ޚަބަރު

ޒަމާންވީ ކުނިފުނިތަކުން މިންޖުވެ، ކުނިން އާމްދަނީ ހޯދުމުގެ ތަޞައްވުރު ހަގީގަތަކަށް


ކުނީގެ މައްސަލައަކީ ރައްޖޭގެ ނާޒުކުރު ތިމާވެއްޓަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. މިމައްސަލަ ހައްލުކުރުމަށް ސަރުކާރުންވަނީމިވޭތުވެދިޔަ އަހަރުތަކުގައި މުހިއްމު ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

ރާއްޖޭގެ ގުދުރަތީ ރީތިކަމަކީ އެއްވެސް މީހަކު އެކަމަކާއި ދެބަސްނުވާނެ ރީތިކަމެކެވެ. ރަށްރަށުގެ ގުދުރަތީ ރީތިކަމަށް ހިޔަނިއަޅާ އެންމެ ބޮޑު މައްސަލައަކީ ރަށްރަށުގައި ހަދަންވީ ގޮތެއް ނޭނގި ހުރި އެތައް ޒަމާންވީ ކުނީގެ ބޮޑެތި ފުނިތަކެވެ. ރަށްރަށުގެ ކައުންސިލްތަކަށްވެސް ކުންޏަށް ހަދަންވީ ގޮތް ނޭނގި ރާއްޖޭގެ އެތަށް ރަށެއްގައި މި މައްސަލަ އޮތީ ބޮޑުވެފައެވެ.

އެކި ދުވަސްވަރު ކުނި ފުނި އަންދައިގެން ރަށުގެ ވައި ތަޣައްޔަރުވުމާއި، މޫސުމީ ވަޔާއެކު ކުނި ގޮނޑުގައި ގިނަވެފައިވާ، މެއްސާއި މާބުރު މުޅި ރަށުތެރެއަށް ދިޔުމުގެ ސަބަބުން ކުރިމަތިވަމުންދިޔަ ސިއްޙީ ނުތަނަވަސްކަމުގެ ވާހަކަވެސް ދައްކާ ދައްކާ ރައްޔިތުން ތިބީ ވަރުބަލިވެފައެވެ. ރަށްރަށުގައު ހުރި ކުނި ފުނިތަކުގެ މައްސަލަ ބޮއްސުންލައިގެން ދިޔުމުގެ މައިގަނޑު ސަބަބަކީ ފަނާނުވާ ޒާތުގެ ކުނި ގޮނޑުގައި ގިނަވެ އެއްވެސް ހަމައެއްލަމައެއްނެތި ހުރިހާ ކުންޏެއް އެއްތާކަށް ޖަމާކުރަމުން ދިޔުމުގެ ނަތީޖާއެވެ. އަދި ބައެއް ރަށްރަށުގައި މިކުނި ފުނިން ގަސްފަޅައި ކުނި ފުނި ގެއްލޭ ހިސާބަށް ގޮސްފައިވާ މަންޒަރުވެސް މިވޭތުވެގެންދިޔަ ކައިރި މާޒީގައިވަނީ ފެނިގެން ގޮސްފައެވެ. މިކަމަށް ދާއިމީ ޙައްލެއް އަންނާނެކަމުގެ ޔަޤީންކަމެނެތް އެތައް އަހަރެއް ވޭތުވެގެން ގޮސްފިއެވެ.

ކުނި ފުނިތައް ރަށުން ބޭރުވެ، ރަށްރަށަށް ހަމަނޭވާލެވޭނެ ފުރުޞަތު

މިމަންޒަރު ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ނިންމެވީ އެމަނިކުފާނު، ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި އެންމެ ގިނަ ކަންބޮޑުވުމާއި ޝަކުވާ އަންނަ އެއް މައްސަލައަށް ކުނީގެ މައްސަލަވެ، މިކަން ބޮއްސުންލައިގެން ދިޔުމުގެ ސަބަބުންނެވެ.

