ޚަބަރު

ދަނޑުވެރިންނަށް ހުރި ފުރުޞަތުތައް އަންގައިދިނުމަށް ތޮއްޑޫގައި ޙާއްސަ ޕްރޮގްރާމެއް


ދަނޑުވެރިން އަހުލުވެރިކުރުވުމުގެ ޕްރޮގްރާމެއް އއ. ތޮއްޑޫގައި ކުރިއަށްގެންގޮސްފިއެވެ. މިއީ މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި ތޮއްޑޫ ކައުންސިލް އިދާރާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

"ދަނޑުވެރިން އަހުލުވެރި ކުރުމުގެ ވޯކްޝޮޕް" ގެ ނަމުގައި ތޮއްޑޫގައި ކުރިއަށްގެންދިޔަ މި ވޯކްޝޮޕް ބާއްވާފައިވަނީ 2 ދުވަހުގެ މުއްދަތަކަށެވެ. މި ވޯކްޝޮޕްގައި މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަދި ދައުލަތުގެ އެކި މުޢައްސަސާތަކާއި އަމިއްލަ ފަރާތްތަކުން ދަނޑުވެރިންނަށް އަމާޒުކޮށްގެން ދެމުން ގެންދާ ޚިދުމަތްތަކުގެ މައުލޫމާތު ވަނީ ދަނޑުވެރިންނާއި ޙިއްޞާކޮށްފައެވެ.

މިނިސްޓްރީގެ ފަންނީ މުވައްޒަފުންގެ އިތުރުން މި ވޯކްޝޮޕްގައި މައުލޫމާތު ފޯރުކޮށްދެއްވާފައިވާ ފަރާތްތަކުގެ ތެރޭގައި އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސިންގ ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ)، އެގްރޯ ނެޝަނަލް ކޯޕަރޭޝަން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާއި ދަނޑުވެރިކަމަށް ބޭނުންވާ ސާމާނު ވިއްކާ ފަރާތްތައް ހިމެނެއެވެ.

އެގްރިކަލްޗަރ މިނިސްޓްރީއާއި އެސް.ޑީ.އެފް.ސީ ގުޅިގެން ކުރިއަށް ގެންދާ "ދަނޑުވެރި ނަފާ" ލޯނު ޕްރޮގްރާމްގެ ދަށުން ލޯނު ނަގަން ޝައުޤުވެރިވާ ފަރާތްތަކަށް ބޭނުންވާނެ މަޢުލޫމާތުވެސް މި ޕްރޮގްރާމްގެ ތެރެއިން ވަނީ ދަނޑުވެރިންނަށް ފޯރުކޮށްދީފައެވެ.

ދަނޑުވެރިކަމުގެ ސާމާނު މާކެޓް ކުރުމުގައި ދިމާވާ މައްސަލަތައް ޙައްލު ކުރުމަށް އެގްރޯނެޓުން ކުރަމުން ގެންދާ މަސައްކަތްތަކާއި ތޮއްޑޫގެ ދަނޑުވެރިންނަށް ބޭނުންވާ ކަންކަމުގައި އެގްރޯނެޝަނަލް ކޯޕަރޭޝަންއިން ވެދެވޭނެ އެހީތެރިކަމާއި، އެކުންފުންޏާއެކު މަސައްކަތް ކުރުމަށް ހުރި ފުރުޞަތުތަކުގެ މައުލޫމާތު އެކުންފުނީގެ ފަރާތުން ވަނީ ޙިއްޞާކޮށްދެއްވާފައިކަމަށް އެގްރިކަލްޗަރ މިނިސްޓްރީން ވިދާޅުވެއެވެ.

"މޯލްޑިވްސް ގުޑް އެގްރިކަލްޗަރ ޕްރެކްޓިސް" ގެ ނަމުގައި މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި ގުޅިގެން ކުރިޔަށް ގެންދާ ސްކީމްއާއި ގުޅޭ މައުލޫމާތު ވެސް މި ވޯކްޝޮޕްގައި ވަނީ ފޯރުކޮށްދީފައިވެއެވެ.

ދަނޑުވެރިކަމުގެ އުފެއްދުންތަކަކީ ރައްކާތެރި ތަކެތިކަން ކަށަވަރު ކުރުމާއި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ބޭނުންކުރާ ބައިނަލްޢަޤްވާމީ މިންގަނޑުތަކުގެ މައުލޫމާތާއި ދަނޑުވެރިންގެ ފެންވަރުގައި މި މިންގަނޑުތަކަށް ބަލައިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާއި ބެހޭ މައުލޫމާތުވެސް މި ޕްރޮގްރާމްގެ ތެރެއިން ވަނީ ފޯރުކޮށްދީފައެވެ.

މީގެ އިތުރުން އއ. ތޮއްޑޫގެ ދަނޑުތަކަށް ފެންދިނުމަށް އެދެވޭ ޙައްލުތަކެއް ހޯދައި ދިނުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ އެހީގައި ފެށުމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ ގުޅިގެން މަސައްކަތް ކުރަމުން ގެންދާ މަޝްރޫޢުގެ މައުލޫމާތު ވަނީ ޙިއްޞާކޮށްފައެވެ.

ދަނޑުވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށްވެފައިވާ، ދަނޑުވެރިކަމަށް ބޭނުންވާ ސާމާނުގެ އަގު ބޮޑުވުމުގެ މައްސަލައަށް އެދެވޭ ޙައްލެއް ހޯދުމަށް އެފަދަ ވިޔަފާރިތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކުން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައުލޫމާތުވެސް އެ ވިޔަފާރިތައް ހިންގަވާ ފަރާތްތަކުން ވަނީ މިވޯކްޝޮޕްގެ ތެރެއިން ބައިވެރިންނާއި ޙިއްޞާކޮށްދެއްވާފައެވެ.