ވިޔަފާރި

އޮތެންޓިކް މޯލްޑިވްސް ފިހާރަތަކުގައި 40 އަށްވުރެ ގިނަ ރަށުގެ މުދާ


ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ދަށުން ހިންގާ އޮތެންޓިކް މޯލްޑިވްސް ފިހާރައަކީ ދިވެހި އުފެއްދުންތަކަށް މާކެޓް ހޯދައިދިނުމަށް އެ ކުންފުނިން ހިންގާ ފިހާރައެކެވެ. އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ބީސީސީން ހުޅުވި އޮތެންޓިކް މޯލްޑިވްސް ފިހާރަތަކާއިއެކު މީގެކުރިން އުފެއްދުންތައް މާކެޓް ނުކުރެވި ތިބި ދިވެހި އުފެއްދުންތެރިންނަށް އެމީހުންގެ އުފެއްދުންތައް މާކެޓްކުރުމުގެ ފުރުސަތު ފަހިވެގެން ދިޔައެވެ.

އޮތެންޓިކް މޯލްޑިވްސްއިން މިހާރު އަންނަނީ 4 ފިރާހައެއް ހިންގަމުންނެވެ. އެއީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ޑިއުޓީ ފްރީގައި ހުންނަ ފިހާރައާއި، ހުޅުމާލޭ ސެންޓްރޯ މޯލްއާއި މާލެއާއި ކުޑަވިނލިގިލީގެ އިތުރުން ދާދި ފަހުން އެ ކުންފުނިން ކްރޮސްރޯޑްގައި ހުޅުވި ފިހާރައެވެ.

ބީސީސީއިން ބުނީ އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތަކުގައި މިހާރު 180 އަށްވުރެ ގިނަ ސަޕްލަޔަރުން ތަކެތި ވިއްކަމުން އަންނަކަމަށެވެ. މިއީ އެ އުފެއްދުންތެރިންގެ 7000 އަށްވުރެ ގިނަ ތަފާތު މުދަލެވެ.

މާލޭގެ އިތުރުން އަތޮޅުތަކުގެ ވިޔަފާރިވެރިންގެ ތަކެތިވެސް އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތަކުގައި އަންނަނީ ވިއްކަމުންނެވެ. އެގޮތުން އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތަކަށް 40 އަށްވުރެ ގިނަ ރަށުން މުދާ ފޯރުކޮށްދޭކަމަށް ބީސީސީން ބުނެއެވެ.

އޮތެންޓިކް މޯލްޑިވްސްއިން އަންހެން ވިޔަފާރިވެރިން ކުރިއެރުވުމަށްވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އަންހެން ވިޔަފާރިވެރިންނަށް ވިޔަފާރި ފެށުމާއި އެ ވިޔަފާރިތައް ކުރިއެރުވުމުގެ މަގު ދަނީ ފަހިކޮށްދެމުންނެވެ. ބީސީސީއިން ބުނީ އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތަކުގައި ތަކެތި ވިއްކާ ވިޔަފާރިވެރިންގެ ތެރެއިން 100 އަށްވުރެ ގިނަ ވިޔަފާރިވެރިންނަކީ އަންހެނުންކަމަށެވެ. އަދި 10 ކުޑަކުއްޖެއްގެ އުފެއްދުންތައްވެސް ދަނީ މާކެޓްކޮށްދެމުންނެވެ.

ބީސީސީއިން ބުނީ އޮތެންޓިކް ފިހާރަތަކުން މިހާތަނަށް ސަޕްލަޔަރުންނަށް 35 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށެވެ. ބީ.ސީ.ސީގެ އަމާޒަކީ ދިވެހި އުފެއްދުންތެރިންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ރަނގަޅު މާކެޓެއް ހޯދައި ދިނުމެވެ. އެހެންކަމުން މަސައްކަތް ކުރަމުންދަނީ އޮތެންޓިކް މޯލްޑިވްސްގެ އައުޓްލެޓްތައް ރާއްޖެއިން ބޭރުގައިވެސް ހުޅުވުންކަމަށް ބީސީސީއިން ބުނެއެވެ.

ބީ.ސީ.ސީއަކީ ރާއްޖޭގައި ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ. އެ ކުންފުނިން ދަނީ ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް ކޮންސަލްޓެންސީ ދިނުމާއި އެހީތެރިވެ ދިނުމުގެ މަސައްކަތް ހިލޭ ފޯރުކޮށްދެމުންނެވެ.

ބީސީސީއިން އަންނަނީ އަތޮޅުތަކުގެ އެކި ސަރަހައްދުތަކުގައި ބީސީސީގެ ގޮފިތައް ހިންގައި މި ގޮފިތައް މެދުވެރިކޮށް ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އަތޮޅުތަކުގެ 13 ސަރަހައްދެއްގައި އަންނަނީ ބީސީސީގެ ގޮފިތައް ހިންގަމުންނެވެ.