އެހެންކަމުން މިކަމައަށް ޙައްލެއް ގެނެސްދެއްވުމަށް ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުންވަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން މެދުވެރިކޮށް ރަށްރަށުގައި ހުރި ޒަމާންވީ ކުނިފުނިތައް ނަގާ ރަށުން ބޭރުކުރުމުގެ މަސައްކަތް ފަށާފައެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ ދަށުން 48 ރަށަކުންވަނީ ކުނި ބޭރުކޮށްފައެވެ. މީގެއިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ކުނި މެނޭޖްކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން 23 ރަށެއްގައި ފެސިލިޓީތައް ޤާއިމުކޮށް ނިމިގެންވަނީ ބޭނުންކުރަން ފަށާފައެވެ. އަދި މިވަގުތު 4 ފެސިލިޓީއެއްގެ ޢަމަލީ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ކުނީގެ މައްސަލައިގައި ފާހަގަކުރެވޭ އެތައް ވާހަކަތަކެއް ރަށްރަށުން އަޑުއިވެއެވެ. މީގެތެރެއިންވެސް އެންމެ ފާހަގަކުރެވޭ އެއް ރަށަކީ ވ. ތިނަދޫއެވެ. ތިނަދޫއިން އެންމެ ފަހުން ކުނި ބޭރުކުރިކަމަށް އެރަށު ކައުންސިލުން ވިދާޅުވަނީ މީގެ 25 އަހަރު ކުރިންނެވެ. އެއީ އަތޮޅު އޮފީހުގެ ދޯންޏެއްގައި ރަށުގައި އޭރު ޖަމާވެފައިހުރި ކުނި ބޭރުކުރިވާހަކައެވެ.

އޭގެފަހުން މިވީ 25 އަހަރުގެތެރޭގައި އެރަށުގެ ރައްޔިތުން ދިރިއުޅެމުން އަންނަނީ ބޮޑު ކުނި ފުންޏެއް ރަށުގެ އެއްފަރާތުގައި ބަހައްޓައިގެންނެވެ. ސަބަބަކީ ތިނަދޫއަކީ ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރެވޭނެ މަރުކަޒެއް ނެތް ރަށްރަށުގެ ތެރެއިން އެއްރަށްކަމުގައިވާތީއެވެ. މިގޮތުން އެރަށުން އެކަނިވެސް ވެމްކޯއިންވަނީ 25 އަހަރުވެފައިވާ ގާތްގަނޑަކަށް 1300 ޓަނުގެ ކުނި ބޭރުކޮށްފައެވެ.

މިއީ އެންމެ ރަށެއްގެ ވާހަކައެވެ. ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ބަޖެޓުގެ ބޭރުން ފެއްޓެވި މިމަސައްކަތްތާއެކު މިފަދަ އެތައް ރަށެއްގައި ހުރި އެތައް އަހަރެއްވީ ކުނި ވެމްކޯއިންވަނީ ބޭރުކޮށްދެއްވާފައެވެ.

ކުނި ބައިބަޔަށް ވަކިކޮށްގެން އުކާލުމުގެ ސިޔާސަތު ތަންފީޒުކުރަން ފެށުނުް

ކުނި މެނޭޖްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މުޅި ރާއްޖެއަށް އިންޤިލާބީ ބަދަލެއް ގެނުވި އެއްކަމަކީ ފުރަތަމަ ފަހަރަށް ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް ކުނި ބައިބަޔަށް ވަކި ކޮށްގެން ނަގަން ފެށުމުގެ ބިޔަ މަޝްރޫޢެވެ.

މި މައްސަކަތުން އަދި އެންމެ ބޭނުންވާ ނަތީޖާ ނިކުންނަ މަންޒަރު ނުފެނުނު ނަމަވެސް މިއީ ފެށުމެއް ކަމަށް ސަރުކާރުން ދެކެއެވެ. އަތޮޅުތެރޭގެ އިތުރުން މިއަހަރުގެ ޖޫން މަހުން ފެށިގެން މާލެ ސަރަޙައްދުގައިވެސް މިއުޞޫލުން ކުނި ނަގަންވަނީ ފަށާފައެވެ. ގޮންޖެހުން ބޮޑު މިމަސައްކަތް، ކާމިޔާބު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު މިކަމުގައި އެންމެބޮޑު ބަދަލެއް ގެނެވޭނީ ޢާއްމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަކުންކަމަށް ސަރުކަރުން ވިދާޅުވެއެވެ.

