ޚަބަރު

ބޮޑު ޚިޔާނާތުގެ 5 މައްސަލައިގެ ބައެއް ކަންކަން އިޞްލާހުކުރަން އަންގައިފި


ޑިއުޓީ ޕްރޮސެކިއުޝަން ފޮނުވާފައިވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ބޮޑު ފަސް މައްސަލައިގެ ބައެއް ކަންކަން އިޞްލާހުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އެދިއްޖެއެވެ.

ޑިއުޓީ ޕްރޮސެކިއުޝަނަކީ ދައުވާކުރުމުގެ ކުރިން ކަމާ ގުލުން ހުރި އިދާރާތަކުން އެ މައްސަލައަކާއި ގުޅޭގޮތުން ކުރިއަށްގެންދާ މަޝްވަރާ މަރުހަލާއެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅުންހުރި 5 މައްސަލައެއްގެ ތަހްގީގް ނިންމާ އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީން ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ އޮކްޓޫބަރު މަހުގެ 6 ވަނަ ދުވަހުއެވެ.

އޭސީސީން ތަހުގީގް ނިންމި ފަސް މައްސަލާގެ ތެރޭގައި އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ މައްސަލާގައި ހިމެނޭ އަމިއްލަ ފަރުދުންނާއި ކުންފުނިތައްވެސް ހިމެނެއެވެ. ނަމަވެސް އެ މައްސަލަތަކާއި ގުޅޭ އިތުރު ތަފްސީލެއް އޭސީސީން ހާމަނުކުރައްވައެވެ. އަދި ޕީޖީ އޮފީހާއެކު ކުރެވޭ މަޝްވަރާތަކަށްފަހު، މިމައްސަލަތަކާގުޅޭ އިތުރު ތަފްޞީލު ހާމަކުރާނެކަމަށްވެސް އޭސީސީން އޭރު ވިދާޅުވެފައިވެއެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ޑިއުޓީ ޕްރޮސިކިއުޝަނަށް ފޮނުވާފައިވާ އެމްއެމްޕީއާރުސީގެ 5 މައްސަލައާ ގުޅިގެން، މި މަރުހަލާގައި ޕީޖީގެ ފަރާތުން އިސްލާޙުކުރަން އެދިފައިވާ ކަންކަން އިސްލާޙު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ.

އޭސީސީން ވިދާޅުވީ ޑިއުޓީ ޕްރޮސިކިއުޝަންގެ ކުރިއަށްދާތީ، މިއީ މިމައްސަލަތައް ދައުވާ ނުކޮށް އަނބުރާ ފޮނުވާލުން ނޫންކަމުގައެވެ. އޭސީސީން ތަހުގީގް ކުރަމުންދާ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ އެއް މައްސަލައަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލެއެވެ.

އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ބައިވެރިވިކަމަށް ނުވަތަ މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ 281 ފަރާތެއްގެ ނަން މަޖިލީހުން އާންމުކުރި މިލިސްޓުގައި ހިމެނެއެވެ. އޭގެ ތެރޭގައި ދަޢުލަތުގެ އެކިއެކި މަޤާމުގައި ތިބި 119 މީހަކު ހިމެނެއެވެ. މީގެ ތެރޭގައި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން 16 މެންބަރަކުވެސް ހިމެނިވަޑައިގަންނަވައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި، މީގެކުރިން ބައެއް މީހުންނަށް ވަނީ ޙުކުމްކޮށްފައެވެ. އޭގެތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ އިތުރުން، އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔަތު ހިމެނެއެވެ. ރައީސް ޔާމީނަށް ދަށުކޯޓުން ކުރި ޙުކުމް ސުޕްރީމް ކޯޓުން ވަނީ ބާޠިލްކޮށްފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ހޯދުމަށްކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެނގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ. އޭސީސީން މަސައްކަތް ކުރަމުންދަނީ ގެއްލިފައިވާ ނުވަތަ ވަގަށް ނަގާފައިވާ ފައިސާތައް އަނބުރާ ދައުލަތަށް ހޯދުމަށް އެކޮމިޝަނުން ވިދާޅުވެއެވެ.