ދީން

ދީނީ ފަތުވާ ދިނުމަށް ޚާއްސަ މަޖިލީހެއް އުފެއްދުމަށް ހުށައަޅައިފި


ރާއްޖޭގައި ދީނީ ގޮތުން ޚިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި ސަރުކާރަށާއި ރައްޔިތުންނަށް ދީނީ ފަތުވާ ދެއްވުމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ނަމުގައި މަޖިލީހެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހަށް އިޞްލާޙެއް ހުށައަޅުއްވައިފިއެވެ.މި އިޞްލާޙަކީ ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނުނަށް އިސްދޫ ދާއިރާގެ މެމްބަރު އަޙްމަދު ރަޝީދު، ހުށައެޅުއްވި އިޞްލާޙެކެވެ.ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނަށް އިސްދޫ ދާއިރާގެ މެމްބަރު އަޙްމަދު ރަޝީދު ހުށައެޅުއްވި އިޞްލާޙުގައި ވަނީ، ރާއްޖޭގައި ދީނީގޮތުން ޚިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި، ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ދީނީ ފަތުވާ ފޯރުކޮށްދިނުމަށާއި، ފިޤްހީ އައު މައްސަލަތަކުގެ ދިރާސާތައްކޮށް، އެކަންކަމާގުޅޭ  ދީނީ ލަފާދިނުމަށްޓަކައި "އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް"ގެ ނަމުގައި މަޖިލީހެއް އުފައްދަންވާނެ ކަމަށެވެ.މިޤާނޫނުގެ ދަށުން އެންމެ މަތީ މަޖިލީހުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށްޓަކައި، މިޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ނަމުގައި އޮފީހެއް ރައީސުލްޖުމްހޫރިއްޔާ ޤާއިމްކުރައްވަން ވާނެކަމަށާއި، އެ އޮފީހަކީ އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގޭ ދައުލަތުގެ ވަކި އިދާރާއެއްކަމަށް ބުނެފައިވެއެވެ. އަދި މި ޤާނޫނުގެ ދަށުން އުފެދޭ މަޖިލިސް ޖަވާބުދާރީވާނީ އިސްލާމިކް މިނިސްޓަރަށް ކަމަށްވާއިރު، މިނިސްޓަރުގެ ބާރު އެމަޖިލީހުގެ މައްޗަށް ހިނގާނެކަމަށް އިޞްލާޙުގައިވެއެވެ.އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ބައެއް މަސްއޫލިއްޔަތުގެ ތެރޭގައި ދައުލަތުގެ މުއައްސަސާތަކުން މަޖިލީހުގެ ލަފަޔަކަށް އެދޭ ދީނީ ކަންކަމުގައި އެފަރާތްތަކަށް ބޭނުންވާ އިސްތިޝަރީ ލަފާ ފޯރުކޮށްދިނުމާއި، ރައްޔިތުންގެ ދީނީ ޚިޔާލު ތަފާތުވުންތައް އުފެދޭ މައްސަލަތައް ދެނެގަނެ އެކަންކަމުގެ ދިރާސާކޮށް އެމަޖިލީހުގެ ފަތުވާ ޢާންމުންނަށް ލިބިދިނުން ހިމެނެއެވެ. އަދި ދީނީ ކަންކަމުގައި ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ތަފާތު ދީނީ މައުޟޫތަކަށް ދިރާސާކޮށް ލިޔެފައިވާ ލިއުންތައް ހިމަނައިގެން މަޖައްލާއެއް ނެރުންވެސް ހިމެނެއެވެ.ދީނީ އެއްބައިވަންތަކަމުގެ ޤާނޫނަށް ހުށައަޅުއްވާފައިވާ މިއިޞްލާޙުގައިވާ ގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް އެކުލެވިގެންވަނީ 5 މެމްބަރުންގެ މައްޗަށެވެ. އެއީ މިނިސްޓަރ އައްޔަންކުރައްވާ މެމްބަރަކާއި، ޝަރުޢީކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އުއްތަމަ ފަނޑިޔާރުގެ ލަފާފުޅުގެ މަތިން ޢައްޔަންކުރާ މެމްބަރަކާއި، އިސްލާމިކް ޔުނިވަރސިޓީގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޢައްޔަންކުރާ މެމްބަރުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ 2 މެމްބަރުންނެވެ.