އެއްވެސް ތަރުތީބެއްނެތް ތިލަފުށީގެ ކުނި ގޮނޑަށް އިންޤިލާބީ ބަދަލުތަކެއް

ހަމައެއާއެކު މީހުން ދިއުން ރައްކާތެރި ނޫންކަމަށް ޒަމާނުއްސުރެ ޤަބޫލުކުރެވިފައިވާ، ރާއްޖޭގެ ކުނި މެނޭޖްކުރާ މައި މަރުކަޒު، ތިލަފުށީގެ މުޅި މަންޒަރުވަނީ މިވެތުވެދިޔަ 4 އަހަރުތެރޭގައި ބަދަލުކޮށްލާފައެވެ.

އަބަދު އެތަނުން ދުން އެރުމުގެ ސަބަބުން ކަރިއިރި ރަށްރަށާއި މާލޭގެ ރައްޔިތުންނަށްވެސް އެތައް ތަކުލީފެއްވަނީ އުފުލަންޖެހިފައެވެ. އެހެންނަމަވެސް މިއަދު އެމަންޒަރެއް ނުފެނެއެވެ. ތިލަފުށިން އަރަމުންދިޔަ ދުންތައް ހުއްޓުވާ އެތަނުގައި ހުރި ބޮޑު ކުނި ފުނިން ބޮޑުބައެއް ސާފުކޮށްފައިވާއިރު، މިހާރު ސަރުކާރުގެ އަމާޒަކީ އެއީ ޢާއްމުންނަށް ގޮސްލާ ހިތްހަމަޖެހިގެން ވަގުތު ހޭދަކުރެވޭނެ ކޮންސެޕްޓަކާއެކު ތަރައްޤީކުރެވޭ ތަނަކަށް ހެދުމެވެ.

ކުނިން ހަކަތަ އުފެއްދުމުގެ އުއްމީދީ ތަޞައްވުރު

2021 ވަނަ އަހަރު ދެފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދިޔުމަށްޓަކައި، އިފްތިތާޙްކޮށްފައިވާ "ގްރޭޓަރ މާލޭ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް" ގެ ދަށުން މިހާރު ވަނީ ތިލަފުއްޓަށް ޢުމްރާނީ ބޮޑު ބަދަލެއް ގެނެސްފައެވެ.

އެގޮތުން ބަނދަރު ތަރައްޤީކުރުމާއި، ރަށްރަށުން ގެންނަ ކުނި ބާލާނެ ވަކި ތަނެއްވަނީ ޤާއިމުކޮށްފައެވެ. އަދި މިހާރު ކުރަމުން ދަނީ ކުނި ވަކިކޮށް ޝްރެޑްކޮށް އިންސިނެރޭޓްކުރުމަށް ވަޞީލަތްތައް ޤާއިމުކުރުމުގެ މަސައްކަތްތައްކަމަށް އެންވަޔަރަމަންޓް މިނިސްޓްރީއިން ވިދާޅުވެއެވެ. މީގެ ދެވަނަ ފިޔަވަހީގެ ދަށުން ތިލަފުށިން ނައްތާލާ ކުނިން ހަކަތަ އުފެއްދުމުގެ ބޮޑު މަޝްރޫޢެއްގެ މަސައްކަތް ފެށުމަށްވެސް އަންނަނީ ތައްޔާރުވަމުންނެވެ.

ކުނިން ޙަކަތަ އުފެއްދުމުގެ މަޝްރޫޢެއް އައްޑޫ ސިޓީގައިވެސް އަންނަނީ ހިންގަމުންނެވެ. އަންނަ އަހަރު މީގެ މަސައްކަތް އެއްކޮށް ނިމޭނެކަމަށް ލަފާކުރެވޭއިރު، މިއީ ދުވާލެއްގެ މައްޗަށް 50 ޓަނުގެ ކުނި މެނޭޖްކޮށް 1.5 މެގަވޮޓްގެ ކަރަންޓު އުފެއްދޭނެ ކެޕޭސިޓީގެ ޕްލާންޓެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ކުނިން ހަކަތަ އުފެއްދުމަށް ކުރިއަށްގެންދާ މަޝްރޫޢުތައް ނިމިގެންދާއިރު، ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް އިންޤިލާބީ ބޮޑު ބަދަލެއް ފެނިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.