެ މިދައުރު ނިމިގެންދާއިރު އައްޑޫ ސިޓީގެ ތަރައްޤީއަށް 5 ބިލިޔަން ރުފިޔާ ޚަރަދުވެގެންދާނެކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި މިއީ އެހެން ސަރުކާރުތަކުން އައްޑޫގެ ތަރައްޤީއަށް ހަރަދުކޮށްފައިވާ މިންވަރާއި އަޅާބަލާއިރު ވަރަށް ބޮޑު އަދަދެއްކަންވެސް އަސްލަމް ފާހަގަކުރެއްވިއެވެ.

އަސްލަމް ވަނީ އައްޑޫގައި ހިންގާ މަޝްރޫޢުތަކަށް ބޭނުންވާ ސާމާނައެކު އެފްކޮންސް ކުންފުނިން 60،000 ޓަނުގެ ބޯޓެއް މުދަލާއެކު އައްޑޫ ބޭރުގައި އޮތް ފޮޓޯއެއްވެސް ހިއްސާ ކުރައްވާފައެވެ.

އައްޑޫގައި ހިނގަމުންދާ މަޝްރޫޢުތަކާއި، އަދި ކުރިއަށް ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކާއި ގުޅޭގޮތުން ސީދާ ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އިސްކަމެއް ދެއްވައިގެން މަޝްރޫޢުތައް އަވަސް ކުރުމަށްޓަކައި އެކި އިދާރާތަކާއި މިހަފްތާއިން ފެށިގެން ބައްދަލު ކުރައްވަމުންދާކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. އަދި އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަކީ އައްޑޫ ސިޓީއަށް އުންމީދީ އަދި ތަރައްގީގެ ބޮޑެތި ބަދަލުތަކެއް ގެނުވާނެ ބަޖެޓެއްކަންވެސް އަސްލަމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.


އަސްލަމް މިހެން ވިދާޅުވެފައިވާއިރު، އައްޑޫގައި ސަރުކާރުން ހިންގާ ބައެއް މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެގޮތުން އައްޑޫ މަގުތަކުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫއު މިހާރު ދަނީ ހިނގަމުންނެވެ. މި މަޝްރޫޢުގެ ދަށުން އައްޑޫގެ ހުރިހާ ރަށެއްގެ ގިނަ މަގުތަކެއް ތަރައްޤީކުރުން ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ސަރުކާރުން ވަނީ އައްޑޫގެ ގިނަ ރަށްތަކެއްގައި ލަފާފުރުމަށް އޮތް ދަތިކަމަށްވެސް ލުޔެއް ހޯދައި ދީފައެވެ. އެގޮތުން އައްޑޫ މީދޫއާއި މަރަދޫ އަދި މަރަދޫ ފޭދޫގައި ތަރައްޤީކުރި ޒަމާނީ ބަނދަރު މިއަހަރުގެ މާރޗުމަހު ރައީސް ވަނީ ހުޅުއްވައި ދެއްވާފައެވެ. އަދި ހުޅުމީޑޫގައި ސަރުކާރުން ތަރައްޤީކުރާ ބަނދަރުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާއި ގާތްވެފައެވެ.

މީގެ އިތުރުންވެސް މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް އެއްތަނަކުން ހުރިހާ ފަރުވާއެއް ދީ މުޖުތަމަޢުއަށް ނެރުމަށް އައްޑޫ ހުޅުދޫގައި ތަރައްޤީކުރި ޑިޓެކްޝަން ސެންޓަރުވެސް ވަނީ ހުޅުވާފައެވެ.

މީގެ އިތުރުން ބިން ހިއްކުމާއި، މަސްފެކްޓްރީ ޤާއިމްކުރުން ފަދަ މަޝްރޫޢުތައް މިދައުރު ނިމުމުގެ ކުރިން ނިންމާލެވޭނެކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ.