ރާއްޖޭގައި ފަޤީރުންގެ ގޮތުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ރަޖިސްޓްރީކޮށްފައެވެ. މިއަދާއި ހަމައަށްވެސް ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައި މީހުންނަށް ޒަކާތް ދިނުން ފިޔަވައި އެމީހުންގެ އެ ޙާލަތު ބަދަލުކޮށްދިނުމަށް އެއްވެސް ސަރުކާރަކުން ފިޔަވަޅެއް އަޅުއްވާފައެއް ނުވެއެވެ.
ނަމަވެސް ފަޤީރުންގެ ލިސްޓްގައި ހިމެނޭ މީހުންގެ ޢަދަދު މަދުކޮށް އެމީހުންނަކީވެސް އަމިއްލަ ފައިމައްޗަށް ތެދުވެ އާމްދަނީ ލިބޭނެ ފަދަ މަސައްކަތެއް ކުރާ ބަޔަކަށް ހައްދަވައިދެއްވުމުގެ މުހިންމު މަސައްކަތް ފައްޓަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހްގެ ސަރުކާރުންނެވެ.
އިސްލާމިކް މިނިސްޓްރީން އެންމެ ފަހުން އެކުލަވާލާފައިވާ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންގެ އަދަދު މިދިޔަ އަހަރަށްވުރެ މިއަހަރު ވަނީ އިތުރުވެފައެވެ. މިއަހަރުގެ ލިސްޓުގައި 7000 އަށްވުރެ ގިނަ މީހުން ހިމެނެއެވެ. އަދި ރާއްޖޭގައި ފަޤީރުންގެގޮތުގައި ރަޖިސްޓްރީވެފައިވާ މީހުންނެތް 42 ރަށެއް ހިމެނޭކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.
ފަޤީރުންގެ ދަފްތަރު އަހަރުން އަހަރަށް އިތުރުވަމުން އަންނައިރު މިކަން އަދި ހިނގަންޖެހޭނީ މިގޮތައް ނޫންކަން މި ސަރުކާރަށް ވިސްނުނެވެ. އެހެންކަމުން ފަޤީރުންނަށް އެމީހުންގެ ދިރިއުޅުމައިގެން ކުރިއަށްދާނެ އިތުރު މަގެއް ފަހިކޮށްދޭންޖެހޭކަމަށް މި ސަރުކާރަށް ޤަބޫލުކުރެވުނެވެ.
އިސްލާމިކް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ދާދިފަހުން ވަނީ ރާއްޖެއިން ފަޤީރުކަން ނައްތާލުމަށް "ޒަކާތު ނަފާ" ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް ފައްޓަވާފައެވެ. މިއީ މިދިޔަ އެއްވެސް ސަރުކާރަކަށް ކުރަން ވިސްނުމަށްވެސް އައިސްފައިވާ ފަދަ މަސައްކަތެއް ނޫނެވެ. ނަމަވެސް މި ސަރުކާރުން މިހާރު ވަނީ މިބޮޑު މަސައްކަތް ފައްޓަވާފައެވެ.
މިއީ ފަޤީރު އާއިލާތައް އަމިއްލައަށް ވިޔަފާރިކޮށް، މަންފާ ހޯދޭނެ ގޮތެއް ހޯދައިދިނުމަށް ފަށާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ހިންގާނީ އިސްލާމިކް މިނިސްޓްރީއާއި، އިކޮނޮމިކް މިނިސްޓްރީ، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އަދި އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ގުޅިގެންނެވެ.
"ޒަކާތު ނަފާ" ޕްރޮގްރާމަކީ ރާއްޖޭގައި ފަޤީރުންގެ އާބާދީ ނައްތާލުމަށް ފަށާ މިފަދަ އެންމެ ބޮޑު ޕްރޮގްރާމެވެ. މި ޕްރޮގްރާމް ކުރިއަށްގެންދަނީ 2021 ވަނަ އަހަރުގެ ފަޤީރުންގެ ދަފްރަތުގައި ތިބި މީހުންނަށެވެ. ރާއްޖޭގެ ފަޤީރުންގެ ދަފްތަރުގައި 7763 މީހުން ހިމެނެއެވެ.
މި ސަރުކާރަށް 4 އަހަރު ފުރުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއްގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާއިލް ވިދާޅުވީ، ކުރިން އޮންނަގޮތުން ޒަކާތު ފަންޑުން ފަޤީރުންނަށް ބަހާލުމަށްފަހުގައި އެކަން ނިމެނީކަމަށެވެ.
