ޚަބަރު

މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ސިޔާސަތު އެކުލަވާލުމަށް ބޭނުންވާ އެހީތެރިކަން ހޯދަނީ


މޫސުމަށް އަންނަމުންދާ ބަދަލުތަކުން އަރައިގަތުމަށް ކަނޑައަޅަންޖެހޭ ސިޔާސަތުތައް އެކުލަވާލުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއް އެކުލަވާލައިފިއެވެ.

މިއެއްބަސްވުން އެކުލަވާލާފައިވަނީ ޔޫއެންޑީޕީއާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާއި މޯލްޑިވްސް ރެޑް ކްރެސެންޓާއި ޔުނިވަރސިޓީ އޮފް ބިކޯކާ މިލާނޯއާއި ޔުނިވަރސިޓީ އޮފް ޑުބައިއާއި ދެމެދުގައެވެ.

ސިޑްސްއާއި އެސްޑީޖީ ފަންޑު މެދުވެރިކޮށް ހޭދަކުރުމަށް ހަމަޖެހިފައިވާ މިޕްރޮޖެކްޓްގެ ތެރެއިން ރާއްޖޭގައި ހިންގާ ތަރައްޤީގެ މަސައްކަތްތައް ރޭވުމުގައި ތިމާވެއްޓަށް އޭގެ ނޭދެވޭ އަސަރުތައް ވީހާވެސް ބޮޑަކަށް ކުޑަކުރެވޭނެ ގޮތްތަކަށް ސިޔާސަތުތައް އެކުލަވާލުމަށް މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން ތަރައްޤީގެ އެކި މަޝްރޫޢުތައް ކުރިއަށްގެންދިޔުމުގައި، ދެމެހެއްޓެނިވި ތަރައްޤީއަށް އެޅިފައިވާ ހުރަސްތައް ނައްތާލުމަށް މަގުފަހިވެގެންދާނެކަމަށް ޔޫއެންޑީޕީ މޯލްޑިވްސްއިން ވިދާޅުވެއެވެ.

މިޕްރޮޖެކްޓާއި ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ހެޑް އޮފް ދަ ރިޒިލިއެންސް އެންޑް ކްލައިމެންޓް ޗޭންޖް އެޓްޔޫއެންޑީޕީ މޯލްޑިވްސް، އަޙްމަދު ޝިފާޒް ވިދާޅުވީ މީގެ ސަބަބުން ރަށްރަށުގައި އެކުލަވާލަމުންދާ ތަރައްޤީގެ ޕްލޭންތައް ކުރުމުގައި މިދެޔުނިވަރސިޓީގެ ފަންނީ އެހީތެރިކަން ލިބިގެންދާނެކަމަށެވެ. އަދި ވަރަށް އަވަހަށް މިދެ ޔުނިވަރސިޓީއާއި ގުޅިގެން މަސައްކަތް ފެށިގެންދާނެކަމަށް ޝިފާޒް ވިދާޅުވިއެވެ.

"ޔޫއެންޑީޕީ އަދި އެންޑީއެމްއޭ ގުޅިގެން މަސައްކަތްކުރާނީ ކައުންސިލްތަކާއި ގުޅިގެން މޫސުމީ ބަދަލުތަކަށް ވިސްނައިގެން ތަރައްޤީގެ ޕްލޭންތައް އެކުލަވާލުމަށް، އެއީ ރައްޔިތުންގެ ބައިވެރިވުމާއެކު. މީގައި ބިކޯކާއާއި ޔުނިވަރސިޓީ އޮފް ޑުބާއީއިން ޕްލޭނިންގއަށ ބޭނުންވާ ތަމްރީންތައް އެބޭފުޅުންގެ ތަޖުރިބާގެ އަލީގައި ފޯރުކޮށްދޭނެ" ޝިފާޒް ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ދަށުން މޫސުމަށް އަންނަމުންދާ ބަދަލުތަކުން އަރައިގަތުމަށް މިހާރު އެއްކޮށްފައިވާ މަޢުލޫމާތު އަޕްޑޭޓްކޮށް އަލުން ރިވިއުކުރުމަށްވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ޢާއްމު ރައްޔިތުން ހޭލުންތެރިކޮށް ސްކޫލްތަކުގެ ދަރިވަރުންވެސް މޫސުމީ ކާރިސާތަކުން އަރައިގަތުމަށް ތައްޔާރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިފަދަ މަޝްރޫޢުތަކުގެ ތެރެއިން މޫސުމީ ބަދަލުތަކުން ލިބެމުންދާ އަސަރު ކުޑަކުރުމަށް ރާއްޖެއިން މަސައްކަތް ކުރަމުން އަންނައިރު ރާއްޖެއަކީ މިފަދަ ބަދަލުތަކުގެ ސަބަބުން އެންމެ ފުރަތަމަ ނުރައްކަލަށް ހުށައެޅޭ އެއް ޤައުމެވެ. އަދި ބައިނަލްއަޤުވާމީ ފެންވަރުގައި އެކި މަސައްކަތްތައް ރާއްޖެއިން މިކަމާއި ދެކޮޅަށް ކުރަމުން އަންނައިރު މޫސުމީ ބަދަލުތަކާއި ދެކޮޅަށް ޤައުމީ އަދި ރަށު ފެންވަރުގައި ކުރެވޭ މަސައްކަތް މިހާރަށްވުރެ އިތުރުކުރުމަށް މިއެއްބަސްވުމުގެ ދަށުން މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.