ޚަބަރު

ބަޖެޓް 2023: ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް ރެކޯޑް ޢަދަދެއް


ލާމަރުކަޒީ ޤާނޫނަށް ގެނައި ބަދަލުތަކާއެކު ކައުންސިލްތަކަށް ބޭނުންވާ ބަޖެޓު ހަމަޖެއްސުމަށް، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ބްލޮކް ގްރާންޓްގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ކައުންސިލްތަކަށް ދޫކުރުމަށް ކަނޑައަޅައިފިއެވެ.

2019 ވަނަ އަހަރު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން އެ އަހަރަކަށް ފާސްކުރާ އާމްދަނީގެ މަދުވެގެން 5 އިންސައްތަ އަދި ކައުންސިލްތަކުގެ އިހުތިސާސުގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުގެ ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ 40 އިންސައްތަ ކައުންސިލްތަކަށް ދޫކުރަންޖެހެއެވެ. މިނިސްޓްރީ އޮފް ފިނޭންސްއިން ކަނޑައަޅާ ފިސްކަލް ފޯމިއުލާއެއް ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް ބެހިގެންދާގޮތަށް ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ފައިސާ ދޫކުރަންޖެހެއެވެ.

2023 ވަނަ އަހަރު ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި ދޫކުރުމަށް ކަނޑައަޅާފައިވަނީ ޖުމުލަ 1.8 މިލިއަން ރުފިޔާއެވެ. މިއީ މި ހިނގާ 2022 ވަނަ އަހަރު ކައުންސިލްތަކަށް ދޫކުރާނެ ފައިސާއާ އަޅައިބަލާއިރު 3 އިންސައްތަ އިތުރު އަދެދެކެވެ.


ކައުންސިލްތައް މެދުވެރިކޮށް ފޯރުކޮށްދޭ ޚިދުމަތްތަކަށް ނަގާ ފީ ގެ ގޮތުގައި ލިބޭ އާމްދަނީ އާއި ކައުންސިލްގެ އިޙްތިސާސް ހިނގާ ބިންބިމުގެ ކުލި، ސީދާ ކައުންސިލްތަކަށް ލިބޭނެ ގޮތަށް މިހާރު ވަނީ ހަމަޖެހިފައެވެ. އަދި އެއްގަމު އުޅަނދުތަކާއި ކަނޑު އުޅަނދުތަކުގެ އަހަރީ ފީއިން ލިބޭ އާމްދަނީ ވެސް ލިބިގެންދާނީ އެ އުޅަނދެއް ދުއްވާ ރަށެއްގެ ކައުންސިލަށެވެ.

ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާހުތަކުގެ ދަށުން ކައުންސިލްތަކަށް ދީފައިވާ އިތުރު ބާރުތަކުގެ ތެރޭގައި، މާލީ ގޮތުން ބޮޑެތި ބާރުތަކެއް ދީފައިވެއެވެ. އެގޮތުން ރަށުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ވަސީލަތްތަކުން ލިބޭ އާމްދަނީގެ %40 ކައުންސިލްތަކަށް ލިބުމާއި، މުނިސިޕަލް ޚިދުމަތްތަކުން ލިބޭ ޢާމްދަނީ އެއްކޮށް ކައުންސިލްތަކަށް ދިނުންވެސް ހިމެނެއެވެ.

މީގެ އިތުރުން ރަށްރަށުގައި ހިންގާ 5 މިލިއަން ރުފިޔާއިން ދަށުގެ މަޝްރޫޢުތައް ހިންގުމުގެ ބާރު ކައުންސިލްތަކަށް މިހާރު ވަނީ ލިބިދީފައެވެ. އަދި އަމިއްލަ ނަމުގައި ވިޔަފާރިކުރުމާއި ރަށުގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއްކުރުމުގެ ބާރުވެސް ކައުންސިލްތަކަށް ވަނީ ދީފައެވެ.