ނަމަވެސް މި ޕްރޮގްރާމްގެ ބޭނުމަކީ ފަޤީރުންނަށް އާމްދަނީ ލިބޭނެ ފަދަ ގޮތެއް ހަމަޖައްސަވައިދެއްވުންކަމަށެވެ. ފަޤީރުންގެ ޙާލަތު ބަދަލުކުރެވިއްޖެނަމަ މިއީ އިޖްތިމާޢީގޮތުން ޤައުމަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށް ވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ފައިސާކޮޅެއްދީފައި އެދުވަހުގެ ބޭނުން ފުއްދާލުމުގެ ބަދަލުގައި އަޅުގަނޑުމެން ބަލަމުންދާނަން ފަންޑު ކޮށްދޭ މީހުންގެ އެ މަސައްކަތްދާވަރާއި، އެމީހުން އެހީތެރިކަމެއް ބޭނުންވޭތޯއާއި، ޓްރެއިނިން ބޭނުންވޭތޯއާއި. ރަށްރަށުގައި ފަޤީރުކަމާއިހެދި ހަމައެކަނި އަސަރުކުރަނީ އެ ފަޤީރުކަން އިހްސާސްކުރާ ފަރާތް އެކަންޏެއްނޫން. އޭގެ ސަބަބުން އެ މުޖްތަމައުއެއްގައިވެސް އެބަ ނިކުމޭ ވަރަށް ބައިވަރު އިޖްތިމާއީ މައްސަލަތަކެއް. މިސާލަކަށް ފަޤީރުކަން ތަހައްމަލްކުރާ އާއިލާއެއްގެ ކުދިންނަށް ދިމާވާ ކަންތައްތައް. މިހުރިހައި ކަމަކަށް ވިސްނާފައި އަޅުގަނޑުމެން ވިސްނީ އެންމެ އަވަހަށް އެންމެ ގިނަ ރަށްރަށަށޭ އަޅުގަނޑުމެން ފުރަތަމަ ޓާގެޓް ކުރާނީ. އެހެންވީމަ 10 ގޭބިސީއިން ދަށުގެ ފަޤީރުކަން ތަހައްމަލް ކުރަމުންދާ ރަށްތަކަކީ ކޮބައިތޯ. އެގޮތުން 96 ރަށެއް މިއޮތީ. އެހެންވީމަ އަޅުގަނޑުމެން މި ޕްރޮގްރާމް މި ފަށަނީ އެ 96 ރަށުގައި އަޅުގަނޑުމެންނާއިއެކު މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކާއިއެކުގައި" މިނިސްޓަރ ވިދާޅުވިއެވެ.
"ޒަކާތު ނަފާ" ޕްރޮގްރާމް ނިމިގެންދާއިރު ރާއްޖޭގެ 96 ރަށަކުން ފަޤީރުކަން ނައްތާލުމަކީ ސަރުކާރުގެ އަމާޒެކެވެ. ސަރުކާރުން ވިދާޅުވީ، ޕްރޮގްރާމް ކުރިއަށްގެންދަނީ އެކި ފިޔަވައްސަށް ބަހާލައިގެންކަމަށެވެ. ފުރަތަމަ ފިޔަވަހީގައި މި ޕްރޮގްރާމްގައި ބައިވެރިކުރަނީ، އެ ރަށެއްގައި ފަގީރުގެ ގޭބިސީ 10 އަށްވުރެ ދަށް ރަށްތަކެވެ. ފަޤީރުންގެ ގޭބިސީ 10 އަށްވުރެ ދަށް 96 ރަށް ރާއްޖޭގައި އެބައޮތެވެ. ފުރަތަމަ ބުރުގައި މި ރަށްތަކުގެ 350 ގޭބިސީ ހިމެނެއެވެ. އެއީ ފަޤީރުންގެ އާބާދީ 1077 އެވެ.
މި ޕްރޮގްރާމްގައި ކޮންމެ ގޭބިސީއަކަށް 150000އާ ހަމައަށް މާލީ އެހީ ދޭނެއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވަނީ ޒަކާތު ފަންޑުން މި މަސައްކަތަށް 1.5 މިލިއަން ރުފިޔާ ކަނޑައަޅާފައިވާކަމަށެވެ. މުޅި ޕްރޮގްރާމްގެ އަމާޒަކީ ފަޤީރުންގެ ދަފަތަރުގައި މިހާރު ރަޖިސްޓްރީވެފައިވާ ފަރާތްތަކަކީވެސް މުސްތަޤްބަލުގައި ޒަކާތް ދެއްކޭނެފަދަ ތަނަވަސްކަމެއް ލިބިފައިވާ ބަޔަކަށް ހެދުމެވެ.
ޕްރޮގްރާމްގައި އާއިލާތައް ބައިވެރިކޮށް، އާމްދަނީ ހޯދުމަށް ވިޔަފާރިއެއް ފެށޭނެ ގޮތް ހޯދައިދިނުމަށް، ބީސީސީއާއި އެގްރޯނެޓް އަދި ކައުންސިލްތައް ގުޅިގެން ވަނީ މަސައްކަތްތައް ފަށާފައެވެ. ވިޔަފާރިއެއް ކުރެވޭނެ ޙާލަތެއްގައި ނެތް އާއިލާތަކަށް، އެމީހުން ދިރިއުޅޭ ގޭ ގެއިން ކުއްޔަށް ދިނުމަށް ކޮޓަރި ހަދާ، ދޫކުރުންފަދަ އެހީތައްވެސް މީގެތެރޭގައި ހިމެނެއެވެ.
ސަރުކާރުން ޢަމާޒު ހިފާފައިވަނީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މިކަމުގެ ޢަމަލީ މަސައްކަތްތައް ރަށްރަށުގައި ފެށުމަށެވެ. މި ޕްރޮގްރާމްގެ ދަށުން ދޫކުރާ އެހީއަކީ ހިލޭ އެހީއެވެ. ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސް ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމޭއިރު، ފަޤީރުންގެ ލިސްޓުން ރާއްޖޭގެ 96 ރަށް އުނިވާނެއެވެ. ރާއްޖޭގައި ބައެއް ރަށްތަކުގައި ފަޤީރުންގެ އާބާދީ، 50 ގޭބިސީން މަތީގައިވެސް އެބަހުއްޓެވެ. މި ޕްރޮގްރާމްގެ އެންމެ ފަހު ފިޔަވަހިތަށް ޢަމާޒުކުރާނީ ފަޤީރުންގެ އާބާދީ ބޮޑު ރަށްތަކަށެވެ.